ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިއްރު ލިޔުމަށް ބަލައި، ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރުމަކީ އުންމީދު އާވާ ކަމެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެއީ، ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒެވެ. ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަބްދުﷲ ވަހީދު އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ހޯމަ ދުވަހު މަޖިލީހުން ފާސްކުރި ރިޕޯޓު ފޮނުވުމުން، އެ ކަންކަން ތަންފީޒުވާތަން ފެނުމަކީ އުންމީދު އާވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި އެ ރިޕޯޓުގައި ހިމެނޭ ސިއްރު ޗެޕްޓަރު ފޮނުވީ ސީދާ ރައީސް މުއިއްޒަށް އެކަންޏެވެ.

މާލިއްޔަތު ކޮމިޓީގައި ނާޒިމް: ރައީސްގެ ނިންމެވުމަށް އޭނާ ޝުކުރު އަދާކުރެއްވި -- ފޮޓޯ/ މަޖިލިސް
"ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކަސްޓަމްސްގެ، ރައީސުލްޖުމްހޫރިއްޔާއަށް ވަކިކުރެއްވެން އޮތް ބޭފުޅުން ގާނޫނާ އެއްގޮތަށް ވަކިކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެއީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.
"މަޖިލީހަށް ހައްގު އިހުތިރާމާއި، މަޖިލީހަށް ގާނޫނުން ލިބެންވާ ގަދަރު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދެއްވައިިފިކަން. އަނެއްކާ އެ ރިޕޯޓުގައި އޮތް ގޮތަށް ތަންފީޒުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންނަށް އާވެގެންދާ އުންމީދެއް އެއީ،" އޭނާ ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީން ފެނަކައިގެ ޚިޔާނާތް ބަލަން އެކުލަވާލި ސަބް ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ނާޒިމް ވިދާޅުވީ، ފެނަކައާއި އެހެން ކުންފުނިތަކުގައި ހުރި މައްސަލަތައް ވެސް ބަލައި، އެ ކަންކަން ތަންފީޒުކުރަން ހިތްވަރު ލިބިއްޖެ ކަމަށެވެ.
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރީ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓުތަކުގެ މައްސަލައާއި، ބޮންޑެޑް ވެއާހައުސްގައި ބަހައްޓާފައި ހުއްޓާ ކަސްޓަމްސްއަށް ނޭނގި، ގަވާއިދާ ޚިލާފަށް އެ ސިނގިރޭޓުތައް ނެރުނު މައްސަލައިގައެވެ. އިތުރު ތަފުސީލަކަށް ވަޑައިނުގެން ރައީސް ވަނީ އެ މައްސަލަތަކުގައި ދެ ބޭފުޅުން ވަކިކުރެއްވި ކަމަށް ވިދާޅުވެފައެވެ.