"ގަޑިއަށް އަންނާކަށް ނޭނގޭނެ... އެހެންވެ ވާހާ ކަންތަކޭ މީ...." ރިމްޝާ ހުރިހާ ރުޅިއެއް އައީ މިރާހްދެކެއެވެ.
މިރާހް އާއި ދިމާއަށް ދެލޯ އަޅައިލާފައި ރިމްޝާ ނުކުމެގެން ދިޔައީއެވެ.
********
"މަންމައަށް ބަނބުކޭލެއް ކަނޑައިދޭންޖެހިގެން ލަސްވީ..." މިރާހް ތަފްސީލް ދިނެވެ. "އީވް!.. ޔޫ އޯކޭ؟..."
"ލަހެއް ނުވެއޭ އަދި.. ރިމޫ ދައްކާ ވާހަކައަށް ސީރިއަސްވާ އެއްޗެއް ނޫން..." ވަތްގަނޑު ތަރުތީބުކުރަން ހުރި އިވްލީން ހިނިތުންވެލީ ގަދަކަމުންނެވެ.
މިރާހުގެ ހިތަށް ތަދުވިއެވެ. އާކިލްއަކީ ކާކުކަން މިރާހަށްވެސް އެނގެއެވެ. އިވްލީންގެ ހިތުގެ އިހުސާސްތައް އޭރެކޭ އެއްގޮތަށް މިއަދުވެސް އެމޫނުން ހުރީ ފެންނާށެވެ. އެފަދަ މުހިއްމު ދުވަހެއްގައި ލަހުން އާދެވުނީތީ މިރާހަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. އިވްލީންގެ މަޑުމައިތިރިކަމާއި، ހިތުގެ ރިހުން އެންމެ ރަނގަޅަށް އެނގޭ އެކަކީ މިރާހްކަމުގައިވިޔަސް، އެ ހިތަށް ލުޔެއް ހޯދައިދިނުމަށް މިރާހަށް ކޮށްދެވޭނެ މާ ބޮޑުކަމެއް ނެތެވެ. ސްކޫލު ދައުރޫއްސުރެ މިރާހް ހުރީ ދެގޮތެއްނުވެ، އިވްލީންގެ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ކެފޭ ހުޅުވުމާއި، ހިންގުމުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މިރާހެވެ. އަމިއްލަ ދިރިއުޅުމުގެ ގޮންޖެހުންތައް އެއްފަރާތްކޮށް، އިވްލީންގެ ކޮންމެ ކަމަކަށް މިރާހް ހާއްސަ އިސްކަމެއް ދެއެވެ.
ހޫނުގަދަ ދުވަހެކެވެ. މެންދުރުގެ ގަދަ ހޫނުގައި، އިވްލީން ބޭރަށް ނުކުމެލީ، ތާޒާ ވައިކޮޅެއް ބޭނުންވެގެންނެވެ. ކެފޭ ތެރޭގައި ހުރެހުރެ، އޭނާގެ ނޭވާ ހާސްވާހެން ހީވަނީއެވެ. ހުދުހުދު ދޮން ފަސްގަނޑުގައި ބީހިލާފައިދާ ރާޅުތައް ފެނުމުންވެސް އިވްލީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރާޅުތަކުގެ ހިތްގައިމު އަޑާއި، އެގަދަ ހޫނުގައިވެސް ޖެހިލާ ރޯޅިތަކުން އިވްލީންގެ ހަށިގަނޑަށް އަރާމުވިއެވެ. ކަމަކާ ހާސްވެއްޖެނަމަ، ރާޅުފަށުގައި ހިނގައިލުމުން، އިވްލީންގެ ހިތަށް ލުއި ލިބެއެވެ.
އިވްލީންގެ ނަޒަރު ހުއްޓުނީ ރާޅުކުރީގައި އޮތް ކުޑަކުޑަ ގައުކޮޅަކަށެވެ. ހިތެއްގެ ބައްޓަމަށް، ހިލަކޮޅެއްހާ އޮމާންކޮށް އޮތް އެ ގައުކޮޅަށް އިރުގެ އަވި އެޅުމުން، މަޑު ފެހިކުލައަކުން ދިއްލުނުހެން އިވްލީނަށް ހީވިއެވެ. އިވްލީން ގުދުވެލީ، އެ ގައުކޮޅު ނެގުމަށެވެ.
"ރާޅުކުރިން މޫދަށް ފުންމާލަނީތަ؟..." ފަހަތުން އިވުނު އާކިލްގެ އަޑާއިއެކު އިވްލީން ގަނޑުވިއެވެ.
އިވްލީން އަވަސްއަވަހަށް ތެދުވެ، ހަށިގަނޑު ސީދާކޮށްލިއެވެ. އޭނާ ފަސްއެނބުރުނުއިރު، އާކިލް ހުރީ ފާޑަކަށް ހިނިއައިސްފައެވެ. އާކިލް އަޅައިގެން ހުރި އަވި އައިނު އުފުލާލައި، އިވްލީނަށް ފުން ނަޒަރެއް ދިނެވެ. ޖެހެމުންދިޔަ ލުއިލުއި ވައިރޯޅިތައް އޭނާ ލައިގެން ހުރި ހުދު ގަމީހުގައި ބީހިލުމުން، އެ ކަސްރަތީ ހަށިގަނޑުގެ ވަނާތައް ހާމަވެގެން ދެއެވެ.
"އަނެއްކާ!..." އިވްލީން އަވަސް އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލިއެވެ. "ރާޅުކުރީގަ ހުރެފަ މޫދަށް ފުންމާލާނީ ކާކުތަ؟..."
"ކޯއްޗެއް ތި ހޮވަނީ؟.." އާހިލްގެ ނަޒަރު ހުއްޓިފައިވީ އިވްލީންގެ ފައި ކައިރިއަށެވެ.
"އެއްޗެއް ނުހޮވަން..." އިވްލީން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
"އޯކޭ... ގަބޫލުކޮށްފިން.." އިވްލީންގެ ފަހަތުން ހިނގައިގަންނަމުން އާކިލް ބުނެލިއެވެ.
އާކިލް ފަހަތުން އަންނަން ފެށުމުން، އިވްލީން ހިނގުން ބާރުކޮށްލިއެވެ. އޭނާ އެހާ ނުރުހޭގޮތް ދައްކާއިރުވެސް އާކިލް ފަހަތުން އުޅޭތީ އިވްލީން ހުރީ އުނދަގޫވެފައެވެ.
އުދަރެހުގެ މެދުގައިވި އިރުގެ އަލި މޫދަށް އެޅިފައިވީއިރު، ސާފު މޫދުގައިވި ކުދި ބާނިތަކުގެ ތެރޭގައި ދަޅަތައް ފެންނަމުން ދިޔައީ ނުހަނު ފުރިހަމައަށެވެ. ހީވަނީ އާކިލްއާއި އިވްލީންގެ ބައްދަލުވުމަކަށް ފުރުސަތު ފަހިކޮށްދޭން އުޅޭހެންނެވެ. ހުދު އެ މާހައުލުވެސް އާކިލް އާއި އިވްލީންގެ މަޖުބޫރީ ހާލަތު އެނގި، އެ ހާލަތުގައި ބައިވެރިވާ ކަހަލައެވެ. އިވްލީންގެ ފަހަތުން ލަސް ފިޔަވަޅުތަކެއްގައި ހިނގަމުންދިޔަ އާކިލްއަށް ބެލުނީ އިވްލީންގެ ފަރި ހިނގުމަށެވެ. ހުސްފައިގައި ހިނގަމުންދިޔައިރު، އިވްލީންގެ ފައިވާން އޮތީ އޭނާގެ އަތުގައެވެ. ކުރިއަށްވުރެ ހަށިގަނޑު ނިކަމެތިވެފައިވިޔަސް، އިވްލީންގެ ރީތިކަން ފަނޑެއް ނުވެއެވެ. ފަންދިގު އިސްތަށިގަނޑު އޮތީ އޭރުވެސް އޮންނަ ވަރަށެވެ. އިސްތަށިގަނޑު ހައްޔަރުކުރުމަށް ހުޅިއެއް ޖަހާފައިވާއިރު، ކަނދުރާ އޮތީ ހާމައަށް ފެންނާށެވެ. ވަޔާއިއެކު، ކުދި އިސްތަށިކޮޅުތައް އެ ކަނދުރާއަށް ގޯނާކުރާ މަންޒަރު ބަލައި ފޫހިނުވާހާ ހިތްގައިމެވެ. ކަކުލަށްވުރެ ތިރިއަށް ހުރި މަޑު ނޫކުލައިގެ ހެދުމާއިއެކު އިވްލީން ލައިގެން ހުރީ ނޫ ކުލައިގެ ޖީންސެކެވެ.
"މިއަދު ފަހަތު އަޅައިގެން ނެއްޓެން ނޭނގިގެން މިއުޅެނީ ކެޓެއް ނޫން... ބޮޑު އިލަފެންޓެއް ދޯ؟..." ރިމްޝާގެ އަޑު އައީ އިވްލީންމެންގެ ފުރަގަހުންނެވެ.
އާކިލް ފަސްއެނބުރި ރިމްޝާއަށް ބަލައިލާފައި ފާޑަކަށް ހީލިއެވެ. އިރުގެ ގަދަ އަވީގައި ދެލޯ ހަނިކޮށްލައިގެން ހުރި ރިމްޝާ ކުރިއަށްވުރެ ބޮޑަށް ލޯ އަޅައިލިއެވެ. އޮފީސް ނިންމާފައި އޭނާ އައި އިރުވެސް އިވްލީން އުޅެނީ އާކިލްގެ ކިބައިން ސަލާމަތް ނުވެގެންނެވެ.
ކުއްލިއަކަށް ޖެހިލި ވައިރޯޅިއާއިއެކު، ނެގި ރާޅު އަތިރިމައްޗަށް ބިންދައިލިއެވެ. އާކިލް އާއި އިވްލީންގެ ކަކުލާއި ހަމައަށް ލޮނުގެ އަސަރު ކުރިއެވެ. އެހާ އަމާން ދުވަހެއްގައި އެފަދަ ރާޅެއް ޖެހުމުން، އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ. މުޅި މާހައުލުވެސް އާކިލްއާއި އިވްލީންގެ އައު ފެށުމަށް މަރުހަބާ ކީ ކަހަލައެވެ. މާޒީގެ ހިތާމައާއި ހިތްދަތިކަމުން ވަޅުލެވިފައިވި ސިއްރުތައް ނެރެ ހާމަކުރަން އެ މާހައުލު ގޮވާލި ކަހަލައެވެ. އެ ނާޒުކު ވަގުތުގައިވެސް އިވްލީނަށް ވިސްނުނީ އާކިލްއާއި މެދުގައެވެ. އާކިލް ތެމުމުން އޭނާގެ އެއްޗަކަށް ގެއްލުންވެދާނެތީ އެކަމާއި ވިސްނުނެވެ.
"ކިތަންމެ ދުވަހެއްވިޔަސް އަހަރެންގެ ހިތް ބަދަލެއް ނުވާނެތަ؟..." އިވްލީނަށް ހިތާއިހިތުން ބުނެވުނެވެ.
ދުރުން ނަގަމުންދިޔަ ރާޅުތަކުން އިވްލީންގެ ކަންފަތް ކައިރީގައި ސިއްރެއް ބުނެލި ކަހަލައެވެ. ހީވީ، އިވްލީން ހިތާއިހިތުން ކުރި ސުވާލަށް ޖަވާބު ދިން ހެންނެވެ.
"އަދިވެސް ތެންމާލިވަރު ކުޑައީ..." އިވްލީންގެ އަތުގައި ހިފައިގެން އެއްގަމާއި ދިމާއަށް ހިނގައިގަންނަމުން ރިމްޝާ ބަލައިލީ ފާޑަކަށް ހިނިއައިސްފައި ހުރި އާކިލްއަށެވެ. "އަދި އެއް ރާޅު... މިފަހަރު އެއްކޮށް ތެންމާލާ..."
"ރިމޫ ތި އުޅެނީ ހާދަ ބޭބީކޮށޭ..." ވަކި ހިސާބަކަށް ގޮސްފައި އިވްލީން ބުނެލިއެވެ.
"އައި ހޭޓް ހިމް..." ރިމްޝާ ތުން ފިއްތައިލިއެވެ. "އަހަރެން ހިތައް އަރާ އީވްއަށް ކެތްވޭބާއޭ... އަހަރެންނަމަ، މިހާރު އޭނަގެ މޫނުވެސް ނޮޅާލައިފީމުސް... ވަކި އަޅާލާފަ ލޭކޮށާލާނަން... އެހެންޏާ، މިއަދު ކީއްކުރަންތަ އައިސް އީވްގެ ފަހަތުން އުޅެންވީކީ... ތަތްލާފައޭ އެހުންނަނީ.. އަދި އެބަ ބަލައޭ..."
"ކޯއްޗެއް ތަތްލީ؟..." ތެމިފައިހުރި އިވްލީންގެ ފަޔަށް ނަޒަރު ހިންގައިލަމުން މިރާހް ސުވާލުކުރިއެވެ.
"އެކްސް... ވައި..." ރިމްޝާ ގޮނޑިއަށް ވެއްޓިގަތެވެ. "ގެނެސްބަލަ ފިނި އެއްޗެއް... ވަރަށް ލޭ ކެކިފަ މީނީ..."
މިރާހް ދިޔުމުން، އިވްލީންވެސް އުޅުނީ ހިނގައިގަންނާށެވެ. ރިމްޝާ ވަގުތުން އިވްލީންގެ އަތުގައި ހިފެހެއްޓިއެވެ.
"އޭނައަށް ދެން ޗާންސް ނުދޭތި!... ދީފިއްޔާ..." ރިމްޝާ އިންޒާރު ދިނެވެ.
"ހަމަޖެހިބަލަ.. އަހަރެން ނޫޅެމޭ..." އިވްލީން ޖަހައިލީ ލުއި ހިނިގަނޑެކެވެ.
އައު ދުވަހަކަށް އިރުއެރިއިރު، އިވްލީން ހުރީ ކެފޭގެ ނަންބޯޑު ފޮހޭށެވެ. ދުވަސްކޮޅުގެގޮތުން ކައިރި ރިސޯޓުތަކުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދެވެ. ކެފޭގެ ވިޔަފާރި ދަށްވެ، ހަރަދު ބިލްތައް ދެއްކެނީ ކިރިޔާއެވެ. އިވްލީން އޭނާގެ ކެފޭގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެ ކެފޭއަކީ އޭނާގެ ހުރިހާވެސް އުއްމީދެވެ. ދިރުމެވެ. ވަރުބަލިކަން ފެންނަމުންދިޔަ އިވްލީން އުނދަގޫ ގޮތަކަށް ކެއްސައިލިއެވެ. މޭގައި މަޑުމަޑުން ފިރުމައިލުމަށްފަހު، އޭނާ އެތެރެއަށް ވަނީ ބޭރުގައި ކުރަންހުރި ކަންކަން ނިންމާފައެވެ.
"މިއަދުވެސް ހާދަ ކުރިން ތިއައީ؟..." އެހެން ދުވަސްދުވަހަށްވުރެ ކުރިން މިރާހް އައިއިރުވެސް އިވްލީން ހުރިހާ ކަމެއް ނިންމާފައި ހުރުމުން ޝަކުވާ ކުރިއެވެ. "ޔަގީންތަ ރޭގަ ނިދިންކަން؟..."
"ނިދިދޯ؟... އެއީ ވަރަށް އަގުބޮޑު އެއްޗެއް... އެހެންވެ ފަހަށް ސޭވްކުރަނީ މި..." ކުނިކަހަން ހުރި، އިވްލީން ސަމާސާކޮށްލިއެވެ.
މިރާހް ހިޔާރުކުރީ ހިމޭންކަމެވެ. އޭނާ ކޮންމެ އެއްޗެއް ބުންޏަސް، އިވްލީންގެ އުޅުން ބަދަލުނުކުރާނެއެވެ. ކުރަން ބޭނުންވާ ކަމެއް ނުކޮށް ދޫކޮށެއް ނުލާނެއެވެ. އެހާ ބުރަކޮށް އުޅެއުޅެ، އިވްލީން ބަލިވެއްޖެއެވެ. އިވްލީންއަށް އެކަން ނޭނގުނަސް، މިރާހަށް އެކަން އެނގެއެވެ.
"ދޭ ރެސްޓްކޮށްލަން..." އިވްލީންގެ އަތުން ފިހިގަނޑު އަތުލަމުން މިރާހް ބުނެލިއެވެ.
ނުވައެއް ޖެހިއިރު، ރިމްޝާ ހުރީ ކެފޭގައެވެ. އޮފީސް ހެދުމުގައި ހުރިއިރު، ރިމްޝާގެ ކަރުގައި އޮފީސް ކާޑު އަޅުވާލާފައި އޮތެވެ. ރިމްޝާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ، ބޭރުގައި ކޮފީ ބޯން އިން އާކިލްއަށެވެ. އާކިލްއަށް ދެލޯ އަޅައިލާފައި ރިމްޝާ އެތެރެއަށް ވަނެވެ.
"ސޮރީ އީވް... ބޭޑް ނިއުސް.." ރިމްޝާގެ މޫނު ވަނީ މިލާފައެވެ.
"މިހާރު ކިހިނެއްވީ؟..." ކުރަންހުރި މަސައްކަތް ހުއްޓާފައި އިވްލީން އައީ ކޮފީއެއް ހިފައިގެންނެވެ.
"މިއަދު ކައުންސިލުން ފާސްކޮށްފި ބީޗްތަކުގެ ކުލި ބޮޑުކުރަން... އެވެސް ޑަބަލް... ފެށޭމަހު އެގްރީމެންޓް އާކުރަން ޖެހޭނެއެއްނު... އަދި އިނގޭތަ، ބައުންޑަރީއިން ބޭރުގަ އެއްވެސް އެއްޗެއް ހުއްޓަސް ބޮޑު އަދަދަކުން ޖޫރިމަނާކޮށްލާގޮތަށް ފާސްކުރީ... ބޮޑަށް ހީވަނީ އީވްމެން ޑަސްބިންތައް ބަހައްޓާފަ ހުރީމަހެން.. އެކަމަކު އެއީ އެންމެން ޔޫސްކުރަން ބަހައްޓާފަ ހުރި އެއްޗެހިތާ... އެއީ ހަމަ އީވްއަށް ޖެއްސުންކުރަން އެމީހުން ކުރި ކަމެއް..." ރިމްޝާ ތަފްސީލް ދިނެވެ.
"އަހަންނަށް އެނގޭ ތިކަހަލަ ކަމެއް ކުރާނެކަން...." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ. "ދުވަސްކޮޅަކުން ކޮފީގެ ވަސް ދުވާތީވެސް ޖޫރިމަނާ ކުރާނެ..."
"ރައީސްގެ އަންހެނުންނަށްވުރެ މީރު ކޮފީ ހަދާތީ ޖެލަސްވެގެން އެއުޅެނީ..." ރިމްޝާ ހީގަތެވެ.
ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުމުން، އިވްލީނަށާއި ރިމްޝާއަށް ދޮރާއި ދިމާއަށް ބަލައިލެވުނީ އެއްފަހަރާއެވެ. ފޮތެއް ހިފައިގެން ކައުންސިލް އިދާރާގެ މަސައްކަތުމީހާ ދޮރުމަތީގައި ހުއްޓެވެ. އިވްލީން ނުކުތުމުން، ސިޓީއެއް ހަވާލުކޮށްފައި އޭނާ ދިޔައީއެވެ.
"ނޯޓިސްއެއް..." ސިޓީއުރަ ކެނޑިގޮތަށް އިވްލީންގެ މޫނުން ފެނުނީ މާޔޫސްކަމެވެ. "ގަވާއިދާ ހިލާފަށް ބީޗް ބޭނުންކުރަނީޔޯ... ކޮމްޕްލެއިންޓްސް ލިބިގެންނޯ ޗެކްކުރީ... ޖޫރިމަނާކޮށްފަ މިއޮތީ..."
ރިމްޝާ ވަގުތުން ކައުންސިލްގައި އުޅޭ އޭނާގެ އެކުވެރިއަކަށް ގުޅައިގެން ވީގޮތް އޮޅުންފިލުވިއެވެ.
"މީހަކު ރިޕޯޓުކުރީ... ކާކުކަން ނޭނގޭގޮތަށް..." ރިމްޝާ ދެލޯ ހަނިކޮށްލަމުން ބޭރުގައި އިން އާކިލްއަށް ބަލައިލިއެވެ.
އިވްލީނަށްވެސް އާކިލްއާއި ދިމާއަށް ބަލައިލެވުނެވެ. ހަމަޖެހިލައިގެން ކޮފީ ބޯން އިން އާކިލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ފޯނުން ކޮންމެވެސް މަސައްކަތެއް ކުރަން އިންއިރު، ދޭތެރެއަކުން އަތިރިމައްޗަށް ނަޒަރެއް ހިންގާލައެވެ. އިވްލީނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އާކިލް އައި ފަހުން އެއް ކަމެއްވެސް ރަނގަޅަށް ނުދެއެވެ.
"ހީވޭތަ އޭނަ ހެން؟.." ރިމްޝާއަށް ޝައްކުވެގެން ސުވާލުކުރިއެވެ.
"އާނ.. ދެން ކާކު؟..." އިވްލީން ބުނީ އޭނާގެ ހިތުގައި އޮތް ގޮތަށެވެ.
"އައީއްސުރެ އުޅޭގޮތް ބަލާ... އީވްއަށް ޖެއްސުންކުރުން ނޫންކަމެއް އޭނަ ނުކުރޭ... އޭނަ އައިފަހުން އެއްކަމެއްވެސް ރަނގަޅަށް ނުދޭ.. ކުލި ބޮޑުކޮށްފި... ޖޫރިމަނާކޮށްފި... ކުއްލިއަކަށް ކޮމްޕްލެއިންޓްސް ދާން ފަށައިފި..." އިވްލީންގެ ދަތްތަކަށް ބާރުވިއެވެ. "ބަލާބަލަ މީރުކޮށް ކޮފީ ބޯން އިންވަރު... އީވްއަށް ޖެއްސުންކޮށްފަ މިތަނަށޭ ކޮފީބޯންވެސް އަންނަނީ..."
