ވިޒިޓް މޯލްޑިވްސްގެ ސީއޯއޯއަކަށް ހުރި ސަބީހާ، ބޯޑަށް އައްޔަންކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް އައްޔަންކުރި ސީއޯއޯ ސަބީހާ އަޙްމަދު --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއޯއޯގެ މަގާމުގައި ހުރި ސަބީހާ އަހުމަދު، އެ ކުންފުނީގެ ބޯޑަށް ޢައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން މިއަދު ވަނީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރެއްގެ މަގާމަށް ސަބީހާ އައްޔަންކޮށްފައިވާކަން އިއުލާންކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ ވަނީ މީގެ ކުރިން ޖުމޭރާ ގްރޫޕް، ފެއާމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިން ދާއިރާގައި މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން ސަބީހާ ވަނީ ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި ސީނިއާ ސޭލްސް މެނޭޖަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ސަބީހާ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރުމަކީ ބޯޑަށް މާކެޓިން ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ. އަދި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދު ތިއްބަވައެވެ.

comment ކޮމެންޓް