ތުއްތު ކުއްޖަކަށް ވެކްސިން ދޭން ނަރުހަކު ކޯރެއް ހުރަސްކުރާ ވީޑިއޯއެއް

އިންޑިއާގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހަކު ތުއްތު ކުއްޖަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ކޯރެއް ހުރަސްކޮށް ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވެ, ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ވީޑިއޯގައި ފެންނަނީ އުމުރުން 40 އަހަރުގެ ކަމްލާ ދޭވީ ނަމަކަށް ކިޔާ ނަރުހަކު އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ޑިސްޓްރިކްޓްގައިވާ ފެން ކޯރެއް ހުރަސްކުރާ މަންޒަރެވެ.

ކޮނޑުގައި އޮތް ދަބަހާ އެކު އެއް އަރުން ފައިވާން ހިފަހައްޓައިގެން އެއް ހިލަ މަތިން އަނެއް ހިލަ މައްޗަށް ހުޝިޔާރުކަމާ އެކު އޭނާ ފުންމަމުން ދަތުރު ކަޑައްތުކުރީ ވަރަށް މަސައްކަތުންކަން އެ ވީޑިއޯއިން ސާބިތުކޮށްދެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކަމްލާ ހުރަސްކުރި ކޯރަކީ އޮއި ގަދަ ކޮންމެ ވެސް ވަރަކަށް ފުން ކޯރެކެވެ.

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްއަށް ނިސްބަތްވާ ނަރުސް ކަމްލާ ދޭވީ--ފޮޓޯ/އެމްއެސްއެން

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެމުން ކަމްލާ ބުނީ, ވެކްސިން ހިފައިގެން އޭނާ ދިޔައީ އަލަށް ވިހެއި ކުއްޖަކަށް ކޮންމެހެން ވެސް ދޭންޖެހޭ ވެކްސިނެއް ދިނުމަށް އެ ކުއްޖާގެ މަންމައަށް ނާދެވުމުން ކަމަށެވެ. އެ ކުއްޖާގެ މަންމައަށް ވެކްސިން ބަލާ ނުދެވުނީ އެ ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ކަމަށް ވެސް ކަމްލާ ވަނީ ބުނެފައެވެ.

އެ ތުއްތު ކުއްޖާއަށް ވެކްސިން ދިނުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ކަމްލާ ދޭވީ މަސައްކަތްކުރާ ޕްރައިމަރީ ހެލްތު ސެންޓަރުގެ ދަށަށް ކަމަށްވެފައި އޭނާއަކީ އެ ސެންޓަރުގެ ސްވަރު ހެލްތު ސަބް-ސެންޓަރުގެ އިންޗާޖަށް ވުމުން ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް ވަރަށް ގާތުން ބަލާ ކަމަށް ކަމްލާ ވަނީ ބުނެފައެވެ.

އެހެންވެ, އަލަށް ވިހެއި އެ ކުއްޖާއަށް ވެކްސިން ދިނުމަކީ އޭނާގެ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން ބޭނުމަކަށްވީ ކޮންމެ ހާލަތެއްގައި ވެސް އެ ދުވަހުގެ ވެކްސިން ކުއްޖާއަށް ދިނުން ކަމަށް ކަމްލާ ވަނީ ބުނެފައެވެ. ކަމްލާ ކޯރު ހުރަސްކޮށް ކުރި ދަތުރުގެ ވީޑިއޯ ނެގީ ކާކުކަން ވެސް ނޭނގޭ ކަމަށާއި އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނާއަށް ތައުރީފުކޮށް ގުޅައި މެސެޖު ކުރަމުން ދިޔަ ކަމަށް ކަމްލާ ވަނީ ދަ އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެމުން ބުނެފައެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަމްލާ ފަދަ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ކުރާ އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަކީ ހިމާޗަލް ޕްރަދޭޝްގެ ޕާލަމަންޓް މެންބަރުންނަށް ގޮވާލާފައެވެ. ހިމާޗަލް ޕްރަދޭޝްގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ އިސްވެރިންގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިފައިވާއިރު ޗީފް މެޑިކަލް އޮފިސަރު ދީޕާލީ ޝަރުމާ ވަނީ ކަމްލާގެ ފަރާތުން ފެނުނު އެ ހިތްވަރުގަދަ ކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.

ނަމަވެސް, ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅޭ އެފަދަ އަމަލުތައް ހުއްޓުމަށް ވެސް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

ކުރިއަށް އޮތް ތަނުގައި އެއްވެސް ކަހަލަ ކަމެއް މެދުވެރިވެގެން އާއްމުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްނުދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ހަމަޖައްސައިދެއްވާނެ ކަމަށާއި އެކަމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޗީފް މެޑިކަލް އޮފިސަރު ދީޕާލީ ޝަރުމާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް