ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025ގެ އަންހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއާއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކޮށްފިއެވެ.
ރާއްޖޭގެ ޕެއާއިން ކުއާޓާ ޔަގީންކުރީ އަންހެން ބީޗް ވޮލީ އިވެންޓްގެ ގްރޫޕް ބީގެ ތިން ވަނަ ހޯދައިގެންނެވެ. މިއީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ބީޗް ވޮލީ ބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބީޗް ވޮލީގެ އެއްވެސް ޓީމަކުން އޭޝިއާ މުބާރާތެއްގެ ކުއާޓާގައި ވާދަކޮށްފައެއް ނުވެއެވެ.
މި ގްރޫޕްގައި ދީމާ އާއި އަޒްކާ ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން ހަތް ޕޮއިންޓް ހޯދި އިރު ގްރޫޕްގެ ހަތަރު ވަނައަށް ދިޔަ މޮންގޯލިއާ އާއި ފަސް ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެ އެ ދެ ޓީމަށްވުރެ ކުރިއަށް ޖެހިލީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
ދީމާއާއި އަޒްކާގެ ޕެއާއިން ރޭ ގްރޫޕްގެ ފަހު މެޗުގައި ގްރޫޕްގެ އެއްވަނަ ހޯދި ތައިލޭންޑް ކައިރީގައިވެސް ވަނީ ރަނގަޅު ކުޅުމެއްދައްކައި، ގިނަ ޕޮއިންޓްތަކެއް ސްކޯކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7 - 21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11 - 21 އިންނެވެ.
ގްރޫޕް ބީގައި އެއްވަނަ ތައިލެންޑް ހޯދި އިރު، ދެވަނަ ހޯދީ އިންޑޮނޭޝިއާއެވެ. ގްރޫޕްގެ އެންމެ ފަހަތުގައި އޮތީ ބަހްރެއިނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ދީމާ އާއި އަޒްކާގެ ޕެއާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ހޯދި ކަޒަކިސްތާން ޓީމާއެވެ. ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދެވެ.
 
											
										 
					 
                