ޑާކް ރެއިންގެ 'އަލްވަދާއު'އަށް ޓިކެޓް ބުކް ކުރަން ފުރުސަތު ހުޅުވާލައިފި

އަލްވަދާއު ފިލްމުގެ ޕޯސްޓަރު: ފިލްމުގެ ފުރަތަމަ ޝޯތަކަށް އޮންލައިން ބުކް ކުރެވޭނެ --

ޑާކް ރެއިން އެންޓަޓެއިންމެންޓުން ނެރޭ 'އަލްވަދާއު' ފިލްމަށް އޮންލައިންކޮށް ޓިކެޓް ބުކްކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ދައްކަން ފަށާ އަލްވަދާއުގެ ފުރަތަމަ ފަސް ޝޯއަށް މިހާރު އޮންލައިންކޮށް ޓިކެޓް ލިބެން ހުންނާނެއެވެ. އެގޮތުން، ޓިކެޓް ބުކް ކުރާނީ، ވައިބާ މެދުވެރިކޮށް 9911229، ނަންބަރަށް މެސެޖެއް ކޮށްގެންނެވެ.

އެ މެސެޖުގައި، ޑިސެންބަރު އެއްވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހަށް ދައްކާ ޝޯތަކުން، އެ މީހަކު ދާން ބޭނުންވާ ޝޯއެއްގެ ތާރީޚާއި، ފޯން ނަންބަރާއި ބޭނުންވާ ސީޓުގެ އަދަދު ހިމަނަންވާނެއެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފައިވާ މި ފިލްމަކީ ޝަހުދާ މަހުމޫދު (ޝަހޫ) ލިޔެފައިވާ، އަދި އަލީ ޝަފީއު (ޗިއްޕެ) ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި، މިހާރު އެންމެ މަގުބޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ މަރްޔަމް މަޖުދާއާއި ޝަރަފް އަބްދުﷲ ހިމެނެއެވެ.

މީގެ އިތުރުން، މުހިންމު ރޯލްތަކުން ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ މުހައްމަދު ރަޝީދު (ދަރާ ރަޝީދު)އާއި ޝީލާ ނަޖީބު ފެންނައިރު، ދާދި ފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި އާއިޝަތު ލައިޝާ ލަތީފް ވެސް ފިލްމުން ފެންނާނެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އެންމެ ފަހުން ނެރެފައިވަނީ ފިލްމު "އަލިފާން"އެވެ. އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށް، ރަވީ އެކްޓް ވެސް ކޮށްފައިވާ އެ ފިލްމަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

comment ކޮމެންޓް