ޔޫރަޕުން ރަޝިއާ އިނދަޖައްސާލުމަށް ގިނަ މަސައްކަތްތަކެއް ފަށައިފި

ރަޝިއާ އިނދަޖައްސާލުމުގެ ރޭވުންތަކަށް ލަންޑަންގައި ބޭއްވި ޔޫރަޕްގެ ލީޑަރުންގެ ސަމިޓް

ލަންޑަން (25 އޮކްޓޯބަރު 2025): ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން އަސްކަރީ ގޮތުން ބަލިވުން ގަބޫލު ނުކުރެވޭނެކަމަށް ބުނެ ފަރަންސޭސިވިލާތުން ޔުކްރެއިންއަށް ފައިޓާޖެޓާއި އެނޫންވެސް ގިނަ އަދަދެއްގެ ބަރު ހަތިޔާރު ދޭން ނިންމައިފިއެވެ.

ޔުކްރެއިންއަށް އެހީވުމަށް ލަންޑަންގައި ބޭއްވި ޔޫރަޕްގެ ލީޑަރުންގެ ބައްދަލުވުމެއްގައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވިދާޅުވީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން އަސްކަރީ ގޮތުން ބަލިވުން ޔޫރަޕަށް ގަބޫލު ނުކުރެވޭނެކަމަށާ އަދި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ރަޝިއާއަށް ލިބޭގޮތަށް ޔުކްރެއިންގެ މައްސަލަ ހައްލުކުރުންވެސް ޔޫރަޕަށް ގަބޫލު ނުކުރެވޭނެކަމުގައެވެ.

އެހެންކަމުން ޔުކްރެއިންއަށް އިގްތިސާދީ އަދި އަސްކަރީ އިތުރު އެހީތައް ދިނުމުގައި ކުރިޔަށް ދިޔުން ނޫންގޮތެއް ޔޫރަޕަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މެކްރޯން ވިދާޅުވިގޮތުގައި ފަރަންސޭސިވިލާތުގައި އުފައްދާ އެންމެ ޒާމާނީ ފައިޓާ ޖެޓްކަމަށްވާ "މިރާޖް 2000" ގެ ޖެޓާއި ރާޑަރުތަކާއި އިލެކްޓްރޯނިކް ހަނގުރާމައަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ހިލޭ ޔުކްރެއިންއަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމުގައެވެ.

އަނެއްކޮޅުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ އެސެޓްތަކާއި ހަރުމުދާތައް ބޭނުންކޮށްގެން، ޔޫކްރެއިނަށް ބޭނުންވާ ދެ އަހަރު ދުވަހުގެ ބެޖެޓް ހަމަޖައްސައިދިނުމަށްވެސް ޔުކްރެއިންއަށް އެހީވުމުގެ ނަމުގައި ލަންޑަންގައި ބޭއްވި ސަމިޓުންވަނީ ނިންމާފައެވެ.

މުރާސިލުން ބުނާގޮތުގައި މިއީ ރަޝިއާ އާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން މިފަހަކަށް އައިސް ނިންމި އެންމެ ވޭންދެނިވި އަދި ހަރުކަށި ނިންމުންތަކެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ އެސެޓްތަކާއި ހަރުމުދާތައް ވިއްކައިގެން އެއިން ގާތްގަނޑަކަށް 163 ބިލިއަން ޑޮލަރު ހޯދޭނެކަމަށް ލަފާކުރައްވައި މި ފައިސާ ވަރަށް އަވަހަށް ޔުކްރެއިން އަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ޔޫރަޕްގެ އިއްތިހާދަށް ގޮވާލައްވާފައެވެ.

ނަމަވެސް މިގޮތަށް ގަދަބާރުން އަތުލާފައިވާ ރަޝިއާގެ މުދައު ވިއްކައި އެފައިސާ ތިންވަނަ ގައުމަކަށް ދނުމަކީ ޚުދު ޔޫރަޕްގެ ގައުމުތަކުގެ ގާނޫނުވެސް މަނާކުރާ ކަމެކެވެ. އެހެންކަމުން މިއީ އަދި ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަނެއްކޮޅުން މިއީ ރަޝިއާވެސް މަޑުން އޮންނާނެކަމެއް ނޫނެވެ.

މީގެކުރިންވެސް ރަޝިއާގެ އެސެޓްތައް ވިއްކައިގެން އެއިން ޔުކްރެއިންއަށް މާލީ އެހީދޭވާހަކަ ޔޫރަޕްގެ ލީޑަރުން ވަރަށް ގަދައަށް ދެއްކެވިއެވެ. ނަމަވެސް މިކަމަށް އަމަލީ ސިފަ އައިސްފައެއް ނުވެއެވެ.

ފަރަންސޭސިވިލާތުގައި އުފައްދާ އެންމެ ޒާމާނީ ފައިޓާ ޖެޓްކަމަށްވާ "މިރާޖް 2000" ގެ ޖެޓްތައް ޔުކްރެއިންއަށް ދިންނަމަވެސް އެޖެޓްތަކުގެ އަމަލީ ބޭނުން ހިފުމަކީ ކައިރި މުސްތަގްބަލެއްގައި ޔުކްރެއިން އަށް ފަންނީ ގޮތުން ކުރެވޭނެކަމެއް ނޫންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސަބަބަކީ ޔުކްރެއިން މިހާތަނަށް ބޭނުންކުރަމުން އައީ ރަޝިއާގައި އުފައްދާ މިގް މަރުކާގެ ޖެޓްތައް ކަމަށްވެފައި ރަޝިއާގެ ޖެޓްތަކުގެ އޮޕަރޭޝަން ސިސްޓަމްއާއި ފަރަންސޭސި ޖެޓްތަކުގެ އޮޕަރޭޝަން ސިސްޓަމް ތަފާތުކަމުން މިކަމަށް ޔުކްރެއިންގެ ޕައިލެޓުން ތަމްރީން ކުރުމަކީ އަހަރެއްހާ ދުވަހުގެ މުއްދަތު ނަގާނެކަމަކަށްވާތީއެވެ.

ފަރަންސޭސިވިލާތަކީ އެގައުމުގެ އަސްކަރީ މުޅި ސިސްޓަމްގައި އެގައުމުގެ އަމިއްލަ ބަސްކަމަށްވާ ފަރަންސޭސިބަސް ބޭނުންކުރާ ގައުމަކަށް ވެފައި ޔުކްރެއިންއަކީ އެގައުމުގެ އަސްކަރީ ކަންކަމުގައި އިނގިރޭސިބަހާއި ފަރަންސޭސިބަސް އެއްގޮތަކަށްވެސް ބޭނުންނުކުރާ ގައުމަކަށްވާތީއެވެ.

ޔުކްރެއިން ކުރިން ބޭނުންކުރީ ރަޝިއާ ބަހެވެ. ނަމަވެސް މިހާރު ބޭނުންކުރަނީ ޔުކްރެއިންގެ އަމިއްލަ ބަހެވެ. އެމެރިކާ ޔުކްރެއިންއަށް ދިން އެފް-16 ގެ ޖެޓްތައް ބޭނުން ނުކުރެވުނީވެސް ޔުކްރެއިންގެ ޕައިލެޓުންނަށް އިނގިރޭސި ބަސް ރަނގަނޅަށް ދަސްނުވުމާއި އެފް-16 ގެ ޖެޓްތަކުގެ އޮޕަރޭޓިން ސިސްޓަމް ބޭނުން ކުރުމުގެ އެއްއަހަރުގެ ތަމްރީން ދިންއިރުވެސް އެކަމަށް ޔުކްރެއިން ގެ ޕައިލެޓުން އެންމެ އެދެވޭގޮތުގައި ހުނަރުވެރި ނުވުމުންނެވެ.

ޔުކްރެއިންގެ މައްސަލާގައި ރަޝިއާ ގޮތް ދޫނުކުރާތީ އެމެރިކާ މިދިޔަ ހަފްތާގައިވަނީ ރަޝިއާގެ އެންމެ ބޮޑު ތެލުގެ ދެކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ފަސް އިންސައްތައަށް މައްޗަށް ގޮސްފައެވެ. ނަމަވެސް މިއީ ވަގުތީ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފިޔަވަޅުތަކާއެކު ޗައިނާއާއި އިންޑިއާ ގެ ސަރުކާރުގެ ކުންފުނިތަކުންވަނީ ރަޝިއާގެ މިދެކުންފުނިން އުފައްދާ ކްރޫޑް އޮއިލް ގަތުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. މިގޮތަށް މަޑުޖައްސާލުމުން ރަޝިއާގެ އެކްސްޕޯޓްކުރާ ތެލުން 5 އިންސައްތަ ދަށަށްދާނެކަމަށް ވެއެވެ.

ނަމަވެސް ޗައިނާއާއި އިންޑިއާގެ އަމިއްލަ ކުންފުނިތަކުން ރަޝިއާއިން ގަންނަ ތެލަށް އެއްވެސް ބަދަލެއް ނާދެއެއެވެ. އަދި ޗައިނާއާއި އިންޑިއާ ރަޝިއާގެ ގޭސްގަންނަ މިންވަރަށްވެސް އެއްވެސް ބަދަލެއް ނާދެއެވެ. ރަޝިއާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ގޭހުގެ ވިޔަފާރީންނެވެ.

ރަޝިއާގެ ތެލާއި ގޭހާ ނުލައި ޗައިނާއާއި އިންޑިއާއަށް ބޭނުންވާ މިންވަރާ ގާތަށްވެސް ތެލާއި ގޭސް ނުލިބޭކަމަށް އެދެގައުމުން ބުނެފައިވެއެވެ.

ރަޝިއާގެ ތެލާއި ގޭސް ޗައިނާއާއި އިންޑިއާއަށް ފޯރުކޮށްދެނީ ބާޒާރުގެ އަގަށްވުރެ ތަންކޮޅެއް ހެޔޮކޮށެވެ. މިކަމުގެ ސަބަބުން މިދެގައުމަށް ބޮޑު ފައިދާއެއް ލިބެއެވެ.

އެމެރިކާއާއި ޔޫރަޕްގެ ބޭނުމަކީ ޗައިނާއާއި އިންޑިއާއަށް ފިއްތުންތައް ކުރިމަތިކޮށްގެން ރަޝިއާގެ ތެލާއި ގޭހާ ދުރަށް އެދެގައުމު ގެންގޮސް ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލައިގެން ހުޅަނގު ބޭނުންވާގޮތަށް ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް ރަޝިއާ އަށް ޕްރެޝަރު ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު