އޭޝިއަން ޔޫތު ގޭމްސް 2025: ސްވިމިން ޓީމުން އިތުރު ތިން ޤައުމީ ރިކޯޑް އައުކޮށްފި

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ދިވެހި ފެތުންތެރިން-- ފޮޓޯ: އެމްއޯސީ

ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން އިތުރު ތިން ޤައުމީ ރިކޯޑެއް އައުކޮށްފިއެވެ.

އޭޝިއަން ޔޫތު ގޭމްސްގެ 10 ވަނަ ދުވަހުގެ އިވެންޓުތަކުގެ ތެރެއިން ސްވިމިނިގައި ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރެކޯޑް އާކުރީ ލޫތު މުހައްމަދު ހުސައިން އާއި އަމްނާ ތަޒްކިޔާ މިރުސާދުއެވެ.

މިގޮތުން ލޫތު އާކޮށްފައިވަނީ ފިރިހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެވެ. ލޫތު މި ރެކޯޑު އާކުރީ 02:41.02 އިން އިވެންޓު ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހު ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި އިޒްޔާން ނާޒިމްއެވެ. އިޒްޔާން މި އިވެންޓު ފުރިހަމަކުރީ 02:45.21 އިންނެވެ.

އޭޝިއަން ޔޫތު ގޭމްސް 2025 ގައި ދިވެހި ފެތުންތެރިން-- ފޮޓޯ: އެމްއޯސީ

ތަޒްކިޔާ ވަނީ މިއަދުގެ އިވެންޓުތަކުގައި އިތުރު ދެ ރެކޯޑެއް އާކޮށްފައެވެ. އެއީ އަންހެނުންގެ ލޯންގްކޯސް 50 މީޓާ ބަޓާފްލައި އިވެންޓާއި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓެވެ. ތަޒްކިޔާ ލޯންގްކޯސް 50 މީޓަރު ބަޓާފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކުރީ 00:31.49 އިން އިވެންޓު ނިންމައިގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ހަނާން ޙުސައިން ޙަލީމް އެވެ. އެއީ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި 00:31.68 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ ލޯންގްކޯސް 50 މީޓާ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ތަޒްކިޔާ އާކުރީ 00:32.57 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގައި ޤައުމީ ރެކޯޑް މީގެކުރިންވެސް އޮތީ ތަޒްކިޔާ އަތުގައެވެ. އެއީ މިދިޔަ އޮގަސްޓުމަހު ރޮމޭނިއާ ގައި ކުރިއަށްދިޔަ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި 00:32.77 އިން ރޭސް ނިންމައިގެންނެވެ.

މީގެއިތުރުން ތަޒްކިޔާ މިރުޝާދު ވަނީ މިހާރު ކުރިއަށްދާ 3ވަނަ އޭޝިއަން ޔޫތު ގޭމްސްގައި 200 މީޓަރު އަންހެން ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ އިވެންޓުތައް ނިމުމަކަށް އައިސްފައިވާއިރު މިހާރު ދިވެހި އެތުލީޓުން ކުރިއަށް އޮތީ ސްވިމިން އިވެންޓުތައް އެކަންޏެވެ.

comment ކޮމެންޓް