ޕީއެންސީ މެންބަރުންގެ ވޯޓާއެކު މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ރުހުންދީފި

މުހައްމަދު ފަރުޝަތު: ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލައި އުފެއްދި އާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން މަޖިލީހުން ރުހުންދިނީ މިއަދު

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި އެމްއެމްސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އާ ކޮމިޝަންގެ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އާ ކޮމިޝަންގެ ރައީސްކަމަށް ފަރުޝަތު އައްޔަންކުރަން ފެންނަ ކަމަށެވެ.

https://sun.mv/213036

އެހެންވެ، ފަރުޝަތު އެ މަގާމަށް އައްޔަންކުރަން ފެނޭތޯ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 49 މެންބަރުން އޭނާ އައްޔަންކުރަން ފެންނަ ކަމަށް ރުހުންދިން އިރު، ނުފެންނަ ކަމަށް ވޯޓުދިނީ ނުވަ މެންބަރުންނެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަންގައި ތިބެނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ނޫސްތަކުގެ ތެރެއިން ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރަކު ހިމެނޭއިރު އެއީ އިންތިޚާބުކުރާ މެންބަރުންނެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ ކޮމިޝަންގެ މެންބަރުން

  1. މުހައްމަދު ފަރުޝަތު - ރައީސް
  2. ސަފާ ޝަފީޤު
  3. އާމިނަތު ސަރާހަތު އިއްޒަތު
  4. ހުސައިން ޘަގީފް އިހުސާން
  5. ސިމާހާ ނަސީމް
  6. ޒަމްއަތު އަހްމަދު ވަހީދު
  7. އަބްދުލްއަޒީޒް އިބްރާހީމް

މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކުން އެ ގާނޫނާ ދެކޮޅު ހަދަނިކޮށެވެ. އެއީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ، އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ، ތަޖުރިބާކާރު ގިނަ ނޫސްވެރިން ވަނީ ބިލާ ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް