އައްޑޫގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށް ވިދާޅުވެ، ހުޅުދުއާއި މީދޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވާން ނިންމި ނިންމުމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މަރުހަބާ ދަންނަވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ ދަށުން ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ފޭދޫން ނިންމީ ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށެވެ.
މި އިންތިޚާބުގެ ނަތީޖާއާ ގުޅިގެން 'ފޭސްބުކް'ގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުދުއާއި މީދޫގެ އިދާރީ ވަކިވުމަކީ އެ އަވަށްތަކުގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދި މި އިންތިޚާބަށްފަހު ވެސް ހުޅުދުއާއި މީދޫގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ހުޅުދުއާއި މީދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެއާއެކު ނިޒާރު އެދިވަޑައިގަތީ ކުރިއަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތު ގުޅާލުމަށެވެ.
"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އަޅުގަޑުމެންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫން. އަޅުގަނޑު އެދެނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުން،"
އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ ދެމިއޮތުމަށް އެ އަވަށުގެ ރައްޔިތުން ވޯޓުދެއްވީތީ ޝުކުރު އަދާކުރައްވައި ނިޒާރު ވިދާޅުވީ، އެ ނިންމުމަކީ އައްޑޫގެ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އަދި މުހިންމު ނިންމުމެއް ކަމަށެވެ.
"ސިޔާސީ ފިކުރުން އެއްކިބާވެ ފޭދޫ ރައްޔިތުންގެ ތެރެއިން މަސައްކަތް ކޮއްދެއްވި އެއްމެހާ ބޭފުޅުންނަށް ޝުކުރުދަންނަވަން،" ނިޒާރުގެ ޕޯސްޓުގައިވެއެވެ.
ނިޒާރުގެ އިތުރުން، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު ވެސް ވަނީ ފޭދޫއިން ކައުންސިލުން ވަކިނުވާން ނިންމި ނިންމުމަށާއި ހުޅުދުއާއި މީދޫއިން ކައުންސިލުން ވަކިވާން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު ނެގި އިންތިޚާބުގައި ވޯޓުލެވޭ އާބާދީގެ ދެބައިކުޅަ އެއްބައިވެސް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ވުމާއެކު މި އިންތިޚާބަށް ލިބުނު ތަރުހީބު ކުޑައެވެ.
 
											
										 
					 
                