ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޣައްރިރު ހުސައިން ރިޒާ: އޭނާއަކީ ޖޭއެސްސީގެ މުޣައްރިރު ވެސްމެ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު އިސްތިއުފާދެއްވައިފިއެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިޚާބުކުރީ ޖޫން 12، 2024 ގައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ރިޒާ ވަނީ ޖޭއެސްސީގެ މަގާމުން އިސްތިއުފާދެއްވާފައެވެ. އޭނާ ވެސް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ޖޭއެސްސީގައި އިންނަވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރުގެ ހައިސިއްޔަތުންނެވެ.

އެހެންވެ، އޭނާގެ އިސްތިއުފާދެއްވުމާ އެކު ޖޭއެސްސީގެ މެންބަރުކަމާއި ރައީސްކަން ވެސް ހުސްވާނެއެވެ.

އެކަމަކު، އޭނާ އިސްތިއުފާދިން ސީދާ ސަބަބެއް މިހާތަނަށް ނޭނގެއެވެ. އެ ސުވާލަށް ރިޒާ ވެސް ޖަވާބެއް ނުދެއްވައެވެ.

https://sun.mv/213035

ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ އިންތިޚާބުކޮށްފައެވެ.

ރިޒާ އިސްތިއުފާ ދެއްވުމާ އެކު މި ވަގުތު ޖޭއެސްސީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޔަޒްމީދެވެ.

މީގެ ކުރިން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން ވެސް ނިންމާފައެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ތުހުމަތުތައް އެ ކޮމިޝަނަށް އަމާޒުވިއެވެ. އެއީ، އެ ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދެވެ. އޭގެ ތެރެއިން ސުއޫދު ފަހުން އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ.

https://sun.mv/212309

އޭގެ ފަހުން ރިޒާ ވަނީ ޝަރުއީ ދާއިރާއަކީ އެއްވެސް ބާރެއް ނެތް ބާރެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރިޒާއަކީ މިދިޔަ ދައުރުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ކޮއްކޯފުޅެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި ވަނީ އަވަހާރަވެފައެވެ. އޭނާ ވެސް ވަނީ ޖޭއެސްސީގެ މެންބަރުކަން މީގެ ކުރިން ކުރައްވާފައެވެ.

މިހާރު ޖޭއެސްސީގައި ތިއްބެވި މެންބަރުން:

  • ކޮމިޝަނުގެ ނައިބު ރައީސް ޔަޒްމީދު މުޙައްމަދު

ކޮމިޝަންގެ މެންބަރުން

  • މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު
  • ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް
  • ދަށު ކޯޓުގެ ފަނޑިޔާރު ފަރުހާދު ރަޝީދު
  • އާންމުންގެ ފަރާތުން އިދްރީސް ފައުޒީ
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖްތާޒް
  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • ގާނޫނީ ވަކީލުންގެ ފަރާތުން ޢަލީ ޢަބްދުއްލަޠީފް
comment ކޮމެންޓް