ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރި ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ކުރިއަރަމުން އަންނަ ތަން ކަމަށާއި، ޓީމާމެދު އުއްމީދު ބޮޑު ކަމަށް ކުރީގެ ކުޅުންތެރިޔާ އަދި ޓީޓީ ޓީމުގެ މެނޭޖަރު ފާތިމަތު ޖުމާނާ ނިމާލް ބުނެފިއެވެ.
މި ފަހަރު ގޭމްސްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ޓޭބަލް ޓެނިސް އިވެންޓްތައް މިއަދު ނިމިފައިވާއިރު، މިއަދު ވެސް ކުޅުންތެރިންގެ ފަރާތުން ތަފާތު ރޫހެއް ފެނިފައިވެއެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ޓީޓީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
ރާއްޖޭގެ އައިޝާތު އަލްސާ ނާފިޒާއި މުހައްމަދު ހަލަފް ރާފިއުގެ މިކްސް ޑަބަލްސް ޕެއާއިން އިންޑިއާގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ދާސް ސިންދްރެލާއާއި އަރްޔާ ސާތަކްއާ ވާދަކޮށް، ވަރުގަދަ ކުޅުމެއްވެސް ދެއްކިއެވެ. އެހެން ނަމަވެސް، ތިން ސެޓުން އިންޑިއާ ޕެއާއިން މެޗު ގެންދިޔައެވެ.
އައިމިނާ އާޔާތު އާދަމްއާއި މުހައްމަދު އާލް އިމްރާންވެސް ވާދަކުރަން ޖެހުނީ އިންޑިއާގެ ޕެއާއެއް ކަމަށްވާ ދިވްޔަންޝީ ބޮމިކާއި ރިތުވިކް ގުޕްތާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުގައިވެސް ރާއްޖޭގެ ޕެއާއިން ރަނގަޅު ހިތްވަރެއް ކުރި ނަމަވެސް، އިންޑިއާއިން ތިން ސެޓުން ކުރި ހޯދިއެވެ.
ސިންގްލްސް ގްރޫޕް ދެވަނަ މެޗުގައި ހަލަފް، ލާއޯސްގެ ސެންގްމަނީ ފޮންގަވަންއާ ދެކޮޅަށް ރަނގަޅު ޕޮއިންޓްތަކެއް ނެގި ނަމަވެސް، އެ މެޗުވެސް ތިން ސެޓުން ގެންދިޔައީ ލާއޯސްގެ ކުޅުންތެރިޔާއެވެ. ދެން ކުޅުނު މެޗުގައި އަލްޔާން އަލީ ނިޝާމް ގަތަރުގެ އަބްދުﷲ އަބްދުލްއަޒީޒާ ދެކޮޅަށް ނުކުތް އިރު، އޭނާވެސް ރަނގަޅު ހިތްވަރެއް ކުރިއެވެ. އެ މެޗު ކާމިޔާބުކުރީ ގަތަރު ކުޅުންތެރިޔާއެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ރާއްޖޭގެ ޓީޓީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެމްއޯސީ
މިއަދު އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފެނުނީ އަލްސާ، މޮންގޯލިއާގެ ބަޓްމުންކް ބޯލޯއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގެ ފުރަތަމަ ސެޓު އަލްސާ ގެންދިޔައީ 11-5 އިންނެވެ. ދެން ކުޅުނު ސެޓު 12-10 ގެ ވާދަވެރި ސްކޯއަކުން މޮންގޯލިއާ ކުޅުންތެރިޔާ ގެންދިޔައިރު، އަނެއް ދެ ސެޓުވެސް މޮންގޯލިއާ ކުޅުންތެރިޔާއަށް ގެންދެވުނީ ކިރިޔާއެވެ. އެއީ 11-9 އަދި 10-12 އިންނެވެ.
މެޗުގައި އަލްސާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ.
މިޝްކާ ބިންތު މުއިއްޒު، ފިލިޕީންސްގެ އެސްގުއޭރާ ޖޮއާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، އެ މެޗު ގެއްލުނީ ތިން ސެޓުންނެވެ.
މެޗުތަކަށްފަހު ޖުމާނާ ބުނީ ކުޅުންތެރިންނަށް އޭޝިއާގެ އެންމެ ބޮޑު ޔޫތު އިވެންޓް ކަމަށްވާ އޭޝިއަން ޔޫތު ގޭމްސްއިން ލިބުނު ފުރުސަތަކީ ކުރިއަށް ދާން ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށެވެ. އަދި މި ފަހަރު މުބާރާތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ފެނުނުއިރު، ޓީޓީގެ ޒުވާން ކުޅުންތެރިންގެ ކުރިމަގާމެދު އުއްމީދު ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.