ޑިގްރީއަކާއެކު ބާ އެގްޒާމުން ފާސްވީމަ ނިމުނީކީ ނޫން، އެއީ އަދި ފެށުން: އުއްތަމަފަނޑިޔާރު

އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު: ޑިގްރީއަކާއެކު، ބާ އެގްޒާމުން ފާސްވީމަ ނިމުނީކީ ނޫން ކަމަށާއި އެއީ އަދި ފެށުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި --

ބައެއް ފަހަރު ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ލޯ ޑިގްރީއަކާއެކު ބާ އެގްޒާމުން ފާސްވުމުން ދެން ނިމުނީކަމަށާއި، އެކަމަކު އެއީ ފެށުން ކަމަށާއި އުނދަގޫ ބައި އޮތީ ކުރިއަށް ކަމަށް އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ، ވަކީލުކަމުގެ ލައިސަންސް އަލަށް ލިބުނު މީހުން ވަކީލުކަމުގެ ހުވާ ކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"ބައެއް ފަހަރު، ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ލޯ ޑިގްރީއަކާ އެކު، ބާ އެގްޒާމުން ފާސްވީމަ، ދެން މިކަން މި ހިސާބުން މި ނިމުނީކަމަށް. ނޫން، މިއީ ރަނގަޅު ވިސްނުމެއް ނޫން. ލޯ ޑިގްރީއާއި ބާ އެގްޒާމުން ފާސްވުމާ، މިއީ އަދި ފެށުން. ދަތުރުގެ ބާކީ ބައި، އޭގެ އުނދަގޫ ބައި އަދި އޮތީ ކުރިއަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި، ގާނޫނީ ވަކީލުންނަކީ ފަނޑިޔާރުންނެކޭ އެއްފަދައިން އިންސާފު ގާއިމް ކުރުމުގައި ބޮޑު ޒިންމާއެއް އޮތް ބައެއް ކަމަށް ވިދާޅުވިއެވެ.

"ފަނޑިޔާރުންނެކޭ އެއްފަދައިން ގާނޫނީ ވަކީލުންނަކީ ވެސް އަދުލު އިންސާފު ގާއިމް ކުރުމުގައި ހަރަކާތްތެރިވާ އިންސާފުގެ ދަތުރުގެ ބައިވެރިން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް އެޅިފައިވޭ. އެއީ ހައްގުތައް އޭގެ ވެރިފަރާތްތަކަށް ހޯދައި ދިނުމުގެ ބުރަ މަސައްކަތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނާއި ވަކީލުން ވެސް މަސައްކަތް ކުރަން ޖެހެނީ އެއް މިސްރާބަކަށް ކަމަށެވެ.

comment ކޮމެންޓް