ބަދަލުތަކާއެކީ ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ޑިސެމްބަރުގައި ހުޅުވާލައި، އެއްް އަހަރުތެރޭ ފެށޭނެ: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: އޭނާ ވިދާޅުވީ، ޑިސެމްބަރު މަހު ޕްރޮޕޯސަލަށް ހުޅުވާލައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް -- ފޮޓޯ/ މަޖިލީސް

ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ބަދަލުތަކާއެކީ ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލައި އަހަރު ދުވަހުގެތެރޭ ޚިދުމަތް ފަށަން މަސައްކަތްކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެ, އެ ޚިދުމަތް ފަށަން އާ މުއްދަތެއް ދެއްވައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު އަމީން ވަނީ، މިއަހަރުގެ މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިނިސްޓަރު ދެއްވި ތާރީޚު ފާއިތުވެ އަހަރު ނިމެން ގާތްވިއިރު، އަދިވެސް ހެލިކޮޕްޓަރުގެ ޚިދުމަތް ނުފަށައެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުން ލަސްވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަނަށް ބަލާއިރު ގިނަ ގައުމުތަކަކުން ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށެވެ.

https://sun.mv/204713

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާލަތަށް ބަލާއިރު އެއާޕޯޓުތައް ގިނަވާ މައިގަނޑު ސަބަބަކީ މެޑިކަލް އިވެކުއޭޝަން ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ދަތުރުކުރެވޭނެ ވަސީލަތްތައް ނެތުން ކަމަށެވެ.

"އެގޮތުން ވިސްނިކަމުގައިވިޔަސް ހެލިކޮޕްޓަރަކީ ވަރަށް މުހިންމު އެއްޗެއް، އަދި ސާޗް އެންޑް ރެސްކިއުއަށް ވެސް ވަރަށް މުހިންމު އެއްޗެއް، އަދި ޓޫރިޒަމް ރާއްޖޭގައި ފުޅާވަމުން ދާއިރުގައި އަޅުގަނޑުމެންގެ އެއާޕޯޓުތަކަށް 24 ގަޑިއިރު ބޯޓުތައް އައިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ސީޕްލޭން ދުވާލު އެކަނި ބޭނުންކުރެވޭތީ ހެލިކޮޕްޓަރު އޮޕަރޭޝަންސް ރާއްޖޭގައި ފެށުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަކީ ސަލާމަތީގޮތުން ރައްކާތެރިކަމެއްތޯ ބެލުމަށް ޓަކައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ޓެސްޓުތަކެއް ހެދި ކަމަށާއި، އެ ޓެސްޓުތައް ހެދިއިރު ރާއްޖޭގައި ވަކި މިންގަނޑަކަށް ފެތޭ ހެލިކޮޕްޓަރު އޮޕަރޭޓްކުރުން ރަނގަޅުކަމަށް އެ ޓެސްޓުގެ ނަތީޖާއިން ދެއްކިކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިކަލް އިވެކުއޭޝަނަށް ކޮންމެ ސަރުކާރަކުން ވެސް ޚަރަދުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލިއިރު އިއުލާނުކުރީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ވަކި ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދޭ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފުރުސަތުގައި ގާތްގަނޑަކަށް 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރިކަމަށާއި، ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ޕްރޮޕޯސަލް ހުޅުވާލުމުން ދައުލަތަށް ނަގާ ބައި ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރި ކަމަށެވެ.

އެހެންވެ ބަދަލުތަކާއެކީ ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން އެއްވެސް ކުންފުންޏަކާ އަދި ހަވާލުކޮށްފައެއް ނެތެވެ.

"އިރާދަކުރެއްވިއްޔާ ޑިސެމްބަރުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެތެރޭ މިކަން ކާމިޔާބުކުރެވުނު ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،"

ރާއްޖޭގައި އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ.

އޭގެ ފަހުން ހަމަ އެ މަހުގެ 21ގައި އޭރުގެ ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރްސީއެލް) އިން ވަނީ، ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދޭ ގޮތަށް ދުބާއީގެ ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝާޓޯ ޑީޑަބްލިއުސީއާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ހެލިކޮޕްޓަރާއި ޑްރޯން ޖެއްސޭ ގޮތަށް 100 ހައިބްރިޑް ވާޓިޕޯޓްސް ގާއިމުކޮށް، ހެލިކޮޕްޓަރުގެ ޚިދުމަތަށް ހުޅުވައިލާނެ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ އާބަން އެއާ މޮބިލިޓީން އޭރު ރިޕޯޓުކޮށްފައިވެއެވެ.

މި ޕޯޓުތަކުގެ ތެރޭގައި، ޓަޗް ޑައުން އެންޑް ލިފްޓް އޮފް އޭރިއާތަކާއި ސަލާމަތީ ޒޯންތަކާއި ޓާމިނަލް ވެއިޓިން ހޯލްތައް ހިމެނެއެވެ. އަދި، ކާގޯ އޮޕަރޭޝަން ހިމެނޭހެން ތަފާތު ކަންކަމަށް 500 ޑްރޯން ޕޯޓު ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.

https://sun.mv/195131

ރާއްޖޭގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުމުން، މި ސަރުކާރުން އައީ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އެގޮތުން އެ ހުރިހާ ސިފައިން ފޮނުވައިލައި، ހެލިކޮޕްޓަރު ދުއްވަން މަދަނީ މީހުން ގެނެސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.

comment ކޮމެންޓް