މެސީގެ ދެ ލަނޑާއެކު އިންޓަ މަޔާމީއަށް މޮޅެއް

ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު ނޭޝްވިލް ބަލިކޮށް އިންޓަ މަޔާމީން ޕްލޭއޮފްގެ ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

މި މެޗު އިންޓަ މަޔާމީން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ޕްލޭއޮފްގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ.

އިންޓަ މަޔާމީގެ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0ގެ ނަތީޖާއަކުން ކުރީގައި އޮތީ އިންޓަ މަޔާމީއެވެ.

މި ހާފުގައި އިންޓަގެ ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. އޭނާ މި ލަނޑު ޖެހީ ލުއިޒް ސުއަރޭޒް މަތިން އޮއްސާލި ބޯޅައަކުން ބޮލުން ޖަހައެވެ. މެސީ މި ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނިޓުގައެވެ.

ހާވިއޭ މަޝެރާނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އިންޓަ މަޔާމީން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އިންޓަ މަޔާމީއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަޑެއޯ އަލެންޑޭ އެވެ. އަދި ތިންވަނަ ލަނޑު މެސީ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ.

މި މެޗުގައި ނޭޝްވިލް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ހެނީ މުޚްތާރު ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނޭޝްވިލް އަތުން އިންޓަ މަޔާމީ މޮޅުވެފައިވާއިރު މިއީ ނޭޝްވިލް އަތުން އެ ޓީމު މޮޅުވި ހަވަނަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު