އައްޑޫ އިންތިޚާބުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަނުދޭން ބާރުއަޅާނެ ކަމަށް އުންމީދުކުރަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަނުދިނުމަށް އެންމެން ބާރުއަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ލިޔުއްވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނިންމި ނިންމުމުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަނުދިނުމަށް އެންމެން ބާރުއަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނާނެ ގޮތަކާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ސިޓީ ކައުންސިލްގެ ދަށުން ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ފޭދޫން ނިންމީ ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާ ހިއްސާކުރައްވައި 'އެކްސް'ގައި ނަޝީދު ލިޔުއްވި ޕޯސްޓުގައިވަނީ ހުޅުދުއާއި މީދޫން ވޯޓުދިން މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ވޯޓުދިނީ ވަކި ކައުންސިލެއް އޮވެ ސިޓީން ވަކިވާން ކަން، ފާހަގަކުރައްވައިފައެވެ.

"މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުންވެސް ބާރު އަޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ނަޝީދު ލިޔުއްވާފައިވެއެވެ.

މި ނިންމުމާ ގުޅޭގޮތުން، ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހިކުމަތްތެރި ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، ހުޅުދުއާއި މީދޫ އަމިއްލަ މިނިވަންކަމުގައި ކުރިއަށްވުރެ ތަރައްގީވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، 'އެކްސް'ގައި މިރޭ ލިޔުއްވާފައިވެއެވެ.

މިއަދުގެ އިންތިޚާބާ ވިދިގެން، އައްޑޫގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތިކަމެއް ކަމާއި، ނަމަވެސް މި އިންތިޚާބަށްފަހު ވެސް ހުޅުދުއާއި މީދޫގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމާއި، ހުޅުދުއާއި މީދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން، އައްޑޫގެ މޭޔަރު އަލީ ނިޒާރު ދެއްވިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ފޭދޫން 616 މީހަކު ވޯޓުދިންއިރު، ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. ހަމަ އެހެންމެ މީދޫން 847 މީހަކު ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 623 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ.

މުޅި އިންތިޚާބުގައި ވޯޓުލީ ޖުމްލަ 4493 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ.

comment ކޮމެންޓް