ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖެހީ އެ މީހުންނަށް ގާނޫނީ ވަކީލެއްގެ ހައްގު ނުދީ ކަމަށް، އެ މައްސަލައިގައި ހިމެނޭ ވަކީލަކު މިއަދު ވިދާޅުވެއްޖެއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ފަތިހު ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން އިއްޔެ ވަނީ މި މައްސަލައިގައި ހަތަރު މީހުން ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. ޓެކްސީއެއްގައި އެ މީހުން އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު 'ސަން'އަށް ބުނީ، ހަތަރު މީހުންގެ ބަންދަށް ވެސް ކޯޓުން މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
"ސަން"އަށް މައުލޫމާތު ދެމުން މި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ވަކީލު ވިދާޅުވީ، ކޯޓުން މި ހަތަރު މީހުން ޖަލު ބަންދުކުރީ އާންމު އުސޫލާ ޚިލާފަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އިއްޔެ ފުލުހުން ހަތަރު މީހުންނަށް ވެސް ވަކީލުން ހަމަޖައްސާފައިވާ ކަމަށެވެ. ކޮންމެ މީހެއް ވެސް ޖަލު ބަންދުކުރުމުގެ ކުރިން އެ މީހަކަށް ވަކީލެއް ހަމަޖައްސަން ގާނޫނުއަސާސީން ފަހިކޮށްފައިވާއިރު މި ހަތަރު މީހުންނަށް އެ ހައްގު ކަށަވަރުކޮށް ނުދޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ:
- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
- ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
މި ފަދަ ބޮޑު ތުހުމަތެއްގައި ހައްޔަރުކުރި ބަޔަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދިނީ ވަކީލެއްގެ ހައްގު ލިބިފައިނުވާތީ ކަމަށް ބެލެވެއެވެ. އެކަމަކު، އެ މީހުން ބަންދުކުރި ކޯޓު އަމުރު އަދި އާންމުކޮށްފައިނުވާތީ، އެކަން ޔަގީނެއް ނުވެއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށް، އެ މީހުން ފިލަން ބޭނުންކުރި ލޯންޗު ވެސް ހޯދާފައިވާކަން އިއްޔެ އިއުލާނުކުރެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނެވެ. ނަމަވެސް، ފޭރިގަތް ޑޮލަރުތައް ހޯދުނުކަން ނުވަތަ ނޫންކަން ހާމައެއް ނުކުރައްވައެވެ.
ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ މީހުން އެ ސޫޓުކޭސް ފޭރިގަތީ ދުރާލާ ރާވައިގެން ކަމަށް ބެލެވެއެވެ.