ކަސްޓަމްސް އޮފިސަރުންތަކެއްގެ ބޮޑު ޚިޔާނާތެއްގެ މައްސަލަ ތަހުގީގުކުރާތާ އަހަރެއް، ނިމޭނެ ތާރީޚެއް، ތަފްސީލެއް ނެތް!

ޖުލައި 8، 2021: ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހު ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓުން 400 މިލިއަނެއްހާ ދިވެހި ރުފިޔާ ދައުރުކުރި މައްސަލަ ތަހުގީގުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު، އެ މައްސަލައިގެ ތަހުގީގު އަދިވެސް ނިމިފައިނުވާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

އެ ކޮމިޓީން ރޭ އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ކަސްޓަމްސްއަށް ހުށަހެޅޭ އިންވޮއިސްތަކުގައި ހިމަނާ އަގުތައް އޮޅުވާލުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ދަށްވަމުންދާކަމާއި އެކަން ހައްލުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފުލުހުން މީޑިއާތަކަށް ހާމަކުރީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ކަސްޓަމްސްގެ 21 މުވައްޒަފެއްގެ އެކައުންޓުން 400 މިލިއަނެއްހާ ދިވެހި ރުފިޔާ ދައުރުކުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުން އަންނަކަން ފުލުހުން ކަސްޓަމްސްއަށް އެންގީ ޑިސެންބަރު 16، 2023 ގައެވެ.

އޭގެ ފަހުން ކަސްޓަމްސްގެ ޖުމުލަ 23 މުވައްޒަފެއްގެ މައްޗަށް ތުހުމަތުކޮށް އޮގަސްޓް 19، 2024 އިން ފެށިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް މިިދިޔަ މާރިޗު މަހު ފުލުހުން ކަސްޓަމަށް އެންގި ނަމަވެސް، ފުލުހުން އިތުރު މައުލޫމާތު ނުދޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މި މައްސަލައިގައި ޝާމިލްވާ ކަސްޓަމްސްގެ މުވައްޒަފުން އެ ޚިދުމަތުގެ އުސޫލުތަކާ ޚިލާފުވެފައިވޭތޯ ބަލަމުން އަންނަ ކަމަށް ބުނި ނަމަވެސް، މައްސަލައިގެ އިދާރީ ތަހުގީގު ލަސްވަނީ ހޯދަންޖެހޭ ލިއުންތައް ހޯދައި ދިރާސާކުރަން ވަގުތުނަގާތީ ކަމާއި މިދިޔަ ޖުލައި މަސް ނިމުމުގެ ކުރިން މައްސަލަތަކުގެ އިދާރީ ތަހުގީގު ނިންމުމަށް އަމާޒުކުރާ ކަމަށް ކަސްޓަމުން ބުނި ކަމަށާއި، ފުލުހުން ބަލަމުންދާ މައްސަލައިގައި ހިމެނޭ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންނާ ހަވާލާދީ ކޮމިޓީ ރިޕޯޓުގައި ބުނީ، މި މައްސަލައިގައި ފުލުހުންގެ ތަހުގީގު ލަސްވަނީ މި މައްސަލައަކީ ގިނަ އަދަދެެއްގެ ފަރާތްތަކުން ޝާމިލުވާ ޖިނާއީ ބޮޑު މައްސަލައަކަށް ވާތީ ކަމަށާއި، މައްސަލައިގައި ނެގިފައިވާ އިލެކްޓްރޯނިކް ޑިވައިސްތަކުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިއުމުގެ އިތުރުން މައްސަލައިގައި ބަޔާން ނަގަންޖެހޭ ފަރާތްތަކުގެ ބަޔާން ނަގައި ނިމިފައިނުވާތީ ކަމަށެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މި މައްސަލައިގެ ތަހުގީގު ނިމޭނެ ތާރީޚެއް ހާމަކުރަން ދަތިކަމަށް ބުނެ، ފުލުހުން މައުލޫމާތު ނުދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަރެކްޝަންސްގެ މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭ މި ފަދަ ޚިޔާނާތުގެ މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އެ މައްސަލައިގައި 18 އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން އޭރު ބުންޏެވެ.

އެ އޮފިސަރުން ޖަލަށް ޑުރަގާއި އެ ނޫން ވެސް ތަކެތި ވައްދައިދީގެން 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު، އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ 13 އޮފިސަރެއްގެ މައްޗަށެވެ. އޭގެ ތެރެއިން ވެސް އަށް އޮފިސަރުންނަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން، މިހާތަނަށް ދައުވާކުރީ ފަސް އޮފިސަރުންގެ މައްޗަށެވެ.

comment ކޮމެންޓް