އދ.އިން ފުލުހުންނަށް ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ފުލުހުންނަށް ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކުރުން -- ފޮޓޯ/ ޕޮލިސް މީޑިއާ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ފުލުހުންނަށް ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

ފުލުހުން ބުނީ ޔޫއެންއޯޑީސީއިން މި ތަކެތި އެ މުއައްސަސާއަށް ހަދިޔާކުރީ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް ޓަކައި ކަމަށެވެ.

މި ތަކެތި ހަވާލުކުރުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

ފުލުހުން ބުނީ މި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީއިން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އެހީތެރިކަމަކީ، ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަތުމަށްޓަކައި މާލީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ "ސްޓްރެންތެނިން ފައިނޭންޝިއަލް އިންވެސްޓިގޭޝަން ކެޕޭބިލިޓީސް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓަ މެރިޓައިމް ކްރައިމް" މަޝްރޫއުގެ މުހިންމު ބައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަނެވޭނެ ހާއްސަ އާލާތްތައް ފުލުހުންނަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު---ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ބުނީ މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތައް، ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މި އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު މަރުހަލާއެއް ކަމަށެވެ.

މި ހަދިޔާކުރި އާލާތްތަކަކީ، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުުރުމަށް އެހީއަކަށް ވާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން، ކުށްތައް ހޯދައި ބަލައި ދިރާސާކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް