މިދިޔަ ހަފުތާގައި އެކި ބާވަތްތަކުގެ ސްކޭމްތަކުގައި ޖެހި، މީހުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ތިން ލައްކަ ރުފިޔާއަށް އަރާ ކަމަށާއި އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.
ސްކޭމް ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ ޔުނިޓުން މިރޭ ވަނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރިޕޯޓުކުރި އެފަދަ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ މުއްދަތުގައި 35 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ގެއްލުނު ފައިސާގެ އަދަދު 372،515.59އަށް އަރައެވެ. އޭގެ ތެރެއިން ފުލުހުން ވަނީ 148،781.94 ރުފިޔާ ހޯދައިފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި، އޮންލައިން ވިޔަފާރީގައި އޮޅުވާލުމުގެ 13 މައްސަލައެއް ހިމެެނެއެވެ. އޭގެ އިތުރަށް ރިޕޯޓުކޮށްފައިވަނީ، ފައިސާ ބަދަލުކުރުމުގައި އޮޅުވާލުމުގެ ހަ މައްސަލައާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައާއި ފިޝިންއާއި ވިޝިންއާއި ވަޒީފާ ދިނުމާ ގުޅޭ ހަ މައްސަލައެކެވެ.
ފުލުހުންގެ ތަފާސްހިސާބުގައިވާ ގޮތުން ސްކޭމަރުން ބޭނުންކުރާ މަންސަތަކުގެ ތެރޭގައި ފޯންކޯލާއި އައިބޭއާއި އޮންލައިން މެސެޖިން އެޕްތަކާއި ފިޝިން ލިންކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ޒަމާނަށް އަންނަ ބަދަލުތަކާއެކު، މަކަރާއި ހީލަތް ހެދުމުގައި އައު އުކުޅުތައް ބޭނުންކުރުން ވެސް ވަނީ އިތުރުވެފައެވެ. އެހެންވެ، މީހަކަށް ނުވަތަ ބަޔަކަށް ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދު ވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
 
											
										 
					