"ދިރިއުޅެނީ އެހެން މީހުން ރުއްސަން ކަމަށްވަންޏާ ފިކުރުބޮޑުވުމާއި މާޔޫސްވާގޮތްވާނެއެވެ. އެކަމަކު ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށް އުޅެންޏާ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ.
***
އާރިކް ޑިއުޓީގައި ހުރެފައި އޭނަގެ މަންމަ އޮތް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ނަސީބަކުން އަލާނާ ފެންނާކަށް ނެތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ނޭފަތުގެ ހިނދުރީގައި ޖެހުނީ އުދަގޫދެނިވި ވަހެކެވެ. މާސްކެއް ނުގެނެވުނުކަމާއިމެދު ހިތާމަކުރަމުން އޭނަ ސަލާމްގޮވައިލިއެވެ. އޭނަގެ މަންމަ ޖެނީފާ ކުޑަދޮރު ކައިރީގައި އިށީދެގެން އިނދެފައި އަތުގައި އޮތް އެއްޗެއް ވަގުތުން ކުޝަންގެ ދަށަށް ލާ ފޮރުވިއެވެ. އަދި އެއްފަރާތުގައި ހުރި ސެންޓުފުޅިން ހެދުމުގެ އެކިތަންތަނަށް ޖަހަންފެށިއެވެ.
"ކޮބާ ލޮއްލި ބޮއްލި؟"
"އެއީ ކާކުތަ" އާރިކް ސުވާލުކުރިއެވެ.
"އަބަދު ތަތްލަވާފައި ހުންނަ މަންޖެ....."
"ދުވަހަކު އަޑުނާހާ ނަމެއް..."
"އެއީ ގައިގާ ތަތްލަވާ އޮށެއް..އެ މަންޖެ އަހަރެން ފެންނައިރަށް މޫނު ތަވާއެއްހެން ހަދައިގެން ހުންނަނީ. ބުޅާ ލޮލުން މަށަށް ބަލާލާއިރަށް ހިތަށް އަރާ މޫނުަމަތީ ވިހެލާފާނަމޭ........" ޖެނީފާ ހިތްހަމަނުޖެހިފައި ގޮތަކަށް މޫނުވެސް ހެދިއެވެ."ކަލޭވެސް އަބަދު މިތަނަށް ހުއްދަނެތި ވަންނަނީ ކީއްކުރަން؟ އަހަރެން ބޭނުންކަމެއް މިތަނަކުން ނުވޭ.....ބޭނުން އެއްޗެއް ގެނެސްދެނީއެއްނޫން..މިހެން ތަންނަތަށް ލާ ބަންދުކޮށްގެން އިންސާނުން ގެންގުޅޭކަމެއް ނުދެނެހުރިން....."
"އެނާޖީ ޑްރިންކެއް ލިބިދާނެތަ؟"އާރިކްއަށް އޭނަގެ މަންމަ ފޮރުވީ ވޭޕެއްކަން އެނގުނަސް ދެއްކީ އެހެން ވާހަކައެކެވެ. މުޅިތަނުގައި ހިފާފައިވީ ވޭޕްގެ ވަހެވެ. އޭނަ އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އިރުގެ އަލި އެޅި މޫނާއި އިސްތަށިގަނޑުވެސް ފެންނަނީ ރަންކުލައިގައެވެ.
"ނުލިބޭނެ..."ޖެނީފާގެ އަޑަށް ހަރުކަށިކަން ގެނައެވެ. ދަރިއަކަށްވިޔަސް ހިތުގައި ޒައްރެއްގެ ކުލުނުވެސް ނެތްކަން އަންގަންބޭނުންވާފަދައެވެ."މަށަކީ މީހުންނާއި އެއްވެސް އެއްޗެއް ހިއްސާކުރާ ވައްތަރެއްނޫން..ނޭގެންޏާ މި ސާފުކޮށް ބުނެދިނީ...."
މަންމަގެ ވާހަކަ ހުރިގޮތުން އުދަގޫވިއެވެ.
އޭނައާއި ދަރިއެއްފަދައިން އަނގައިން ބުނަންވެސް މަންމަ ތައްޔާރެއްނޫނެވެ. ހެޔޮކޮށް ހިތަށް ދީނުގައި ބާރު އަޅުއްވާފައިވާއިރު އޭނައަށް މަންމައަށް ހެޔޮކޮށް ހިތުންވެސް ފަސޭހަކަމަކަށްނުވިއެވެ.
"އެނގޭތަ؟" ޖެނީފާއަށް ނީދެވިގެން ވޭޕް ނަގާފައި ދަމާލުމާއެކު ދުންގަނޑުގެ ތެރޭގައި އެމޫނު ފުސްވިއެވެ. އަލާއުއްދީންގެ ވޮށްގަނޑުން ޖިންނި ނިކުންނައިރު އެ އަރާ ބޯ ދުންގަނޑުފަދައެވެ. ޖިންނިއެއްގެ ސިފަ ނުޖެހޭކަމެވެ."ކަލޭ ހަމަ ހީވަނީ ކަލޭގެ ބައްޕަހެން..ކޯތާފަތަށް އެޅޭ އަޑިކޮޅުވެސް...އެހާ ސާފުތާހިރު...ތަރުތީބުކަން ބޮޑު..އަހަރެން ކަލޭދެކެ ރުޅިއަންނަ އެންމެ ބޮޑު ސަބަބަކީ އެއީ........."
އާރިކްގެ ހިތަށް ނުބައިގޮތެއްވިއެވެ. މަންމަ އޭނަދެކެ ލޯބިނުވާކަމާއި އަޅާނުލާކަން އޭނަވެސް ދެނެއެވެ. ނަމަވެސް މަންމަގެ ދުލުން ނަފްރަތުކުރާ ވާހަކަ ބުނުމުން ސިހޭގޮތްވިއެވެ. އެހާ އުދަގޫ ވަގުތެއް އުމުރުގައި އައިކަމެއް ނޭގެއެވެ.
"ނަފްރަތަކީ ބަލިމީހަކަށް އެހާ ޕްރޮފެޝަނަލްކަމެއްނޫން...."
"އަހަންނަކީ ކަލޭގެ ބަލިމީހެއްނޫން.. ބިރުވެރި ހުވަފެނެއް.."
"ތިހެންވާން ޖެހޭ ސަބަބު ދެނެގަންނަން މަސައްކަތް މިކުރަނީ....."
"ސަބަބު ހޯދާނެކަމެއްނެތް....އަހަރެން ހަމަ ހުރިހާ އެއްޗެއް ދެކެ ނަފްރަތުކުރަން..އަމިއްލަ ނަފުސްދެކެ..ދުނިޔެދެކެ...ކަލޭ ދެކެ...."ޖެނީފާގެ އަޑު ހަރުވިއެވެ. އެ ނަޒަރުން އޭނަވެސް އަޅިއަށް ހަދާލާނެކަހަލައެވެ.
"ބޭއިންސާފުން ކަމެއް ވެފައި އޮތިއްޔާ ހަގުރާމަކުރަންވެސް ޖެހޭނެ؟"
"ހަގުރާމަ؟ ކޯނޗަކާއި؟ ދިރިއުޅުމާއި؟ ތަގުދީރާއި؟ މަގޭ އަމިއްލަ ނިންމުންތަކާއި ހަގުރާމަކުރަންވީ؟"ޖެނީފާގެ ތޫނު ނަޒަރު އޭނަގެ މޫނުން ކައްސާނުލައެވެ. އޭނައަށް ދުރު ބަލައިލެވުނެވެ.
"އަޅުގަނޑުވެސް ބޭނުމެއްނޫން މިއީ ދެމީހުންގެ ސްޓޯރީ އއަށްވާކަށް. އެކަމަކު ހިތާމައަކީ އެހެން އެކަން އޮތީ......."
"ވާހަކަ؟ބޮޑަށް ވައްތަރީ ޓައިޓޭނިކްފަދަ ޓްރަޖެޑީ އަކާއި އަދި މުޅިންވެސް ނުބައި ފާޑުކިޔުންތަކާއެކު....ޓައިޓޭނިކް ރިވިއު ރަގަޅުވިޔަސް މީތި އެހެނެއްނޫން...."
އާރިކް އެތަނުން ދާން ތެދުވުނެވެ."އެހެންވިއްޔާ އަލުން މި ވާހަކަ ލިޔަންވީކަން ނޭގޭ...."
ޖެނީފާ ޖަވާބެއްނުދީ ވޭޕް ދަމަންފެށިއެވެ. އަދި ކުދި ކިޔަމުން ހިނިގަނޑެއް ޖަހައިލީ އަމިއްލަ ހިތުގައި އުފެދުނު ކުޑަ އިހުސާސެއްގެ މައްޗަށް ހިޔަނި އަޅުވަމުންނެވެ.
***
ވާރޭ ހުއްޓައިލިނަމަވެސް ހަލަބޮލިކަމަކީ "ދަ ވިލެޖް"ގެ ވުޖޫދުން ފޮހެވިގެންދާނެ އެއްޗެއް ނޫނެވެ. ޑޮކްޓަރ އާރިކް މޭޒުކައިރީ އިނދެ ބަލިމީހެއްގެ ނޯޓްސްތައް ސިސްޓަމުގައި ޓައިޕްކުރަމުން ދިޔައީ ފަރިތަކަމާއެކުގައެވެ. ކުއްލިއަކަށް އޭނަގެ ކީބޯޑްގެ އަޑު ޣަރަގުވެގެން ދިޔައީ ކޮޓަރީގެ ބޭރުން ހަންޑި ޓައްކަނޑާ އަޑަށެވެ. އޭނަގެ އަތުގެ އިނގިލިތަކަށް ހުއްޓުމެއް އައިއިރު ނޭވާވެސް ހިފެހެއްޓުނެވެ. އަލާނާގެ ބޫޓުގެ ޚާއްސަ އަޑެވެ. ކައިރިވަމުން އަންނަ ލާނެތްކަމުގެ އަޑެވެ. އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނަ އަވަސްއަވަހަށް ދުޢާކުރިއެވެ."ޔާﷲ ކެތްތެރިކަން ދެއްވާދޭވެ..."އޭނަ އަލުން ޓައިޕްކުރަންފެށި ނަމަވެސް ލަސްވެއްޖެއެވެ.
"ގުޑް މޯނިން ސަންޝައިން..."އަލާނާ އިއުލާންކުރީ ދޮރު އަޑާއަށް ހުޅުވާފައި އޭނަގެ ކެބިންގެ ތެރެއަށް ވަންނަމުންނެވެ. ދެފައި ލާފައި ހުރި ކެފެއިން އެކެވެ.
"އަލާނާ...ޕްލީޒް މަށާއި ދިމާލަށް ތިހެން ނުކިޔާ..."
"ކީއްވެ ނުކިޔާންވީ؟ ވިދަ ވިދާ ތީނީ..."
"އެއީ މޮނީޓާގެ އަލި ނިތްކުރިއަށް އެޅުނީމަ ފެންނަގޮތް......"
"އެނގޭތަ؟ ޑޮކްޓަރ ގިނައިން ހިނިތުންވެ އުޅެންޏާ ބަލިމީހުން އަވަހަށް ރަގަޅުވާނެ....ސައިންސްގެ އަލީގައި އެކަން ހޯދިފައި އޮތީ.."އަލާނާ ހީލަމުން ދޮރަށް ލެނގިލިއެވެ.
"ކާކުގެ ހޯދުމެއްތަ؟" އޭނަ ބުމަ އަރުވައިލިއެވެ.
"އަހަރެން...ހަމަ ދެންމެއަކު..."
"އަލާނާ...އަހަރެން މަސައްކަތް ކުރަނީ މިކަމަށް ސަމާލުކަން ދޭން..ނިންމަން ޖެހޭ ފައިލްތަކެއް އެބަހުރި..."
"އޯ...ރިލެކްސް ޑޮކްޓަރ އާރިކް...އަބަދު ސީރިޔަސްވެފައި ތިހުންނަނީ...ހީވާގޮތުން ލައިބްރަރީއަކަށްހެން އުފަންވީ...ދުނިޔެއަށް ނޭވާލީއިރު ވަށައިގެން ފެންނަން ތިބީ ސީރިޔަސް ފޮތްތަކެއް..އެވެސް ހަރަކާތެއްނެތި..."
"ހޫމް.ވެދާނެ.....އަހަންނަށް ލައިބްރަރީސްތަކާއި ހަމަ ގަޔާވެވޭ..."
"އެގްޒެކްޓްލީ..އެއީ މައްސަލައަކީ...."
އާރިކްއަށް މައްޗަށް ބަލައިލެވުނެވެ."ޔާﷲ..ޝީޒް ޓެސްޓިން މީ..."
"ކީކޭ ތިބުނީ؟"އަލާނާ އެހިއެވެ.
"ނުބުނަން އެއްޗެކޭ.."އޭނަ އަވަސްއވަހަށް ބުނެލިއެވެ.
އަލާނާ އެތެރެއަށް ވަދެ އޭނަގެ މޭޒުމަތީގައި ފައިލެއް ބޭއްވިއެވެ."ބައި ދަވޭ ނަރުސްކުދިން ބުނި މިސްޓަރ ޝާކިރުއަށް ދުޙަހެޔޮ ދިރިއުޅުމާއި ބެހޭގޮތުން ޑޮކްޓަރ އާރިކް ދަރުސެއް ދިން ވާހަކަ....އޭނަ ބުނީ ވަރަށް އިންސްޕަޔަރިންއޭ..."
"އަލްހަމްދުލިﷲ..."އާރިކް ބުނެލިއެވެ. އަދި ގަލަން ނަގައިގެން ލިޔަންފެށިއެވެ.
"އޭނަ ބުނީ އާރިކް އޭނަ ބިރުގަންނަވައިލިވަރުން އޭނަ ސެލެޑް ކާއިރުވެސް ކައިރީގައި މުސްހަފެއް ބާއްވައިގެން އިންނަކަމަށް.."
"އެއީ...އަހަރެންގެ މަގުސަދެއްނޫން........."
"އެނގޭތަ؟ މިހާރު ވެގެން މިއުޅޭގޮތަކީ މުގައްދަސް ބިރުގެންނެވުމުގެ ވައިބް ތިހިރީ ޑޮކްޓަރ...ފާޑަކަށް ކިއުޓް އިނގޭ.."އަލާނާ ހިނިގަނޑެއް ޖަހައިލިއެވެ.
އާރިކްގެ ގަލަން ބިންދައިގެންގޮސް ދެލި އަތަށް ފޭދުނެވެ. ހިމޭންކަން ވެރިވިއެވެ. އަލާނާ އެސްފިޔަ ތަޅުވައިގަތެވެ.
"އޯ ނޯ...ޑިޑް އައި ބްރޭކް ޔޫ އެގެއިން؟"
އޭނަ ކެތްރެރިވުމުގެ އެންމެ މަތީ ދަރަޖައަށް ކެތްކުރިއެވެ. ދިގު ނޭވާއެއްލިއެވެ. މަންމަ އަލާނައަށް ދިނީ ކޮންނަމެއް ހެއްޔެވެ؟ ބޮއްލޮއްލޯއެއް ހެއްޔެވެ؟ މަންމަ ކީ އެއްޗެއް އޭނަ ހަނދާނެއްވެސް ނެތެވެ. އެކަހަލަ ނަމާއި ހަމަ މިކުއްޖާ ނުގުޅެންވީ ސަބަބެއްނެތެވެ. އަސްތަޣުފިރުﷲ...އޭނަ ފާފަވެރިވާނެއެވެ. އަންހެންކުއްޖަކު އެކޮޓަރީގައި ހުރުމާއި އެކުއްޖާއަށް ކިޔާފައިވާ ނަން ނޫން ނަމަކުން ނަން ދިނުމެވެ.
"އަލާނާ..ޕްލީޒް ކޮންމެވެސް ފައިދާހުރި މަސައްކަތެއްކޮށްބަލަ.."
"އަހަރެން މިބަލަނީ ޑޮކްޓަރ އާރިކްއަށް ހޭން ހަނދާންނެތުނަ ނުދޭން..."
"މިޝަން ނާކާމިޔާބު ވީތަ؟"
"ތިހެން ނުބުނޭ..އާރިކް ސިއްރުން ހަމަ ލައިކްވޭ އަހަރެން ހުރީމަ...."
އާރިކް މިފަހަރު ދިން ނަޒަރަކުން އެމޫނު ހަމަ ސަންގުމަރުމަރުން ކަނޑާކޮށާފައިވާފަދައެވެ.
"ބަލާބަލަ..އެއީ އާއެކޭ ބުނާކަހަލަ ފޭސްއެއް.."އަލާނާގެ ހިނިތުންވުން ފުޅާވިއެވެ.
އާރިް ކުއްލިއަކަށް ތެދުވެގެން ދާން ހިނގައިގަތެވެ."މިދަނީ ނަމާދުކުރަން.."
އޯކޭ އަހަރެންވެސް ދާނަން..."
"ނޯ......."އާރިކްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
އާރިކް އޭނަގެ ފަރާތުން ސަލާމަތްވެގެން ކޮރިޑޯއިން ދާތަން ފެނިފައި އަލާނާ ގޮވައިލިއެވެ."ޑޮކްޓަރ...ކެތްތެރިަކަން ދެއްވުމަށް ކޮންމެހެންވެސް ދުޢާކުރަންވާނެ.. މާދަން ޔަގީނުންވެސް އެކަން ބޭނުންވާނެ ދުވަހެއް އިނގޭ...."
***
ހަވީރުވެސް އޮތީ ބޯ ވިލާތަކުން އުދަރެސް ބައްދާލާފައެވެ. އާރިކްއާއި އޭނަގެ މާމަ ކާކޮޓަރީގައި ސައި ބޯންތިބިއިރު ދެމީހުން އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.
"މާމާ..މާމަގެ މާޒީ ކިޔާދީބަލަ..ކިހިނެއް ޖެނީފާ ބަލާބޮޑުކުރީ؟ ކުރިން ޖެނީފާ ކިހިނެއް؟ މި.....މި ކަންތައްގަނޑުގެ ކުރިން..."
މާމަގެ އަޑަށް މޮޅިވެރިކަން އައެވެ."މަންމަމެން އެކުއްޖާއަށް ދިނީ ވަރަށް ރީތި ނަމެއް. ޖަންނަތު..އެކަމަކު މާލެއަށްގޮސް އެ ނަން ބަދަލުކުރީ..ޖެނީފާ....ވިލާތުގެ ކުލަޖެހިފައިވާ އާއިލާއައަށްވީމަ އެނަން ކަމުނުދިޔައީ. އެނޫން ކޮން ސަބަބަކާއިހެދި އެހާ ރީތި ނަމެއް އެއްލައިލަންވީ؟ ޖަންނަތުއަކީ ތޫނުފިލި އެކަމަކު ގޮތްދޫނުކުރާ އަލިފާންފަދަ އަންހެންކުއްޖެއް..މާމަމެންގެ ރަށްފުށުގެ ދިރިއުޅުމަށްވުރެ މާ މަތިން ޖަންނަތުގެ ހުވަފެންތައްހުރީ..މާލޭގެ ތަހުޒީބު ކަމުދިޔައީ..އެކަމަކު މާލެ އެކުއްޖާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލީ..."
"މިތަނާއިމެދު އޭނަ ދެކުނީ ކޮން ހުވަފެނެއް؟"
"އެކަމަކު ބައެއްފަހަރު ހުވަފެންތައް އަންނަނީ ތަދާއި ވޭނާވެސް އެކީގައި..ޖަންނަތު ކައިވެނިކުރީ ޅައުމުރުގައި.. ހަގީގީ ނޫން ލޯތްބަކަށް އިތުބާރުކުރީ..އެއާއެކު ހުރިހާ ކަމެއް ބޮއްސުންލީ.ޖަންނަތުވެސް ހަލާކުވީ..."
"ޑްރަގް؟" އާރިްގެ ހިތަށް އުދަގޫވިއެވެ. މަންމަގެ މާޒީގައިވާ ސިއްރު ދެނެގަތުމަށް ހިތް ބޭގަރާރުވިއެވެ.
"އެއީ ސަލާމަތް ހޯދަން އެޅި ކަތި ފިޔަވަޅެއް..ހިތްހަމަޖެހުން ލިބޭނެކަމަށް ހީކޮށް އެއްވެސް ހަމަޖެހުމެއްނެތް ދިމާލަކަށް ދިޔައީ..އެކަމަކު އަދިވެސް އެއީ މަގޭ މާމަ ދަރިއެއްގެ މަންމަ...އަދި އެއީ އިންސާނެއް. އިންސާނުންނަށް ކުށްކުރެވިދާނެ. މާމަމެންނަށް ކޮށްދެވޭނެކަމަކީ އެކަމުން އަރައިގަންނަން އެހީތެރިވެދިނުން..."
މަންމަ އޭނައާއި މުޚާތަބުކުރަނީ ހިލޭމީހަކަށްވުރެވެސް ދުރުކޮށޭ ބުނަން ހިތަށް އަރާފައިވެސް އޭނަ ކެތްތެރިވެލިއެވެ. މަންމަ ދުވަހެއްގެ ކޮޅުންވެސް އޭނައަކީ ދަރިއެއްކަމުގައި ބަލައިނުގަންނާނެއެވެ. ބަލައިގަތަސް އޭނައަާއި ޖެނީފާއާއި ދެމެދު ހަގީގީ މަންމައާއި ދަރިއެއްގެ ދެމެދުގައި އޮންނަ ލޯތްބާއި ކުލުނު އުފެދޭނެހެއްޔެވެ؟ޖައިޝަންއާއި އޭނަގެ މަންމަގެ އޮންނަ ގާތް ގުޅުން ފެނުމުން އޭނަގެ ހިތަށް އަސަރުވެސް ކުރެއެވެ.
"އާރިކް...ހީކުރާވާރަށްވުރެ އާރިކް ހިތްވަރުގަދަ،ކެތްތެރި..އަދި ދަރިފުޅުގެ މަންމަވެސް ހަމައެހާ ހިތްވަރުގަދަ.."މާމަ އޭނަގެ އަތްތިލައިގާ ހިފަހައްޓާފައި ފިތައިލިއެވެ. އާރިކް އޭނަގެ މާމަގެ އަތްތިލަ ގެނެސް މޫނުގައި ޖައްސައިލިއެވެ."މާމަ...ޝުކުރިއްޔާ..ހުރިހާކަމަކަށް...."
***
ވާރޭ ހުއްޓައިލިނަމަވެސް ކުޑަދޮރުގެ ބިއްލޫރީގައި ވާރޭގެ ކުދި މުތީތައް ތުރުތުރުލަމުން ދިޔައެވެ.އިރު މަސައްކަތްކުރީ ވިލާތައް ފޫ އަޅުވާލާފައި އަލިކަން ފެތުރުމަށެވެ. އާރިކްއަށް އޮތީ ނުނިދިފައެވެ. އަދިވެސް މުސްހަފް ހުޅުވާލަފައި ފާހަގަކޮށްފައިވާ އާޔަތް މަތީގައި ތަސްބީހަ ބާއްވާފައެވެ. އެއީ އޭނަގެ މާމަ ދިން ހަދިޔާއެކެވެ.މުސްހަފްއައި ތަސްބީހަވެސް މެއެވެ.
އޭނަ މޭޒުކައިރީގައި އިށީދެ ހުސްކަރުދާސްގަނޑެއް ނެގިއެވެ. އޭނަ އެނަމުން ނުގޮވާތާ އެތައް އަހަރެކެވެ. ނަމާދެއްގައިވެސް އޭނަ މަންމަގެ ނަން ނުގަނެއެވެ. ދުއާއެއްވެސް ނުކުރެއެވެ. އެކަމަކު މިއަދު އޭނަގެ ގަލަމުން ފުރަތަމަވެސް ލިޔެވުނީ އެ ލަފުޒެވެ.
"މަންމަ...."
ކޮންމެވެސް ވަރަކަށް ދެލި ފޭދެންފެށިއެވެ. އެތައް އިރެއްވާންދެން އެއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އޭނައަށް އެ ހައްގު އެބައޮތްހެއްޔެވެ؟ އޭނަގެ މެޔަށް ބާރުވެލިއެވެ. އެކަމަކު މިފަހަރު ނަފްރަތަކުން ނޫނެވެ. އޭނައަށް އަދި ނަން ނުދެވޭ ޒާތެއްގެ އިހުސާސްކެވެ.
އޭނަ މަޑުމަޑުން ލިޔަންފެށިއެވެ. ލަސްލަހުންނެވެ.ކޮންމެ އަކުރެއް ލިޔެފައި އިނގިލި މަޑުޖެހިލައެވެ. ކޮންމެ ލަފުޒެއްވެސް އިގުރާރުވާފަދައެވެ.
"އަހަންނަށް ނޭގޭ މަންމަ އެރޭގެ ހާދިސާ އެހާ ރަގަޅަށް ހަނދާންހުރިކަމެއް...އަދި އަހަންނާއިމެދު ވިސްނާކަމެއް....އެކަމަކު އަހަރެން ވަރަށް ހަނދާންކުރަން...ޚާއްސަކޮށް އެވަރަށް ވިއްސާރަވީމަ.......ވާރޭ ވެހޭއިރު.."
އޭނަގެ އަތުގެ ހަރަކާތް ހުއްޓުނެވެ. ލޯ މަރައިލީ އެ އާޔަތް ހަނދާންކުރަމުންނެވެ." އިސްރާ ސޫރަތުގެ ތޭވީސް ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ
"وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا "
އޭނަގެ އަޑު ތުރުތުރުއަޅާ ހާލުގައި އަމިއްލައަށް އެ އާޔަތް ކިޔައިލިއެވެ. އެން ފަހުގެ ބަސްުފުޅަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ."މާތްބަހުން ވާހަކަދައްކާށެވެ."
އޭނައަށް ލިބިފައިވަނީ ހަމައެކަނި މާތްބަހުން ވާހަކަދެއްކޭނެ ވަރެވެ. އަދި ލޯތްބެއްނެތެވެ. އިތުބާރެއް ނެތެވެ. ހަމައެކަނު މާތް ބަހުން ވާހަކަދެއްކޭކަމެވެ.
"މަންމަ..އަހަންނަށް ނޭގޭ މަންމަދެކެ ލޯބިވާންވީ ކިހިނެއްކަން..އަހަރެން ބޭނުން...ﷲ އަމުރުކުރައްވަނީ މަންމައަށް ކަމޭހިތަން...އެހެންވެ މިއަދު މިފަށަނީ މި ސިޓީއިން.....އަހަންނަށް މަންމަ ދެން ފެނުނީމަ ނާހާނަން ކީއްވެހެއްޔޭ. އަބަދުވެސް ދުޢާކުރާނީ އަހަންނާއި މަންމައަށްވެސް ފާފަ ފުއްސެވުމަށް އެދި..."
އޭނަގެ ލޮލުން ކަރުނަތިކިތައް އޮހިގެން ދެލިގަނޑު ކަޅުކޮށްލިއެވެ. އަކުރުތައް ފުސްވިނަމަވެސް ކަރުނަތައް ފޮހެއެއްނުލިއެވެ. އެއީ މިވަގުތަށް މުހިއްމު އެއްޗެކެވެ. އޭނަގެ ނަފުސުން ކޮންމެވެސް ދިމާލަކުން މަންމައަށްޓަކާ ހިތް މަޑުވެއްޖެކަމެވެ.
އޭނަ ފަރުވާތެރިކަމާއެކު ސިޓީ ފައްޖަހާފައި ސިޓީއުރައަކަށް ލާފައި ކުޑަދޮރު ކައިރީގައި ބޭއްވިއެވެ. ކުރިމަތީގައި ހުރި ގޭގެ ބަގީޗާގައި އިންދާފައިވާ ޖޭސްމިން މާތަކުގެ މީރުވަހާއެކު ތެތް ބިންގަނޑުގެ ވަސް ހިފައިގެން ވައިރޯޅިއެއް އައެވެ.
އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އެ ވޭނާއި ތަދު ހިތުން ނުފިލިޔަސް އެއީ އަދަބެއްކަމުގެ އިހުސާސް ނެތިގެން ދިޔައެވެ. އެއީ އަޅުކަމެކެވެ. އެ އަޅުކަން ނިންމަން މުޅި ހަޔާތްވެސް ނަގާފަދަ އަޅުކަމެކެވެ. އޭނަ އުޑާއި ދިމާލަށް އެނބުރެމުން ކޮޅަށް ތެދުވުނެވެ. އަދި މަޑުމަޑުން ކިޔައިލިއެވެ.
"ޔާﷲ ޔާ އަރްހުމާން...ދަ މޯސްޓް މާސިފުލް...ޓީޗް މީ މާސީ..."
އޭނަ ބެލްކަނިން ބޭރަށް ނިކުތުމައެކު ވާރޭގެ ތިކިތައް އޭނަގެ މޫނުގައި ބީހިލިއެވެ. މިފަހަރު އެހާ ފިންޏެއްނޫނެވެ. އޯގާތެރި ބީހުމެކެވެ. ހީވީ އުދަރެހުން ޖަވާބު ލިބުނުހެންނެެ.
ނުނިމޭ