މޮސްކޯ (27 އޮކްޓޯބަރު 2025): ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި އެމެރިކާއިން ރަޝިއާގެ ތެލުގެ ސިނާއަތާ ދެކޮޅަށް އެޅި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާއި ރަޝިއާގެ ހަރު މުދަލާއި އެސްޓްތައް ވިއްކައިގެން ލިބޭ ފައިސާ ޔުކްރެއިނަށް ދިނުމަށް ޔޫރަޕުން ނިންމި ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ހުރިހާ ދިފާއީ ނިޒާމުތަކެއް ފޫއަޅުވާލާ ވަރުގެ ބާރުގަދަ ނިއުކްލިޔާ މިސައިލެއް ރަޝިއާއިން ތަޖުރިބާކޮށްފިއެވެ.
މިއީ މީގެ އެންމެ މިސައިލަކުން ވެސް ޔޫރަޕްގެ ބޮޑުބައެއް ފަނާކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ކްރޫޒް މިސައިލެކެވެ. ރަޝިއާގެ ރަސްމީ މީޑިއާ ބުނާގޮތުން މިއީ އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކަށް ރަޝިއާ ބޯނުލަނބާނެކަމުގެ ވަރުގަދަ މެސެޖެކެވެ.
މީގެ އިތުރުން، އެމެރިކާގެ ޓޮމަހޮކް މިސައިލް ޔުކްރެއިނަށް ދީފިނަމަ ރަޝިއާގެ ނުރައްކާތެރި މިސައިލެއް ކަމަށްވާ ކެލިބަރ މިސައިލް އެމެރިކާގެ އަވައްޓެރިންގެ ތެރޭގައި ހިމެނޭ އެމެރިކާއާ އިދިކޮޅު ވެނެޒުއެލާއާއި ކޮލަންބިއާ ފަދަ ގައުމުތަކަށް ދޭނެކަމުގެ އިންޒާރު ވެސް ނަންހާމަކުރަން ނޭދޭ ރަޝިއާގެ މަސްއޫލުވެރިއަކުވަނީ ދެއްވާފައެވެ.

ޕޫޓިން ރަޝިއާގެ އައު މިސައިލް ތަޖުރިބާ ކުރުމުގެ ރަސްމިއްޔާތުގައި
އަސްކަރީ ރިޕޯޓްތައް ބުނާގޮތުން ރަޝިއާ އަލަށް މި ތަޖުރިބާކުރީ "9 އެމް 730 ބުރީވިޔެސްޓްނިކް" ނަމަކަށް ކިޔާ މަރުކާއެއްގެ މިސައިލެކެވެ. މިއީ ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން ދަތުރުކުރާ މިސައިލެކެވެ. ނިއުކްލިޔާ ގިނަ ވޯހެޑްތަކެއް އެކުލެވޭ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އުފައްދާފައިނުވާވަ ރުގެ ބާރުގަދަ މިސައިލެކެވެ.
މީގެ އިތުރުން، މި މިސައިލް މަތަކުރެވޭވަރުގެ ދިފާއީ ބާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ނެތްކަން ވެސް ރަޝިއާގެ އަސްކަރިއްޔާއިންވަނީ ހާމަކޮށްފައެވެ. މި މިސައިލް ތަޖުރިބާކުރުމުގެ ރަސްމިއްޔާތުގައި ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ބައިވެރިވެވަޑައިގެންފައިވަނީ އަސްކަރީ ޔުނިފޯމްގައެވެ. ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ނިއުކްލިޔާ ހަތިޔާރާއި ކޮންވެންޝަނަލް ހަތިޔާރުގެ ގާބިލުކަން މި މިސައިލުން ވަރަށް ބޮޑަށް އިތުރުކޮށްދޭނެއެވެ.
މި ނުރައްކާތެރި މިސައިލް ތަޖުރިބާކުރުމާ އެކު ރަޝިޔާއިން ވަނީ ނިއުކްލިޔާ ހަތިޔާރު ބޭނުންކޮށްގެން ދުޝްމަނުން އެ ގައުމަށް ދީފާނެ ހަމަލާއަކުން ދިފާއުވާނެ ގޮތުގެ ތަމުރީނުތަކެއް ވެސް ހަދާފައެވެ.
ރަޝިއާގެ އަސްކަރީ މަސްއޫލުވެރިއެއް ކަމަށްވާ ވިލަރީ ގިރާސިމޮފް ވިދާޅުވެފައިވާ ގޮތުގައި ރަޝިއާއިން އަލަށް ތަޖުރިބާކުރި ބުރީވިޔެސްޓްނިކް މިސައިލަކީ 14,000 ކިލޯމީޓަރުގެ ރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލެކެވެ. މި މިސައިލްގެ ތަޖުރިބާގައި އެ މިސައިލް ހުއްޓުމެއް ނެތި 15 ގަޑިއިރަށްވުރެ ގިނައިރު ވައިގެ ތެރޭގައި ދަތުރު ކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މިއީ، އެމެރިކާ މިހާރު ތަރައްގީ ކުރަމުންގެންދާ އައު ވައިގެ ދިފާއީ ނިޒާމު ފުނޑާލުމުގެ ގާބިލުކަން ލިބިފައިވާ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ރަޝިއާގެ މީޑީއާއިންވަނީ ސިފަކޮށްފައެވެ. މިއާއެކު ރަޝިއާއާއި އެމެރިކާ އަނެއްކާ ވެސް ހަތިޔާރުގެ ރޭހަކަށް ވަދެފައިވާކަމަށް މުހައްލިލުން ވިދާޅުވެއެވެ. ރަޝިއާގެ އިތުރުން ޗައިނާ ވެސް މިރޭހުގައި މިހާރު ހިމެނޭކަން މުހައްލިލުން ފާހަގަކުރައްވައެވެ.