ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަނުކުރައްވައިފި

އިންޓެގްރިޓީ ކޮމިޝަނުން އޮގަސްޓު މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެކޮމިޝަނުގެ މެންބަރުން: އެ ކޮމިޝަންގެ ހަތަރު މެންބަރުންގެ ދައުރު މިއަދު ހަމަވާއިރު، މިއަދު ވަނީ ހަތަރު އައު މެންބަރުން އައްޔަނުކުރައްވައިފައި --- ފޮޓޯ/ އެންއައިސީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހަތަރު މެންބަރުން މިއަދު އައްޔަނުކުރައްވައިފިއެވެ.

އެ ކޮމިޝަނަށް ރައީސް މިއަދު އައްޔަނުކުރެއްވީ ޝުއައިބު އަބްދުއްރަޙުމާންއާއި ޝިފާޒު އަލީއާއި އަލީ މުޙައްމަދު މަނިކުގެ އިތުރަށް ފާތިމަތު ޝަރީފެވެ.

އެންއައިސީގެ ހަތަރު މެންބަރެއްގެ ދައުރު މިއަދު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓު 20ގައެވެ. އެ މުއްދަތު މިދިޔަ މަހު ހަތަކަށް ވަނީ ހަމަވެފައެވެ.

އެންއައިސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރު ކަމަށްވާއިރު، އެ ކޮމިޝަންގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. މިއަދު ދައުުރު ހަމަވި މެންބަރުންނަކީ:

  • ކޮމިޝަންގެ ރައީސް ޤާސިމް ޢަބްދުލް ކަރީމް
  • ނައިބު ރައީސް ޢާޝިޔަތު ޝިޢުނާ
  • މެންބަރު ޝުޢައިބު ޢަބްދުއްރަޙްމާން
  • މެންބަރު އާމިނަތު ޝާދިޔާ

އެ ހަތަރު މެންބަރުންނަކީ ވެސް މިދިޔަ ސަރުކާރުގެ ދުވަސްވަރު އޮކްޓޫބަރު 26، 2020 ގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. ކޮމިޝަންގައި ދެން އިންވަނީ މަރްޔަމް އިންޝާ ފައިޞަލެވެ. އޭނާ އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. އަމިއްލައަށް އެ ފަދަ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ވެސް އެ ކޮމިޝަނަށް ލިބެއެވެ.

comment ކޮމެންޓް