ސަލްމާނާއި ގޯވިންދާ 18 އަހަރު ފަހުން އެއް ފިލްމަކަށް

ބޮލީވުޑް އެކްޓަރުން ކަމަށްވާ ގޯވިންދާ އަދި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާއާއި ސަލްމާން ޚާން އެކީގައި ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވަނީ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަރުހަލާ ފެށިފައިވާއިރު ވަރަށް އަވަހަށް ފިލްމު އިއުލާނު ކުރާނެ ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ފިލްމު ރަސްމީކޮށް އިއުލާނު ކުރަން ނިންމާފައި ވަނީ އެ ފިލްމަށް ކިޔާނެ ނަމެއް ހަމަޖެހުމުންނެވެ.

ނަމަވެސް, ސަލްމާނާއި ގޯވިންދާ އެކީގައި މަސައްކަތްކުރާ ޕްރޮޖެކްޓެއްގެ މަސައްކަތް ފެށިފައިވާކަން ކަށަވަރުވެފައިވާ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ މައުލޫމާތު ދީފައެވެ.

ސަލްމާނާއި ގޯވިންދާ އެކީގައި ފިލްމެއްގައި މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ކަލަސް ޓީވީއިން މިހާރު ގެނެސްދެމުން އަންނަ "ބިގް ބޮސް 19" ޝޯގައި ވެސް ސަލްމާން ވަނީ ގޯވިންދާއާ އެކު ފިލްމެއް ޕްލޭންކުރެވިފައިވާ ކަމުގެ އިޝާރާތެއްދީފައެވެ.

ސަލްމާން އާއި ގޯވިންދާ އެންމެފަހުން އެކީގައި ކުޅުނު ފިލްމު "ޕާޓްނާ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާނާއި ގޯވިންދާ އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ހެއްވާ މަޖާ ފިލްމުތަކެއް ސިނަމާތަކަށް ގެނެސްދިން ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ޕާޓްނާ"އިންނެވެ. ދެހާސްހަތްވަނަ އަހަރު ރިލީޒްކުރި އެ ފިލްމުން ބަތަލާއިންގެ ގޮތުގައި ފެނުނީ ލާރާ ދައްތާ އަދި ކެޓްރީނާ ކައިފްއެވެ.

ނުވަދިހައިގެތެރޭގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ބެލުންތެރިންނަށް ގެނެސްދިން ގޯވިންދާއަށް ފަހުން ފިލްމުތަކުން ފުރުސަތު ލިބުން މަދުވެ އިންޑަސްޓްރީއިން އެއްކޮށް ގެއްލުނެވެ. އިންޑިއާގެ ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ގޯވިންދާ އަކީ ކޮމެޑީ ރޯލްތައް ކުޅެ ނެށުމުގެ ހުނަރުން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި ކުޅަދާނަ އެކްޓަރެކެވެ.

comment ކޮމެންޓް