އެޕަލް އިން 2026 ވަނަ އަހަރު ނެރޭނެ ކަމަށް ބެލެވޭ އައިފޯން 18 ސީރީޒްގެ ހުރިހާ މޮޑެލެއްގައި 12 ޖީބީގެ ރޭމް (މެމޮރީ) ހިމެނޭނެ ކަމަށް ޓެކްނޮލޮޖީއާ ބެހޭ ޚަބަރުތައް ބުނެފިއެވެ.
މި ބަދަލު އަންނަނީ އުފެއްދުމުގެ މަރުޙަލާގައި ސަޕްލައި ކުރާ ކުންފުނިތަކުގެ ފަރާތުން ދިމާވާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ކޮރެއާގެ ނޫހަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނެއެވެ.
މިހާރު ލީކްވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އައިފޯންގެ ކުރިއަށް އޮތް ސީރީޒްގެ ފޯނުތަކުގެ މެމޮރީއަށް މިބަދަލުގެންނާނެކަމަށް ބެލެވޭއިރު، އެޕަލްއިން އެންމެ ފަހުން 2025 ވަނަ އަހަރު ނެރުނު އައިފޯން 17 ގެ ބޭސް މޮޑެލްގައި ހުރީ 8 ޖީބީގެ ރޭމްއެވެ. ނަމަވެސް، އެ ސީރީޒްގެ 'ޕްރޯ' އަދި 'އެއާ' މޮޑެލްތަކުގައި 12 ޖީބީގެ ރޭމް ހުރެއެވެ. މީގެ ސަބަބުން ބޭސް މޮޑެލް އާއި އަގުބޮޑެތި މޮޑެލްތަކާ ދެމެދު ޕާފޯމަންސްގެ ގޮތުން ބޮޑު ތަފާތެއް އުފެދެއެވެ.
ނަމަވެސް، "ދަ ބެލް" ނޫހުގެ ރިޕޯޓް ބުނާގޮތުން އައިފޯން 18 އާއެކު މިކަން ބަދަލުވާނެއެވެ. އެއީ އެޕަލްއަށް ހައި-ސްޕީޑް މެމޮރީ ޗިޕްސް ސަޕްލައިކުރާ މައި ކުންފުންޏެއް ކަމަށްވާ ސެމްސަންގް އިން އެންމެ ގިނައިން އުފައްދަމުން ދަނީ 12 ޖީބީ އާއި 16 ޖީބީގެ ޗިޕްސް ކަމަށްވާތީއެވެ.
އެޕަލް އިން އެ ކުންފުނީގެ އޯޑަރުތައް އިތުރުކުރުމުން، 8 ޖީބީގެ ޗިޕްސްއަށްވުރެ 12 ޖީބީގެ ޗިޕްސް ބޭނުންކުރުން އެޕަލްއަށް ފަސޭހަވެ، އަގުހެޔޮ ވެދާނެ ކަމަށް ބެލެވެއެވެ.
މިކަމާ ގުޅިގެން އެޕަލް އިން އެސްކޭ ހައިނިކްސް އަދި މައިކްރޯން ފަދަ އެހެން ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެއެވެ.
މީގެ އިތުރުން، އައިފޯން 18 ގައި 6-ޗެނަލް ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. މިއީ މެމޮރީގެ ސްޕީޑް އިތުރުކޮށް، ފޯނުގެ ޖުމްލަ ޕާފޯމަންސް ވަރުގަދަ ކޮށްދޭނެ ކަމެކެވެ.
މި ބަދަލުތަކާއެކު، އައިފޯން 18 ގެ ބޭސް މޮޑެލް ގަންނަ ފަރާތްތަކަށް ވެސް، ޕްރޯ މޮޑެލްތަކާ އެއްފެންވަރެއްގެ މަލްޓި-ޓާސްކިން އަދި ގޭމިންގ ޕާފޯމަންސެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ފަހަކަށް އައިސް އައިފޯންތަކުގެ ރޭމް އިތުރުކުރުމަކީ އެޕަލް އިން ވަރަށް ބޮޑަށް ސަމާލުކަންދެމުން އަންނަ ކަމެކެވެ. އެގޮތުން، އައިފޯންގެ ޕްރޯ މޮޑެލްތަކުގައި ބޭސް މޮޑެލްތަކަށްވުރެ ގިނަ ރޭމް ބޭނުންކުރުމަކީ އެޕަލްގެ އާދަކާދައެކެވެ. މިގޮތަށް ރޭމް އިތުރުކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އައިއޯއެސްގެ އާ ވާޝަންތަކުގައި ހިމެނޭ މަލްޓިޓާސްކިން އާއި ހެވީ އެޕްލިކޭޝަންތައް ހިންގުމަށް ބޭނުންވާ ބާރު އިތުރުކުރުމާއި، އާ އޭއައި އަދި މެޝިން ލާނިން ފީޗާސްތަކަށް ޑިވައިސްގެ ތެރޭގައި ޖާގަ ހޯދައިދިނުން ހިމެނެއެވެ. ޚާއްސަކޮށް، ޑިވައިސްގެ ޕާފޯމަންސް ދަށްނުކޮށް ގިނަ އެޕްލިކޭޝަންތައް އެއްފަހަރާ ހުޅުވައި ބޭނުންކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް ރޭމްގެ މުހިންމުކަން ބޮޑެވެ.
މިހާރުގެ ޓެކްނޮލޮޖީގައި، ރޭމްގެ މިންވަރު އިތުރުވުމާއިއެކު، ޑިވައިސްގެ ސްޕީޑާއި އިފިޝަންސީ ވެސް މަތިވެގެންދެއެވެ. ނަމަވެސް، އެޕަލް އިން އާންމުކޮށް އެންޑްރޮއިޑް ފޯނުތަކާ އަޅާބަލާއިރު ކުޑަ ރޭމްއެއް ބޭނުންކުރި ނަމަވެސް، ސޮފްޓްވެއާ އާއި ހާޑްވެއާގެ އެއްބާރުލުން ރަނގަޅުވުމުގެ ސަބަބުން، އެންޑްރޮއިޑް ފޯނުތަކާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ ރަނގަޅު ޕާފޯމަންސެއް ދެއެވެ. އެހެންކަމުން، ބޭސް މޮޑެލްގެ ރޭމް 12 ޖީބީއަށް އިތުރުވުމަކީ، އައިފޯންގެ ޕާފޯމަންސްގައި ކުރިއެރުމެއް އަންނާނެ ކަމުގެ ހެއްކެކެވެ.