މުސްތަފާއާއި ނަހާ މި ބުނެދެނީ ދަރިވަރުން އަމިއްލައަށް ކާމިޔާބު ހޯދަން ބޭނުންވާ ހުނަރުތައް!

ނަހާ މިސްއާއި މުސްތަފާ ސާ ---

ކޮންމެ މީހެއްގެ ކާމިޔާބީ ގުޅިފައި ވަނީ ނަފްސު ދެނެގަނެ، ކާމިޔާބީއަށް ވާސިލުވުމާއި ޒިންމާ ނަގައިގެން ކުރާ މަސައްކަތުގެ މައްޗަށެވެ. މިއީ ދަރިވަރުންނަށް ވެސް އެކަން އޮންނާނެ ގޮތެވެ. އެއީ، އެ ދަރިވަރެއްގެ ނަފްސާއި ކިޔެވުމުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ހުނަރުތަކާއި އުކުޅުތައް ދެނެގަނެގެން އަމިއްލައަށް ކުރުމުގެ މައްޗަށެވެ.

އެހެންވެ، ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަން ޖެހޭނީ މި ކަންތައްތަކެވެ. މުޙައްމަދު މުޞްތަފާ (މުޞްތަފާ ސާ) އާއި ނަޝީދާ އަލީ (ނަހާ މިސް) ހިންގާ " ބޯސަލޯ އެޑިއު" އިން ކުދިންނަށް ދަސްކޮށްދެނީ މިކަމެވެ. އެއީ، ހިންގާ އޮންލައިން ކުލާހަކުންނެވެ.

ތަޖުރިބާގެ އަލީގައި ބޭނުންވީ ކުދިން އަމިއްލަޔަށް ކިޔަވާނެ ގޮތްތައް ދަސްކޮށްދޭން!

މިހާރު މެލޭޝިޔާގައި ޕީއެޗްޑީ އަށް ކިޔަވަމުންދާ ނަހާއާއި މުސްތަފާއަކީ ހަޔާތުގެ ބޮޑުބައި ތައުލީމީ ދާއިރާގައި ހޭދަކޮށް، މިހާރު ވެސް ހޭދަކުރަމުންދާ ދެމަފިރިންނެވެ.

ތަޢުލީމީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެ ދެމަފިރިން ބޭނުންވީ، ދަރިވަރުން ކާމިޔާބު ކުދިންނަށް ވުމަށް އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ކުރާ މަސައްކަތުގައި އެހީވުމަށެވެ. އެ ޚިޔާލުގެ ތެރެއިން، އެ ކުދިންނަށް އެންމެ އެހީ ބޭނުންވާ ދާއިރާތައް ދެނެގަނެ، މަޝްވަރާގެ ކުރިއެވެ. "ބޯސަލޯ އެޑިއު"ގެ ޕްރޮގްރާމު އުފަންވީ އެ ހިސާބުންނެވެ.

މި ޚިޔާލުގެ މައްޗަށް އެ ދެމަފިރިން 'ބޯސަލޯ އެޑިއު' ރެޖިސްޓާކޮށް، ޕްރޮގްރާމެއް ޑިޒައިން ކުރުމުގެ މަސައްކަތް ފެށިއެވެ. ޕްރޮގްރާމް ޑިޒައިންކުރީ، ތަފާތު ދިރާސާތަކުގެ އަލީގައި ދަރިވަރުންގެ މުހިންމު ހުނަރުތައް ތަރައްގީ ކުރުމަށް ބޭނުންވާ ބައިތަކުގެ މައްޗަށެވެ.

ދަރިވަރެއް ރިޕޯޓު ފޮތް ހިފައިގެން: ދަރިވަރުންނަށް ކިޔައިދެނީ އަމިއްލައަށް ހުނަރު ދެނެގަނެ ދަސްކުރާނެ ގޮތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއަށްފަހު ކުލާސްތައް ފެށިއެވެ. ލިބިފައިވާ ކިޔަވައިދިނުމުގެ ތަޖުރިބާގެ އަލީގައި މި ގަޑިތައް ނަގައިދެނީ ވެސް ދެ މީހުންނެވެ. އޮންލައިންކޮށް ކުރިޔަށްގެންދާ މި ޕްރޮގްރާމް ކޮންމެ ހަފްތާ ބަންދެއްގައި (ހުކުރު އަދި ހޮނިހިރު) ދުވާލަކު އެއް ގަޑި އިރަށް ކުރިއަށް ގެންދެއެވެ. އެއް މަސްދުވަހުގެ މުއްދަތުގެ މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ގުރޭޑު 7-10 ގެ ކުދިންނަށެވެ.

ދަސްކޮށްދެނީ އަމިއްލަ ހުނަރު ދެނެގަނެ، އެއަށް އަމަލުކުރަން!

ތައުލީމީ ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. އަދި، ކޮންމެ ކުއްޖެއް ވެސް ކަންކަން ދަސްކުރަނީ އަމިއްލަވަންތަ ތަފާތު ގޮތަކަށެވެ. އެހެންވެ، ކާމިޔާބު ކުއްޖަކަށްވުމަށް ޓަކައި ކޮންމެ ދަރިވަރެއް އަމިއްލައަށް އުނގެނުމުގެ ގޮތް، ނުވަތަ "ލާނިން ސްޓައިލް" ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް "ބޯސަލޯ އެޑިއު" ގެ ޕްރޮގްރާމުން ދަރިވަރުންނަށް ބުނެދެއެވެ.

ޓީޗަރާއި ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކާމިޔާބު ދަރިވަރަކަށްވުމަށް ޓަކައި އަމާޒު ކަނޑައަޅައި، އެ އަމާޒަށް ވާސިލުވުމަށް ދަސްކުރާނެ ތަފާތު ގޮތްތައް ކިޔައިދެއެވެ.

އެ ކުދިން ދަސްކުރާ ފިލާވަޅުތައް ހަނދާނުގައި ހަރުލައްވާނެ މުހިންމު ހުނަރުތަކާ އުކުޅުތައް ދަސްކޮށްދެއެވެ. ކިޔުމުގެ ހުނަރު ތަރައްގީ ކުރާނެ ގޮތާއި ވަކި އިންތިޒާމަކުން ކިޔެވުން ރާވާނެ ގޮތާއި ކުދިން އުނގެނޭ ފިލާވަޅުތަކުގެ ނޯޓުތައް ތައްޔާރުކުރާނެ ގޮތްތައް ބުނެދެއެވެ. އަދި، ކިޔެވުމުގައި ވަގުތު ރާވާލާނެ ގޮތާއި އިމްތިހާނު ތަކުގައި ކާމިޔާބު ހޯދުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު އުކުޅުތަކަށް ވެސް ކުދިން ހާނުވައެވެ.

ދަރިވަރަކާއި ބެލެނިވެރިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޕްރޮގްރާމުން ކުދިންނަށް ކިޔައިދޭ އެންމެ ޚާއްސަ އެއް ހުނަރަކީ، ތަފާތު ދާއިރާތަކުން ވިސްނައި، ކާމިޔާބު ކުއްޖަކަށްވުމަށް ކުރަންޖެހޭ ކަންކަން އަމިއްލަޔަށް ވިސްނައި، ނިންމުންތައް ނިންމާނެ ގޮތް ކަމަށް އެ ދެމަފިރިން ބުނެއެވެ.

ދަސްކޮށްދެނީ ކިޔެވުމުގެ ބޭރުން ވެސް ބޭނުންކުރެވޭނެ ހުނަރުތައް!

ކޮންމެ ކުލާހެއްގައި 15 ކުދިންނަށް ވުރެ ގިނަ ނުވާނެ ގޮތަށް ކުރިޔަށް ގެންދާ މި ކުލާހަކީ އާދައިގެ ކުލާހަކަށްވުރެ ދަރިވަރުންނަށް ތަފާތު ކުލާހެކެވެ. އެއީ، ދަރިވަރުން ސްކޫލާއި ގޭގައި އުނގެނުން ބައްޓަންކުރަން ބޭނުންވާ ހުނަރު ތަކާއި އުކުޅުތައް ކިޔަވައިދޭތީއެވެ.

https://sun.mv/205134

އެ ހުނަރު ތަކާއި އުކުޅުތައް ވެސް ޚާއްސަވެއެވެ. އެއީ، ހަމައެކަނި ކިޔެވުމަށް އެކަނި ބޭނުންކުރެވޭ ހުނަރު ތަކަކަށް ނުވާތީއެވެ. ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު އިންސާނަކަށް ވުމަށްވެސް އެއީ ބޭނުންތެރި މުހިއްމު ހުނަރުތަކަކާއި އުކުޅުތަކެކެވެ.

ކަމެއް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެކަމަކަށް ވާސިލުވުމަށް ލިބެން ހުރި ވަސީލަތަކީ ކޮބައިކަން ދެނެގަނެ، ކާމިޔާބަށް ވާސިލުވުމަށް ނިންމަންޖެހޭ ނިންމުންތައް ނިންމާނެ ގޮތްތައް ދަރިވަރުންނަށް ބުނެދެއެވެ. މިއީ ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވުމަށްވެސް މުހިންމު ކުލާހެކެވެ.

comment ކޮމެންޓް