އެންމެ ބޮޑު ޓެކް ކުންފުނި އެޕަލްއިން އެކުންފުނިން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ އައިފޯންގެ ނަމްބަރުތައް ތަރުތީބުން ނެރެމުން އައިސް އައިފޯން 19 ނުނެރެން ނިންމާ އައިފޯން 20 ނެރުމަށް އެޕަލް އިން ތައްޔާރުވަމުންދާ ކަމަށް މަޝްހޫރު ރިސާޗް ފާމް އޮމްޑިއާ އިން ބުނެފިއެވެ.
މި ބަދަލުގެ ދަށުން، 2027 ވަނަ އަހަރުގެ ފަހުކޮޅު ނެރޭ އައިފޯންގެ މޮޑެލްތަކަށް 'އައިފޯން 19' ގެ ނަން ދިނުމުގެ ބަދަލުގައި ސީދާ 'އައިފޯން 20' ގެ ނަން ދިނުމަށް ނިންމާފައިވާ ކަމަށް އެ ފާމުން ބުނެއެވެ.
މެކްރޫމާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަން ކަށަވަރުކޮށްދެއްވާފައިވަނީ ސެއުލްގައި ބޭއްވި ކޮންފަރެންސެއްގައި އޮމްޑިއާގެ ޗީފް ރިސާޗާ ހިއޯ މޫ-ޔޯލް އެވެ.
މިއީ އެޕަލް އިން މިފަދަ ބަދަލެއް ގެންނަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، އައިފޯންގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް 2017 ވަނަ އަހަރު، 'އައިފޯން 9' ދޫކޮށްލުމަށްފަހު، އައިފޯން 8 އާއި 8 ޕްލަސްއާއެކު ސީދާ 'އައިފޯން އެކްސް' (ރޯމަން ނަންބަރުން 10) ނެރެފައިވެއެވެ. އައިފޯން 20 ނެރުމުގެ މަޤްޞަދަކީ އައިފޯންގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ޕްރޮޑަކްޓް ލައިންއަޕް އާލާކުރުން ކަމަށް ބެލެވެއެވެ.
އައިފޯންގެ ނަން ކިޔުމުގެ ނިޒާމަށް ބަދަލު ގެނައުމުގެ އިތުރުން، އައިފޯން ނެރޭ ތާރީޚަށް ވެސް ބަދަލުތަކެއް ގެނައުމަށް އެޕަލް އިން ރާވަމުން އަންނަ ކަމަށް އޮމްޑިއާގެ ރިޕޯޓްގައިވެއެވެ. މިގޮތުން 2027 ވަނަ އަހަރުގެ ފުރަތަމަ ބައިގައި އައިފޯން 18އީ އަދި އައިފޯން 18 ފަދަ އާދައިގެ މޮޑެލްތައް ނެރޭނެ ކަމަށް ބެލެވެއެވެ. އަދި އެ އަހަރުގެ ފަހުކޮޅު، އައިފޯންގެ 20 ވަނަ އަހަރީ ދުވަހާ ދިމާކޮށް، އައިފޯން އެއާ، އައިފޯން 20 ޕްރޯ، އައިފޯން 20 ޕްރޯ މެކްސް އަދި ދެވަނަ ޖީލުގެ ފޯލްޑަބަލް އައިފޯން ވެސް ނެރުމަށް ރާވާފައިވާ ކަމަށްވެއެވެ.
މި ބަދަލުގެ ސަބަބުން، 2026 ވަނަ އަހަރުގެ ފަހުކޮޅު އައިފޯން 18 ނުނެރޭނެތީ، އެޕަލްގެ އާމްދަނީއަށް ވަގުތީ ގޮތުން އަސަރުކޮށް، އައިފޯން ޕެނަލްތަކަށް ދޭ އޯޑަރު 20 މިލިއަން ޔުނިޓަށް މަދުކުރަން ޖެހިދާނެ ކަމަށް އޮމްޑިއާ އިން ލަފާކުރެއެވެ. ނަމަވެސް، ދިގު މުއްދަތުގައި ފޯލްޑަބަލް އައިފޯންގެ ވިއްކުން އިތުރުވެ، މި ދަށްވުން ހަމަޖެހިގެންދާނެ ކަމަށްވެސް ބެލެވެއެވެ.
 
											
										 
					 
                 
                                                            