އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓަށް އެންވީޑިއާއިން 'ސުޕަކޮމްޕިއުޓަރު'ތަކެއް ހަދައިދެނީ

އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް -- ފޮޓޯ: ނިއުސްބައިޓްސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕް އުފެއްދުމުގައި ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެންވީޑިއާއިން، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓަށް އާ އޭއައި ސުޕަކޮމްޕިއުޓަރުތަކެއް ހަދައިދޭނެކަން އިއުލާންކޮށްފިއެވެ.

އެ ކުންފުނީގެ ސީއީއޯ ޖެންސެން ހުއާންގް މިކަން ހާމަކުރެއްވިއިރު، އެ ކުންފުނީގެ ކުރިއަށް ހުރި ޗިޕްތަކަށް 500 ބިލިއަން ޑޮލަރުގެ އޯޑަރު ލިބިފައިވާކަން ވެސް ހާމަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން އެންވީޑިއާއިން އެނަޖީ ޑިޕާޓްމަންޓަށް ޖުމްލަ ހަތް ސުޕަކޮމްޕިއުޓަރު ހަދައިދޭނެއެވެ. މީގެތެރެއިން އެންމެ ބޮޑު ސުޕަކޮމްޕިއުޓަރު ގާއިމުކުރާނީ އޮރަކަލްއާ ގުޅިގެންނެވެ. އެ ކޮމްޕިއުޓަރުގައި އެންވީޑިއާގެ އެންމެ ފަހުގެ 100،000 ބްލެކްވެލް ޗިޕް ބޭނުންކުރާނެއެވެ.

https://sun.mv/58866

މި ސުޕަކޮމްޕިއުޓަރުތަކުގެ މައިގަނޑު ބޭނުމަކީ އެމެރިކާގެ ނިއުކްލިއާ ހަތިޔާރުގެ ދާއިރާ ބެލެހެއްޓުމާއި، ނިއުކްލިއާ ފިއުޝަން ފަދަ އާ ހަކަތައިގެ މަސްދަރުތައް ދިރާސާކުރުމެވެ.

ސީއީއޯ ހުއާންގް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ފަސް ކުއާޓަރުގެ ތެރޭގައި އެ ކުންފުނީގެ 'ބްލެކްވެލް' އަދި 'ރޫބިން' ޗިޕްތަކަށް ލިބިފައިވާ އޯޑަރުތަކުގެ އަގު 500 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ ހަތަރު ޓްރިލިއަން ޑޮލަރުގެ މާކެޓް އަގަކާ އެކު، ދުނިޔޭގެ އޭއައި އިންގިލާބުގައި އެންވީޑިއާއިން އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން އެންވީޑިއާއިން ވަނީ އާ ޕާޓްނާޝިޕްތަކެއް ވެސް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ފިންލެންޑްގެ ޓެލެކޮމް ކުންފުނި ނޯކިއާއާ ގުޅިގެން އޭއައި ކޮމިއުނިކޭޝަންސްގެ ދާއިރާއަށް ވަނުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން އެންވީޑިއާއިން އެއް ބިލިއަން ޑޮލަރަށް ނޯކިއާގެ 2.9 ޕަސެންޓް ހިއްސާ ގަންނާނެއެވެ.

އޭގެ އިތުރުން އެމެރިކާ ސަރުކާރާ ގާތުން މަސައްކަތްކުރާ ޕަލަންޓީރާއާ ގުޅިގެން ލޯވްސް ފަދަ ކުންފުނިތަކަށް ލޮޖިސްޓިކްސްގެ ކަންކަން ހަލުވިކޮށްދިނުމަށް އެހީތެރިވާނެއެވެ.

ވޮޝިންގްޓަންގައި ވާހަކަ ދައްކަވަމުން ހުއާންގް ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޕްރޯ-އެނާޖީ ގްރޯތް" ސިޔާސަތަށް ތަޢުރީފުކުރައްވާފައެވެ.

މި ޚަބަރުތައް ފެންމަތިވެފައިވަނީ، ޗައިނާއާއެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި، ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މި ވާހަކަތަކާ ގުޅިގެން އެންވީޑިއާގެ ހިއްސާގެ އަގު 3.3 ޕަސެންޓް ވަނީ މައްޗަށް ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު