މައްސަލަ ރަޖިސްޓްރީކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، ހައިކޯޓުން ބޭރުކޮށްލި، 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު އަންގައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއިކޮށް ކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑުރަގު އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އިރުފާން ތަގިއްޔުގެ މައްސަލައެވެ. އަނެއް ދެ މައްސަލަ އޮތީ ކުރިން ބަލައިގެންފައެވެ.
މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން، ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެއެވެ. އެކެމަކު، އެ ރިޕޯޓް އަލުން ރިވިއުކޮށްދިނުމަށް އެދި ހުށަހެމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން އަންގައި، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފައެވެ.
މި މައްސަލަ ބަލައިގަންނަން އެންގި ފަނޑިޔާރުންގެ ބެންޗުންވަނީ މައްސަލައިގައި ޕީޖީ އޮފީހުން ފަރުވާ ކުޑަކޮށްފައިނުވާކަން ފާހަގަކޮށްފައެވެ. އަދި، ކަނޑައެޅިފައިވާ ރަސްމީ ޗެނަލުން ހައިކޯޓުން މި މައްސަލައިގައި ޕީޖީ އޮފީހާ މުއާމަލާތްކޮށްފައިނުވާކަން ފަނޑިޔާރުންގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
މިއީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެންބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑުރަގު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ.
މި މައްސަލައިގައި އޭނާއާއެކު ދެން ހިމެނޭ ދެ މީހުންނަކީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީއެވެ. ދަށު ކޯޓުން، ގާޒީ އިބްރާހީމް އިހުސާން މި ތިން މީހުންގެ މައްޗަށްވެސް ހުކުމް ކުރީ ކުށް ސާބިތުނުވާ ކަމަށެވެ.
 
											
										 
					 
                