އެއާޕޯޓު ވައްކަން: 4 މީހުން ހައްޔަރުކޮށް، ލޯންޗު ހޯދައިފި

ފުލުހެއް: އެއާޕޯޓު ވައްކަމާ ގުޅިގެން 4 މީހުން ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު އެއާޕޯޓުން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު ފުލުހުން މިއަދު ހޯދައިފިއެވެ.

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.

އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، ގެއްލުނު ފައިސާ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ.

މައްސަލައިގެ އިތުރު ތަފުސީލެއް ނުދީ މިނިސްޓަރު ވަނީ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި، ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފުކުރައްވާފައެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެއީ ފުރާ މީހުންނަށް ދޫކުރާށާއި ފައިސާ މާރުކުރަން ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރަށް ގެންދިޔަ ފައިސާއެވެ. އެ ފައިސާ ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

"ގާތްގަނޑަކަށް ލައްކައެއްހާ ޑޮލަރު އެއީ. އިތުރު ކަރަންސީ ވެސް ހުންނާނެ، ޔޫރޯ ވެސް،" މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން ނަން ނުޖަހަން ޝަރުތުކޮށް ކިޔައިދިނެވެ.

އެކަމަކު، ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގެއެވެ.

ގެއްލުނު ފައިސާގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް އެހެން މަސްދަރަކުން ވަނީ ގެއްލުނު ފައިސާގެ ޖުމުލަ ލައްކައެއްހާ ޑޮލަރަށް ނާރާނެ ކަމަށް ބުނެފައެވެ. އެހެންވެ، އަދިވެސް ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާ ކަމެއް ބުނާކަށް ނޭނގެއެވެ.

އިިތުރުބާރު ހުރި މަސްދަރަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މީހުން އައީ ފައިސާ ހިފައިގެން މުވައްޒަފުން ދިޔަ ވަގުތު ބަލައިގެންނެވެ. އެ މީހުން ފައިސާތައް ހުރި ސޫޓް ކޭސް ޖަހައިގަތުމަށް ފަހު ދުވެފައި ގޮސް އެއާޕޯޓުގައި އޮތް ލޯންޗަކަށް އަރައިގެން ފިލީއެވެ. އެ މީހުން އެއާޕޯޓަށް ދިޔައީ ޓެކްސީއެއްގައިކަން ވަނީ އެނގިފައެވެ.

https://sun.mv/213184

އެ ހާދިސާއާ ގުޅިގެން ބޭންކާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ފުލުހުން ބުނީ ހާދިސާގެ ތަހުގީގު ކުރިއަށްދާ ވަރަކުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލުން މި ފަހުން ވަނީ އެސްޓޭޓް ސެކިއުރިޓީގެ ނަމުގައި އާ ޑިޕާޓްމަންޓެއް ގާއިމުކޮށްފައެވެ. އެ ތަން އުފެއްދީ ޕާކިން ސަރަހައްދުތަކާއި، ޖެޓީ ސަރަހައްދުތަކާއި، ޓެކްސީ ކިއުތަކުގެ އިތުރުން ކުންފުނީގެ އެސެޓްތަކާއި ހުޅުލޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާށެވެ.

މިހާރު ވެސް އެއާޕޯޓު ސެކިއުރިޓީ ބެލެހެއްޓުމުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވެސް ލިބެއެވެ.

އާ ސެކިއުރިޓީ ޑިޕާޓްމަންޓް އުފައްދަން ދިޔަ ޚަރަދު އެ ކުންފުނިން ވަނީ ސިއްރުކޮށްފައެވެ.

comment ކޮމެންޓް