އާކިލްގެ ނަޒަރު އިވްލީންމެން ތިބި ދިމާއަށް ހުއްޓުނެވެ. އެންމެން ބަލަން ތިބި ތަން ފެނުމުން، އާކިލް އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެ ނަޒަރުން ބުނެދިނީ ކީކޭކަމެއް އިވްލީނަކަށް ނޭނގުނެވެ. އަބަދުވެސް އާކިލްގެ ސިއްރުވެރިގޮތެއް ހުރެއެވެ. ކުރިން އެ ސިފަ ކަމުދިޔަސް، މިއަދު އެ ސިފަދެކެ އިވްލީން ޖެހިލުންވެއެވެ. އާކިލް އޭނާގެ ކޮފީތަށި ކުޑަކޮށް މައްޗަށް އުފުލައިލައިފައި، ނިތް އަރުވައިލިއެވެ. ހަމަ އެހާ އަވަހަށް ކޮފީތަށި ތިރިކޮށްލާފައި، ފޯނު ކަންފަތުގައި ޖަހަމުން ތެދުވިއެވެ.
އިވްލީންގެ ލޭ ކެކިގަތެވެ. އާކިލް ގަސްތުގައި އިވްލީނަށް ޖެއްސުންކުރަނީއެވެ. އުނދަގޫކޮށް، ނިކަމެތިކޮށްލަން މަސައްކަތް ކުރަނީއެވެ. އިވްލީން ދެރަކޮށްލެވުމުން، އާކިލް އުފާވީއެވެ. އެ ބެލުމުގައިވެސް ހުރީ އެފަދަ ގޮތެކެވެ. ދިމާވި ހުރިހާ ހާދިސާއެއް އިވްލީނަށް ގުޅުވައިލެވުނީ އާކިލްއަށެވެ. އިވްލީން ދެރަކޮށްލައިގެން އާކިލްއަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟
"މިދަނީ އޮފީހަށް... މިފަހަރު އަހަރެން ހޯދާނަން ކޮމްޕްލެއިން ކުރި މީހެއް... އޭނަ ވެއްޖެއްޔާ، ނިކަން މީރުކޮށް ކޮފީ ގިރައިދޭނަން..." ރިމްޝާ ފުންމައިގެން ތެދުވިއެވެ.
ރާޅުފަށުގައި ހިނގަހިނގައި ހުރި އިވްލީން ނަންބަރަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކެފޭއަށް ބޭނުންވާ ސާމާނު މާލެއިން ފޮނުވައިދޭ ފަރާތަށް ނުގުޅޭތާ ދެދުވަސް ވީއެވެ. ކެފޭއިން އެއްޗެހި ހުސްވެ، ހިދުމަތް ހުއްޓުމަކަށް އައިސްދާނެތީ، އިވްލީނަށް ގޮތް ހުސްވިއެވެ. ހަތަރު ފަރާތުން ބެދޭހެން ހީވެ، އޭނާ ދެލޯ މަރައި ބާރުކޮށްލިއެވެ.
"ވައި ނައު؟... ވައި؟..." އިވްލީނަށް ބުނެވުނެވެ. "މަންމާ!... މަންމަމަތިން ހާދަ ހަނދާންވެއޭ..."
އެ އަޑު ދިޔައީ ރާޅުތަކުގެ އަޑާއި އެކުވެގެންނެވެ. އިވްލީން ދެލޯ ހުޅުވައިލީ މަޑުމަޑުންނެވެ. އަތިރިމައްޗަށް ބީއްސައިލި ރާޅާއިއެކު ފައިދަށުން އެއްޗެއް ވިދައިލިހެން އޭނާއަށް ހީވިއެވެ. އިވްލީން ކުޑަކޮށް ގުދުވެފައި ވެލިގަނޑު ހާވައިލިއެވެ. އޭނާއަށް ފެނުނީ، ކުރީ ދުވަހުވެސް ފެނުނު ކުޑަ ގައުކޮޅެވެ. މަޑު ފެހިކުލައެއްގެ ވިދުމެއް ހުރި އެ ގައުކޮޅު އޮމާންވެފައި މަޑެވެ. އިވްލީން މަޑުމަޑުން އެ ގައުކޮޅު ނެގިއެވެ.
(ނުނިމޭ)