ޒުވާން ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހު އާލާކުރުވަންޖެހޭ: އަޒްހަމް

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

ޒުވާން ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހު އާލާކުރުވަން ޖެހޭކަމަށް ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމުގެ ކޯޗު ހުސެއިން އަޒްހަމް ބުނެފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ހޭންޑް ބޯޅަ ޓީމު ކުޅުނު ފަހު މެޗަށް ފަހު ކޯޗު އަޒްހަމް ބުނީ، މުބާރާތުން ވަރަށް ބައިވަރު ކަންތައްތަށް ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް ވެސް ދަސްވެއްޖެ ކަމަށެވެ. މިގޮތުން އޭޝިއާގެ ވަރުގަދަ ޓީމުތަކުން މެޗަށް ތައްޔާރުވާ ގޮތާއި ޓްރެއިނިންތަކުގެ އިތުރުން މެޗުތަކުގައި ބޭނުންކުރާ ޓެކްޓިކްސް ވެސް ވަރަށް ގާތުން ފެނިގެންދިޔަ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ބޭނުން ހިފޭނެ އެތައް ކަމަށް ފެނިގެންދިޔަކަން އަޒްހަމް ފާހަގަކުރިއެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ

މުބާރާތުގައި ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި ބައްދަލުކުރި ހޮން ކޮންގާއެވެ. މި މެޗު ހޮންކޮން ޓީމުން ކާމިޔާބުކުރީ 41 - 10 އިންނެވެ.

މިމެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގައި ދިވެހި ޓީމުގެ ކެޕްޓަން ލަހުފާންގެ ކަކުލަށް ލިބުނު ހާނިއްކައެއްގައި ވަނީ ބަދަލުކުރަން ޖެހިފައެވެ. އަދި، މެޗުގެ ބާކީބައި ދިވެހި ޓީމުން ކުޅެން ޖެހުނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާއާ ނުލައެވެ. ލަހުފާން ވަނީ އިންޖަރީވެގެން މެޗުން ފައިބަން ޖެހުމުގެ ކުރިން ދެ ލަނޑު ޓީމަށް ކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގައި ދިވެހި ހޭންޑް ބޯޅަ ޓީމުން ވާދަކޮށްފައިވަނީ އޭޝިއާގެ ހޭންޑްބޯޅައިގައި މިހާރު އެންމެ ކުރީގައި އުޅޭ ޤައުމުތަކާއެވެ.

މެޗަށް ފަހު ކޯޗު އަޒްހަމް ބުނީ ޒުވާންއިރު ކުޅުންތެރިންގެ މެދުގައި މޮޅުވުމުގެ ރޫހު އިތުރު ކުރުވަންޖެހޭ ކަމަށާއި ޖިސްމާނީ ގޮތުން ވަރުގަދަކުރުމުގެ އިތުރުން ނަފުސާނީ ގޮތުން ވެސް ކުޅުންތެރިން ވަރުގަދަކުރުވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މިއީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި މުބާރާތް ނިންމާލާފައި އެނބުރި ޤައުމަށް ދާނީ ޓީމުގެ ހުރިހާ މެމްބަރުންވެސް ވަރަށް ބައިވަރު ރަނގަޅު ކަންތައްތަކެއް ދަސްކޮށްގެން ކަމަށްވެސް އަޒްހަމް ބުންޏެވެ.

comment ކޮމެންޓް