އެޗްއާރްސީއެމަށް އައްޔަންކުރަން ކުރީގެ މިނިސްޓަރު ރަމީލާއަށް ރުހުން ދީފި

ކުރީގެ މިނިސްޓަރު ރަމީލާ: އެޗްއާރްސީއެމަށް އައްޔަންކުރަން އޭނާއަށް ވަނީ ރުހުން ދީފައި -- ފޮޓޯ/ ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެ މަގާމަށް ރަމީލާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މި މަހު ކުރީކޮޅެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ޑިސެންބަރު އެކެއް، 2024 ގައެވެ.

އެޗްއާރްސީއެމަށް ރަމީލާ އައްޔަންކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 63 މެންބަރުންގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދޭން ފާސްކޮށްފައެވެ. އެހެންވެ، އޭނާއަށް ރުހުން ލިބުނުކަން ވަނީ އިއުލާނުކޮށްފައެވެ.

އެ މަގާމަށް ކުރީގެ މިނިސްޓަރު ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވީ އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު ނޮވެންބަރު 30، އަށް ހަމަވާތީއެވެ.

https://sun.mv/212134

މިނިސްޓަރުކަމާ ނޮވެންބަރު 17، 2023 ގައި ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ޖެހެންދެން ރަމީލާ ގިނަ ދުވަސްތަކެއް ރާއްޖޭން ބޭރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ހޭދަކުރެއްވިއެވެ.

މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗްއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މުނާ ފިޔަވާ މިހާރު ތިއްބެވި މެންބަރުންނަކީ:

  • ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު
  • މެންބަރު ސަމާޢު އަޙްމަދު ނަޖީބު
  • މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • މެންބަރު އަޙްމަދު މަޤުސޫމް
comment ކޮމެންޓް