ދެ ލެގުން ޖުމެއިރާ ބަލިކޮށް ވަލްޑޯފަށް ފައިނަލުގެ ފުރުސަތު

ދެވަނަ ލެގުގައި ވަލްޑޯފް އާއި ޖުމެއިރާ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް އެމްވީ

ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ރިސޯޓު ސުޕަ ލީގު 2025 ގެ ދެ ލެގުން ކުރި ހޯދާ، ވަލްޑޯފް އެސްޓޯރިއާ އިތާފުށިން މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު ތަނަވަސްކޮށްފިއެވެ.

މުބާރާތުގެ ފޯމެޓު ރޭވިފައިވާ ހަ ޒޯނުގެ ޗެމްޕިއަނުންގެ ތެރެއިން މޮޅުވާ ތިން ޓީމުގެ ތެރެއިން އެންމެ ގިނަ ލަނޑުޖަހާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބެއެވެ.

މިހާތަނަށް ދެ ޒޯނެއްގެ ޗެންޕިއަނުންގެ މެދުގައި ހޯމް އެންޑް އަވޭ ގޭމުގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ދާލު ޒޯނުގެ ޗެމްޕިއަން އަންސާނާ ވެލާވަރާއި އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ދެ ޓީމު ކުޅުނު ދެ ލެގުގެ މެޗު ނިމުނީ 5-4 ގެ ނަތީޖާއަކުން ކޮންރެޑު މޮޅުވެގެންނެވެ. އެއާއެކު މިހާތަނަށް ކޮންރެޑު އޮތީ އެންމެ ގިނަ ލަނޑު ޖަހައިގެން ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ.

ނަމަވެސް, އިއްޔެ ނިމުނު މާލެ އަތޮޅު ދެ ޒޯނުގެ ޗެމްޕިއަނުން ކަމަށްވާ ނޯތު މާލޭ ޒޯނުގެ ޗެމްޕިއަން ޖުމެއިރާ އޮޅަހަލިއާއި ސައުތު މާލޭ ޒޯނުގެ ޗެމްޕިއަން ވަލްޑޯފް އެސްޓޯރިއާ އިތާފުށި ބައްދަލުކުރި ދެ ލެގުގައި ޖުމުލަ ފަސް ގޯލު ޖަހައިގެން، މިހާރު ފައިނަލުގެ ފުރުސަތު އޮތީ ވަލްޑޯފަށެވެ.

ލަނޑުގެ ގޮތުން ކޮންރެޑާއި ވަލްޑޯފް އޮތީ އެއްވަރުވެފައެވެ. ނަމަވެސް، ބައިކޮޅަށް ވަދެފައިވާ ލަނޑުގެ އަދަދު މަދުވުމުން އެ ފުރުސަތު އަދި އޮތީ ވަލްޑޯފަށެވެ.

ފައިނަލުގެ ސީދާ ޖާގައެއް އެންމެ ގިނަ ލަނޑުޖެހި ޓީމަކަށް ލިބޭއިރު އަނެއް ދެ ޓީމު ޖެހޭނީ ސެމީފައިނަލް މެޗު ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ.

ޖުމެއިރާގައި އިއްޔެ ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ވަލްޑޯފް މެޗު އެއްވަރުކުރީ ޖުމެއިރާ ތިން ލަނޑުގެ ލީޑެއްގައި ވަނިކޮށް ފަހަތުންއަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މީގެ ދެ ދުވަސްކުރިން ކްރޮސްރޯޑްސްގައި ކުޅުނު ވަލްޑޯފްގެ ހޯމު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ވަލްޑޯފް ދެ ލެގު ކުރިހޯދީ 5-3 ގެ އެގްރިގޭޓު ނަތީޖާއަކުންނެވެ.

ރިސޯޓު ސުޕަ ލީގުގައި ބާކީ ދެން އޮތީ ބ. ޒޯނުގެ ޗެމްޕިއަން އަނަންތަރާ ކިހަވައް ވިލާސް އާއި ރ. ޒޯނުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސްގެ ކުރިމަތިލުމެވެ.

ފުރަތަމަ ލެގު މިމަހުގެ 30 ގައި ކުރިއަށްދާނީ އަނަންތަރާގައެވެ. އަދި ދެވަަނަ ލެގު ކުޅޭނީ އެކެއް ނޮވެންބަރުގައެވެ. މި ދެ ލެގުން ގިނަ ލަނޑު ޖަހައިގެން ދެ ޓީމުންކުރެ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ރިސޯޓު ސުޕަ ލީގަކީ ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ މުބާރާތެވެ. މުޅި ރާއްޖެއަށް ފުޅާކޮށް، ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތަކީ ސުޕަ ލީގެވެ.

މިއަހަރު ޖުމްލަ ހަ ޒޯނެއްގައި ރިސޯޓު ލީގު ކުޅެފައިވެއެވެ. އަދި ރިސޯޓު ސުޕަ ލީގު ކުރިއަށްދަނީ ހަ ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު