﷽
އަރައިގެން އައި އިރުގެ ރަން ދޯދިތައް ދިއްގާ ގަސްތަކުގެ ތެރެއިން ފުރޭނިގެން އައިސް އެންމެ ފުރަތަމަވެސް އެޅުނީ، ރަށުގެ އަތިރިމަތީގެ ހިތްގައިމު މާހައުލުގައި ބިނާކޮށްފައި ހުރި ކުޑަ ކެފޭގެ ނަންބޯޑަށެވެ. "ސީ ވިސްޕާސް ކެފޭ" ޖަހާފައިވާ ލަކުޑި ބޯޑަށް އިރުގެ ފަނޑު އޮރެންޖް އަލި އެޅިފައިވާއިރު، ލަކުޑިގަނޑުގައި ކަނޑައިނަގައިފައިވާ އަކުރުތައް ދިއްލިފައިވަނީ ބަލައިލަން ހިތްގައިމު ގޮތަކަށެވެ. ޖެހެމުންދިޔަ ފިނިފިނި ވަޔާއި އެކުވެގެން، މާހައުލު އެއްވަސް ކުރަމުންދިޔަ ރޯސްޓް ކޮފީގެ މީރުވަހުން، ދުވަހުގެ ފެށުން އުޖާލާ ކުރުވައެވެ.
އިވްލީން އޭނާ އަޅައިގެން ހުރި އޭޕްރޯންގައި ދެއަތް ފޮހެލުމަށްފަހު، ކެފޭގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ފަތިސް ނަމާދުކޮށްގެން ފެށި މަސައްކަތް ނިންމާލެވުމުން، އިވްލީންގެ މޫނުން ފެނުނީ ހަމަޖެހުމުގެ އަސަރެވެ. ޕޭސްޓްރީ އެއްޗެހިތަކުން ކެފޭގެ ކައުންޓަރުމަތި ފުރާލާފައިވާއިރު، އަވަނުގައި ފިހެވެމުންދިޔަ ޕިއްޒާގެ މީރުވަހުން މާހައުލު އެއްވަސްކުރުވިއެވެ. ކޮންމެ ދުވަހެއްގެ އިރު އަރަނީ، އިވްލީން އޭނާގެ ކުޑަކުޑަ ކެފޭގެ މަސައްކަތްތައް ނިންމައި، ތަނަށް އަންނަ މީހުންގެ ހިދުމަތުގައި ތައްޔާރުވެ ހުއްޓައެވެ.
އިވްލީން މަޑުމަޑުން ހިނގާލާފައި ގޮސް، ކެފޭ ހުޅުވުނުކަން އަންގާ ބޯޑު ދޮރުގައި އަޅުވައިލިއެވެ. އޭރު މުޅި ހިސާބު އޮތީ އޮރެންޖް އަލިން ދިއްލިލާފައެވެ. ދިވެހިވަންތަ ގޮތަކަށް ހަދާފައިވާ ކެފޭގެ ފުރާޅުގައި ފަން ޖަހާފައިވާއިރު، ކައުންޓަރާއި، ކެފޭގެ ބޭރުވެސް ފަރުމާކޮށްފައިހުރީ، ރަށުގެ ވަލުތެރެއިން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ކެފޭގެ ބޭރުގައި މޭޒުތައް ޖަހާފައިވާއިރު، ތަނަށް ދިރުން ގެނުވާފައިވީ، މޭޒުތަކުގެ ވަށައިގެން ހައްދާފައިވާ މަގޫ ގަސްތަކާއި، ބޯށި ގަސްތަކުންނެވެ. ކެފޭގެ އެތެރޭގައި އެއް ކަނެއްގައި އިވްލީންގެ އަތްތެރި މަސައްކަތުން އުފައްދާފައިވާ ތަކެތި ވިއްކަން ހުރެއެވެ. ކެފޭ ހިންގުމާއި އެއްވަރަށް ލިބޭ ހުސްވަގުތުކޮޅުގައި އަތްތެރި މަސައްކަތްކޮށްގެންވެސް އިވްލީން އާމްދަނީ ހޯދައެވެ.
ކެފޭގެ ބޮޑު ބިއްލޫރި ދޮރު ހުޅުވުނުކަން އިއުލާންކުރީ ދޮރުގެ މަތީގައި އަޅުވާފައިވާ ކުޑަ ބެލް ހެލިލި އަޑުންނެވެ. އެކިވައްތަރުގެ ބޮއްޔާއި ކުދިކުދި އަކިރިކޮޅުތައް ބޭނުންކޮށްގެން ހަދާފައިވާ އެ ބެލްގެ ހިތްގައިމު އަޑު ގުގުމައިލިގޮތުން، އެތެރެއަށް ވަނީ ކާކުތޯ ބަލާކަށް އިވްލީނަކަށް ނުޖެހުނެވެ.
"ގުޑް މޯނިން! އޮފީސް ގާލް..." ފަސްއެނބުރި ބަލައިލުމެއްނެތި އިވްލީން ބުނެލިއެވެ.
"މޯނިންގް ބޮސް ލޭޑީ..." ފަހަތުން އިވުނީ އިވްލީން އުއްމީދުކުރި ރިމްޝާގެ އަޑެވެ. "އީވްއަށް ސިއްރުންވެސް މިތަނަށް ވަދެވޭ ކަމަކަށް ނުވޭވިއްޔަ..."
"ތި އަޑަށް އާދަވާހާ ދުވަސްވެއްޖެއެއްނު... މިއަދު ހާދަ ހެނދުނާ ތިއައީ؟..." ކޮފީ މެޝިން ޖައްސާފައި އިވްލީން ފަސްއެނބުރުނެވެ.
"މިއަދު ހީވަނީ އޮފީހުގަ ވަރަށް ބިޒީ ވާނެހެން... އެހެންވެ، އޭގެ ކުރިން ހެލްޕެއް ދޭން މިއައީ... އެކަމަކު، ފްރީ ކޮފީއެއް ދެންޏާ..." ކެފޭގެ އެއް އަރިމަތީގައި ބަހައްޓާފައިވާ ގޮނޑިތައް ބޭރަށް ނެރެމުން ރިމްޝާ ލާނެތް ގޮތަކަށް ބުނެލިއެވެ.
ބޭރުގައި ބަހައްޓާފައިވާ މޭޒުތަކުގެ ކައިރީގައި ގޮނޑިތައް ޖެހުމަށްފަހު، ދެމީހުން އެތެރެއަށް ވަނެވެ. ދެ ކޮފީ ހިފައިގެން މޭޒު ކައިރީގައި އިށީނެވެ.
"އިނގޭތަ، މިއަދު އަނެއްކާ މިކެފޭ ޗެކްކުރަން ކައުންސިލުން އެބައުޅޭ..." ކޮފީފޮދެއް ބޯލަމުން ރިމްޝާ ޗޮކެއް ކަނޑައިލިއެވެ. "ހީވަނީ ކަމެއް ނުފެނިގެން އުޅޭހެން... ޓޫރިޒަމް ޒޯނެއް ހަދަން ބަޔަކު އަންނާތީ އެއުޅެނީ..."
"ކީއްވެތަ އަބަދު މިތަނާ ހަނގުރާމަ ކުރަން އެ އުޅެނީ... ގަވާއިދާ ހިލާފަށް ކަމެއް ނުކުރަމޭ.. މީ އަހަރެންގެ މާމަގެ ބިމެއް... ބީޗް މި ބޭނުންކުރަނީ ކައުންސިލަށް ކުލި ދައްކައިގެން... ކިހާ އަރާމު ރީތި ވައިގަ، ހިތްގައިމު ރާޅުތަކުގެ ތެރޭ ކެފޭ މި ހިންގަނީ... އެމީހުންވެސް އައިސް ކޮފީ ބޯން ތިބެންވީއޭ...." އިވްލީން އޭނާގެ ނިތްކުރީގައި މަޑުމަޑުން ފިރުމައިލިއެވެ.
"ކިހާ އަރާމުވާނެ... އެކަމަކު މިރަށު ކައުންސިލްގަ ނޫޅެ ތި ފެންވަރުގެ މީހުންނެއް... މިބުނީ މީހަކަށް އެއްޗެއް ލިބެން އެދޭ މީހެއް ނޫޅެއޭ... އަހަރެން ފިޔަވާ އިނގޭ..." ރިމްޝާ ހީގަތެވެ.
"ރިމޫ ތީ ދެން އާދަޔާ ހިލާފު މީހެއްނު..." ރިމްޝާގެ ސަމާސާގައި އިވްލީންވެސް ބައިވެރިވެލިއެވެ.
"ތިއެއް ނޫނޭ..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ރިމްޝާ ބުނެލިއެވެ. "އެނގޭތަ ޓޫރިޒަމް ޒޯންއެއް ހަދަންވެގެން ރޭގަ ބަޔަކު އައިއްސިޔޯ... ވީޑިޔޯތަކާ އެއްޗެހި ނަގާލާނެކަމަށް ވަނީ... މިކަހަލަ ލޮކޭޝަންތައް އެމީހުންނަށް ވަރަށް މުހިއްމު ވާނެ... މިއަދު ބިޒްނަސް ވަރަށް ރަނގަޅުވާނެހެން ހީވޭ... ކޮބާތަ މިއަދު އެ މިރާހްގަނޑު؟... މިކަހަލަ ބިޒީ ދުވަހަކު އޭނަވެސް އަވަހަކަށް ނާންނާނެ..."
ރިމްޝާ އޭނާގެ ފޯނު ނަގާފައި، މިރާހްގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު ރިންގު ނުވަނީސް، ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ. ބޭރުން ޖެހިލި ފިނި ވައިރޯޅި އާއިއެކު މުޅި ތަނުގައި ހަރުލީ، ފިރިހެންވަންތަ ސެންޓެއްގެ މީރު ވަހެވެ. ދޮރާއި ދިމާއަށް ބަލައިލި ވަގުތު އިވްލީން ގަނޑުވިއެވެ. އެތެރެއަށް ވަނީ އޭނާއަށް އައު ސޫރައެއް ނޫނެވެ. އެތައް އަހަރެއް ފަހުން ފެނުމުންވެސް، އިވްލީންގެ ނަޒަރަކަށް ބަދަލެއް ނައެވެ.
"އާކިލް!.." އިވްލީންއަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ.
ދޮރުމަތީގައި ހުރި އާކިލް އޭނާގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް މައްޗަށް އުފުލައިލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައިވީއިރު، އާކިލްގެ ނަޒަރުވެސް ހުއްޓިފައިވީ، ސީދާ އިވްލީނަށެވެ. ދެމީހުންގެ ހިތުގެ ތެޅުން އިތުރުވީއިރު، ވަށައިގެން އެއްވެސް ކަމެއް ހިނގާކަން އެކަކަށްވެސް ނޭނގޭ ކަހަލައެވެ. އެތައް އަހަރެއް ފަހުން ދެމީހުން ބައްދަލުވުމުން، ފުރަތަމަވެސް އެކަކު އަނެކަކުގެ ހަނދާނަށް އައީ، ސްކޫލް ދައުރުގެ ފޮނި ހަނދާންތަކެވެ. އެހެނަސް، އެ ހަނދާންތައް ގުޅިފައިވި ހިތްދަތި ހާދިސާ އެކަކު އަނެކެއްގެ ހިތުގެ ހަމަޖެހުން ނަގާލިއެވެ.
"އިވްލީން!..." އާކިލް ގޮވައިލީ މަޑުމަޑުންނެވެ.
އިވްލީން އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. ގަދަކަމުން ހިނިތުންވެލިއެވެ. ރިމްޝާ ފަހަރަކު މީހަކަށް ބަލަން އިނެވެ.
"އާކިލް!... އަހަރެން ހިއެއް ނުކުރަން މިތަނުން އާކިލްއާ ދިމާވެދާނެ ކަމަކަށް..." އިވްލީންގެ ދެލޮލުން ފެނުނީ ރިހުމެވެ.
"މްމްމް..." އާކިލް މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. "އަހަރެންވެސް ހިއެއް ނުކުރަން އެނބުރި އަންނަންޖެހިދާނެ ކަމަކަށް... އެކަމަކު، އަންނަންޖެހުނީމަ މިއައީ..."
"ވާއު... ޖަސްޓް ވާއު..." ރިމްޝާ މޭޒުގައި ދެއަތުން ޖަހައިލީ ހިތްހަމަނުޖެހިގެން އާކިލްއާއި ދިމާއަށް ބަލައިލަމުންނެވެ. "ކުރީގެ މާޒީ އަނބުރާ އިއާދައެއް ނުކުރެވޭނެ... އެ ގެއްލުމުގެ ބަދަލެއްވެސް ދެން ނުދެވޭނެ!.."
"ރިމޫ!..." އިވްލީން ރިމްޝާއަށް ބަލައިލާފައި ދެލޯ އަޅައިލިއެވެ.
