ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައި ނަން ދީފައިވާ މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައެޅި ފައިސާގެ 91 އިންސައްތައިގައި އަދި އަތްވެސްނުލާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ބަޖެޓު ޚާއްސަކުރީ ބޯހިޔާވަހިކަމަށެވެ. އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
އެހެންވެ، ބޯހިޔާވަހިކަމަށް މި އަހަރުގެ ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެ ކަމަށް އިއުލާނުކުރިއެވެ.
ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅި 12 ބިލިއަން ރުފިޔާގެ ތެރެއިން 1.8 ބިލިއަން ރުފިޔާ ޚާއްސަކުރީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތައް ކުރިއަށްގެންދާނީ މުޅި ރާއްޖެއަށް ބަހާލައިގެން ކަމަށް ސަރުކާރުން އޭރު ބުންޏެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި އެއީ މުޅިން އަލަށް ފަށާ މަޝްރޫއުތަކެވެ. އެކަމަކު، މިހާރު އަހަރު ނިމެންދާއިރު އެ ބަޖެޓުގައި އަދި އޮތީ އަތްނުލައެވެ.
މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިހާތަނަށް ޚަރަދުކުރީ އެންމެ 164 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށް ވުރެ ވެސް 410 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ރިކޯޑު އަދަދެއް ގޮތުގައި އިއުލާނުކުރި ނަމަވެސް ސަރުކާރުން ބޯހިޔާވަހިކަމުގެ ބަޖެޓުގައި އަތެއްނުލައެވެ.
ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހޭދަކޮށްފައި އެ ވަނީ މި އަހަރަށް ބަޖެޓުކުރި 1.8 ބިލިއަން ރުފިޔާގެ އެންމެ ނުވަ އިންސައްތައެވެ. އެހެންވެ، އަހަރު ނިމެން އެންމެ ދެ މަސް ދުވަހަށްވީއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަޖެޓުކުރި އަދަދުގެ 91 އިންސައްތައިގައި އަތް ވެސް ނުލައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.
ރައީސް މުއިއްޒު: އެ މަނިކުފާނު ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް
ކުރީގެ ހައުސިން މިނިސްޓަރެއްގެ ހައިސިއްޔަތުން ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސް މުއިއްޒު އެންމެ ގިނައިން ވައުދުވެލެއްވީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. މި އަހަރުގެ ބަޖެޓު ހުށަހެޅި ދުވަހު އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވެސް ރައީސް ވަނީ މި ބަޖެޓަކީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް އިއުލާނުކުރައްވާފައެވެ.
"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގައި ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން،" އެ ދުވަހު ރައީސް ވިދާޅުވިއެވެ.
މުޅި މި ސަރަހައްދުގައި ވެސް ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑީ ރާއްޖޭގައި ކަމަށް ހިސާބުތަކުން ދައްކާއިރު އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެނީ ބޮޑު ކުލި ދައްކައިގެން މާލޭ ސަރަހައްދުގައެވެ. ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ވެސް ދަށްވެ، ދޮށީ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު ދިވެހީން ގިނަ ދަރީން ނުހޯދާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ވެސް ބޯހިޔާވަހިކަމާއި މާލީ ނުތަނަވަސްކަން ހިމެނޭ ކަމަށް ސާވޭތަކުން ދައްކައެވެ.
އެހެންވެ، ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ.