ގަވައިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރަން މަޖިލީހުގެ މެންބަރުން އެދޭ: މިނިސްޓަރު އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: ވިދާޅުވީ ގަވައިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރަން މެންބަރުން އެދެމުންދާ ކަމަށް -- ފޮޓޯ/ މަޖިލީސް

ގަވައިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދެމުން އަންނަ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވިދާޅުވީ, މި ސަރުކާރުން ގާނޫނީ ޒިންމާ އަދާކުރަމުން އަންނަ ކަމަށާއި ގާނޫނާ އެއްގޮތަށް ނޫނީ މިހާރު އުޅަނދުފަހަރު ރަޖިސްޓްރީނުކުރެވޭނެ ކަމަށެވެ.

"ތީގެން ހަމަ ވަރަށް ގިނަ ބޭފުޅުން ވެސް އަޅުގަނޑު ކައިރީގައި ރިކުއެސްޓްކުރެއްވީމާ އަޅުގަނޑު ހަމަ އަރުވާ ޖަވާބަކީ ނޫނެކޭ،" އަމީން ވިދާޅުވިއެވެ.

ގަވާއިދުން ބޭރުން ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނުހިނގާ ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ ގަރާޖެއް އޮވެގެން ނޫނީ ވެހިކަލް އެތެރެނުކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ސައިކަލުތައް ލާމަރުކަޒީ އުސޫލުން ބޭރުން އެހެން ކައުންސިލްތަކުގައި ރަޖިސްޓްރީކުރި މައްސަލައާއި ކުންފުނިތަކުގެ ނަންތަކުގައި ސައިކަލުތައް ރަޖިސްޓްރީކުރި މައްސަލަ ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅަނދުފަހަރު ރަޖިސްޓްރީކުރުން ހުއްޓުވުމަށްޓަކައި ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި، އުޅަނދުފަހަރު އެތެރެކޮށް ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތައް މި ދައުރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ.

comment ކޮމެންޓް