"ރިމްޝާގެ ތި ރުޅި މަޑުވާނެ ދުވަހެއް ނާންނާނެތަ؟..." އާކިލް ސަމާސާކޮށްލިއެވެ.
ރިމްޝާ ފުންމައިގެން ތެދުވަން އުޅެން ފެށުމުން، އިވްލީން އޭނާގެ ދެކޮނޑުގައި ހިފައި، ގޮނޑީގައި ބޭންދުވިއެވެ. އާކިލްގެ ނަޒަރު ކެފޭގެ ވަށައިގެން ދަތުރުކޮށްލިއެވެ. އެނބުރި އިވްލީނަށް ބަލައިލިއިރު، އޭނާގެ ނަޒަރު ތަފާތުވެއްޖެއެވެ. އެ ދެލޮލުން ފެނުނީ ރިހުމެވެ.
"ޔޫ ލުކް ވެލް..." އާކިލް މަޑުމަޑުން އިވްލީންގެ ކައިރިއަށް ޖެހިލިއެވެ.
"ޔޫ ލުކް ނޯމަލް..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ.
"ނޯމަލް؟..." އާކިލް ފާޑަކަށް ހީލިއެވެ.
"ހޫމް... ނޯމަލް..." އިވްލީން މަސައްކަތްކުރީ އާކިލްއާއި ހަތަރުކަޅި ހަމަނުކުރާށެވެ.
"ކޮން ނޯމަލްއެއް... އެކަކުވެސް ނޯމަލްއެއް ނޫން..." ރިމްޝާ ފުންމައިގެން ތެދުވިއެވެ. އާކިލް އާއި އިވްލީންގެ ދެމެދަށް ވަނެވެ.
"ތިހާ އުފަލުގަ އުޅޭތީ، އަހަންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ!..." އާކިލް ބުނެލީ މާނަފުން ޖުމުލައެކެވެ. ރިމްޝާ އެތަނުގައި ހުރިކަމެއް ދެމީހުންކުރެ އެކަކުގެ ހަނދާނުގައިވެސް ނެތް ކަހަލައެވެ.
"ތިކަހަލަ ވާހަކަ ދައްކަން އަހަންނަކަށް ޓައިމްއެއް ނެތް..." އިވްލީން ރައްދު ދިންއިރު، އެ އަޑުގައި ފޮރުވިފައިވާ އެތައް ސިއްރެއް ވިއެވެ.
"ކެފޭގެ ޖާގަ ބޮޑުކުރީ ކޮންއިރަކު؟..." އާކިލް އަހައިލިއެވެ.
"އިތުރުވީ ދެތިން ޓޭބަލްއާ، އީވްގެ ކްރާފްޓް ޝޮޕް... ދެން އޯޑަރު ދެންޏާ ދީ..." ރިމްޝާއަށް ކެތްނުވެގެން ބުނެލިއެވެ.
"އިވްލީންއާ ވަރަށް ގުޅޭ މި ކޮންސެޕްޓް... މީ ހަމަ އަހަރެމެން ޑިސްކަސް ކުރި ކޮންސެޕްޓް... އެހެންނު؟..." އާކިލް ކުޑަކޮށް ބޯ އަރިކޮށްލާފައި އިވްލީންގެ މޫނަށް ބަލައިލިއެވެ.
ރިމްޝާ އަނގަޔަށް ގޮތެއް ހަދާލައިގެން ހުރިއިރު، އިވްލީން ހުރީ ހުއްޓުން އަރާފައެވެ. އާކިލްގެ ޖުމުލަތަކުން މާޒީ އިއާދަވުން ނޫންކަމެއް ނުވެއެވެ. އުފާވެރިކަމާއި ހިތްދަތިކަން ގެނުވާ އެ އިހުސާސްތަކުގެ މަތިން ހަނދާންކުރާކަށް އިވްލީނަކަށް ފަސޭހައެއް ނޫނެވެ.
"ކޮފީ؟... ކޭކު؟ ޕިއްޒާ؟... ނޫނީ ޑްރާމާ؟... ޗޫޒްކުރޭ އަވަހަށް..." ރިމްޝާ ދެލޯ އަޅައިލިއެވެ.
"ކޮފީ؟..." ކޮފީ މެޝިނާއި ދިމާއަށް ހިނގައިގަންނަމުން އިވްލީން އަހައިލިއެވެ.
"ޔެސް ކޮފީ..." އިވްލީންގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލުމެއްނެތި އާކިލް ޖަވާބުދިނެވެ.
އާކިލް ގޮނޑީގައި އިށީނުމުންވެސް ރިމްޝާ ހުރީ ދެލޯ އަޅާލައިގެންނެވެ. އާކިލް ބަލައިލުމުން، ލޮލުން ވައްތަރެއް ޖައްސައި، އިވްލީންއަށް ނުބެލުމަށް އެންގިއެވެ.
ކޮފީ މެޝިނުގެ ކައިރީގައި ހުރިއިރު، އިވްލީންގެ ސިކުނޑީގައި އެނބުރެމުންދިޔައީ މާޒީއެވެ. އާކިލް ބަދަލެއް ނުވެއެވެ. އެ ރީތި ރޫފައާއި، ސްޓައިލްގައި އެއްވެސް ތަފާތުކަމެއް ނެތެވެ. ލައިގެން ހުރީ އިވްލީނަށް އެންމެ ކަމުދާ ހުދު ޓީޝާޓާއި ޖީންސެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ އިވްލީނަށް އެންމެ ރީތި ވަރަށް ކޮށާލާފައެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިން އާކިލްގެ ފިރިހެންވަންތަކަން އިތުރުކުރުވާ ވާހަކަ އިވްލީނަށް ބުނެވުނީ ކިތައް ފަހަރު ހެއްޔެވެ؟ އެދުވަހެކޭ އެއްގޮތަށް މިއަދު އާކިލް ފެނިލުމުންވެސް އެ އިހުސާސްތައް އިވްލީންގެ މޭގައި ނުފިލާ އެބަ ހުއްޓެވެ. އޭރު ކުރި ތައުރީފުތަކުގެ ހަނދާން އައުވުމުން، އިވްލީންގެ ހިތުގައި ދިލަ ރިހުމެއް އުފެދުނެވެ. އެ ހިތިކަމާއި، ވޭނީ ރިހުން އެދުވަހެކޭ އެއްގޮތަށް އިވްލީންގެ ހިތުގައި ނުފިލާ އެބަހުއްޓެވެ.
"އަބަދުވެސް އެންމެ ބެސްޓް ކޮފީ..." އިވްލީން އާކިލްގެ ކުރިމަތީގައި ކޮފީތަށި ބެހެއްޓުމުން، އާކިލް ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ.
"ޝުކުރިއްޔާ!... މީ ވަރަށް ގިނަ އަހަރުގެ ތަޖުރިބާ!... ހުރިހާ ޝުކުރެއް އެހެރަ ކޮފީ މެޝިނަށް..." އާކިލްގެ ކުރިމަތީގައި އަމިއްލަ ހިތުގެ އިހުސާސްތައް ފޮރުވުމަށް އިވްލީން ޖަވާބު ދިނެވެ.
"މި ކޮފީ ބުއީމަ ކުރީގެ ހަނދާންތައް އާވެއްޖެ!..." އާކިލް އޭނާގެ ކޮފީތަށި އިވްލީނާއި ދިމާއަށް އުފުލައިލަމުން ބުނެލިއެވެ.
އިވްލީން ކުޑަކޮށް އަރިއަޅައިލާގޮތްވިއެވެ. އާކިލްގެ އެފަދަ ބަސްތަކުން ހީވަނީ އިވްލީންގެ ހިތުގައި ދިލަ ކޫރުންތަކެއް އަޅުވަން އުޅޭހެންނެވެ. ގަސްދުގައި އިވްލީންގެ ހިތަށް ތަދުކުރަނީއެވެ. ރިމްޝާއަށް އިވްލީންގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ.
"ޖަސްޓް ސްމައިލް... އޭނަގެ ކުރިމަތީ ވީކްވާ ތަން އެއްގޮތަކަށްވެސް ދައްކާނެކަމެއް ނެތް... އެއީ އެވަރުގެ މީހެއް ނޫން..." ރިމްޝާ ހަމައެކަނި އިވްލީނަށް އިވޭ ވަރަށް ބުނެލިއެވެ.
"އައު ފެށުމަކަށް..." ކުރެހިފައިވާ އަޑަކުން އިވްލީން ބުނެލިއެވެ.
ކުޑަ ހިނދުކޮޅަކަށް ނަމަވެސް މުޅި ތަން ހިމޭންވިއެވެ. ބޭރުން އިވެމުންދިޔަ ރާޅުތަކުގެ މަޑުމަޑު އަޑާއި، ވައިރޯޅި ދޮރުގައި ބީހިލާ އަޑު ނޫން އަޑެއް ނީވެއެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލި އަޑު އިވުނެވެ. އެތެރެއަށް ވަދެގެން އައި ބުޅާ ދުވެފައި ގޮސް ވަނީ އިވްލީންގެ ފައި ކައިރިއަށެވެ. މުޅި ތަނުގައި ހަރުލީ އިވްލީންގެ ތޫލި ހަޅޭކުގެ އަޑެވެ. ދޮރު ހުޅުވާލައިގެން ހުރި މިރާހްވެސް ވާނުވާ ނޭނގިފައި ދެލޯ ބޮޑުކޮށްގެން ހުއްޓެވެ. މިރާހް ދޮރު ހުޅުވައިލި ވަގުތު ބުޅާ އެތެރެއަށް ވަންކަންވެސް އޭނާއަށް އެނގުނީ އިވްލީނަށް ވީގޮތް ފެނުމުންނެވެ.
"އަބަދުވެސް އުޅޭނީ ކޮންމެވެސް ތިކަހަލަ ޓެންޝަންގަނޑެއްގެ ތެރޭ..." އާކިލް މަޖާވެގެން ހީގަތެވެ.
"އަހަންނަށް ތިކަން އެނގޭ..." އިވްލީން އެއްބަސްވިއެވެ. އެހާދުވަސް ފަހުން ބައްދަލުވީ ފުރަތަމަ ފަހަރުވެސް އާކިލްގެ ކުރިމަތީގައި އެފަދަ ގޮތެއްވުމުން އޭނާގެ މޫނު ވަގުތުން މިލައިގެން ދިޔައެވެ.
މިރާހް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބުޅާ ނަގައި ބޭރަށް ދޫކޮށްލިއެވެ. އޭނާ އެނބުރި ވަންއިރު، ތަނުގެ މާހައުލު ވަނީ ބަދަލުވެފައެވެ. އެންމެން ތިބީ ހިމޭންވެފައެވެ.
"ބުޅަލަށްވެސް އެނގެޔޭ ލޯބި މީހުން... އޭތިވެސް ދާނީ ރަނގަޅު މީހުން ކައިރިއަށް... ބައެއް ކަހަލަ ގޯސް މީހުންގެ ކައިރިއަކަށް ނުދާނެ.." ރިމްޝާ ބުނެލިއެވެ.
"ބައެއް ކަންކަން ބަދަލެއް ނުވާނެ..." ކޮފީތަށި ހުސްކޮށްލާފައި ތެދުވަމުން އާކިލް ބުނެލިއެވެ.
އިވްލީންގެ ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވަމުން އޭނާ ހިނގައިގަތީ ކައުންޓަރާއި ދިމާއަށެވެ. އާކިލް ބިލަށް ފައިސާ ދައްކާފައި ދިޔަ އިރުވެސް، އިވްލީން ހުރީ، ކައުންޓަރުގެ ވަތްގަނޑަށް ނަޒަރު ހުއްޓާލައިގެން ގަބުވެފައެވެ. އާކިލް ގަސްތުގައި އިވްލީންގެ ހިތަށް ތަދުކުރަނީއެވެ. ކުރިން އެ ހިތް ޒަހަމުވީ ވަރަށްވުރެ އިތުރަށް ޒަހަމުކުރަނީއެވެ.
އާކިލް ނުކުމެގެން ދިޔުމުން ފާޑަކަށް ބަލަން ހުރެފައި މިރާހް އެތެރެއަށް ވަނެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން އިވްލީންގެ މޫނަށް ބަލަން ހުރެފައި، ތަފްސީލަކަށް އެދޭ ފަދައިން އޭނާ ޖެހިލީ ރިމްޝާގެ ކައިރިއަށެވެ.
"ގަޑިއަށް އަންނާކަށް ނޭނގޭނެ... އެހެންވެ ވާހާ ކަންތަކޭ މީ...." ރިމްޝާ ހުރިހާ ރުޅިއެއް އައީ މިރާހްދެކެއެވެ.
މިރާހް އާއި ދިމާއަށް ދެލޯ އަޅައިލާފައި ރިމްޝާ ނުކުމެގެން ދިޔައީއެވެ.
(ނުނިމޭ)