ދިވެހި ފުޓުބޯޅައިގެ އަލިމަސްޔޫބީލް ލޯގޯ އިފްތިތާހުކޮށްފި

ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ އަލިމަސްޔޫބީލްގެ ހަރަކާތްތަކުގައި ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.

މި ލޯގޯ އިފްތިތާހުކޮށްދެެއްވީ މިއަދު ހަވީރު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުރިއަށްދިޔަ ހާއްސަ ހަރަކާތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ހާއްސަ ފެސްޓިވަލެއްގެ ގޮތުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި މި ލޯގޯ އިފްތިތާހުކުރި އިރު، އެފްއޭއެމުން ވަނީ މިކަމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.

މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރެވެ. އެ ހަރަކާތްްތައް ކުރިއަށްގެންދިއުމުގެ ހަރަކާތްތަކުގެ ތެރެއިން އެކުލަވާލި މި ކޮމިޓީއަށް ދީފައިވާ ނަމަކީ "ޑައިމަންޑް ޖުބިލީ ކޮމިޓީީ" އެވެ.

ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އަންނަ އަހަރުގެ ޖޫން މަހު އަލިމަސްޔޫބީލް ފާހަގަކުރުމަށް ޚާއްސަ ފުޓުބޯޅަ މުބާރާތެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓްބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލްއާ ގުޅޭ ލަވައެއް ނެރުމަށްވެސް ނިންމާފައިވެއެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950ވަނަ އަހަރެވެ. އެހެންކަމުން، ފުޓްބޯޅައަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2000ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ"ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ.

comment ކޮމެންޓް