ހުކުރުގެ ކުރިން އާ ޕޭ ފްރޭމްވޯކަށް ބަދަލުނުކުރާ ސިވިލް މަގާމުތަކަށް ވަގުތީގޮތުން މީހުން ނެގުން މަޑުޖައްސާލަނީ

ސިވިލް ސާވަންޓުން: އާ ޕޭ ފްރޭމްވޯކަށް ބަދަލުނުކުރާ މަގާމުތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން ވަނީ އަންގައިފަ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިނުވާ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުން ވަގުތީގޮތުން މަޑުޖައްސާލަން އެ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، މިހާތަނަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިނުވާ ދާއިމީ މުވައްޒަފުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޮމިޝަނުން ވަޒީފާއާ ގުޅޭ މަސައްކަތްކުރުމަށް ބޭނުންކުރާ ސޮފްޓްވެއާ ކަމަށްވާ "ސީއެސްވިއުގަ" އަދާހަމަކޮށް، ގުޅުންހުރި އުސޫލުތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަސައްކަތް ނިމެންދެން ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ހޯދައި ވަޒީފާ ހަމަޖެއްސުމުގައި އެ ކޮމިޝަނުން ވަކި ގޮތަކަށް އަންގަންދެން ވަކި މިންގަނޑުތަކަކަށް އަމަލުކުރަން ވަނީ އަންގައިފައެވެ.

އެގޮތުން ސީއެސްސީން އާންމުކުރި މިންގަނޑުގައިވާ ގޮތުން، ހޮނިހިރު ދުވަހުގެ ކުރިން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މަގާމުތަކަށް މީހުން ހޯދުމާއި ވަޒީފާ ހަމަޖެއްސުމުގައި މިހާރުވެސް އަމަލުކުރާ އުސޫލުން "ސީއެސްވިއުގަ" މެދުވެރިކޮށް ކުރިއަށް ދެވޭނެއެވެ.

ނަމަވެސް އެދުވަހުގެ ކުރިން އާ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ މަގާމުތަކަށް މީހުން ހަމަޖައްސާފައިނުވާނަމަ، "ސީއެސްވިއުގަ" އަދާހަމަވަންދެން އެ މަގާމުތަކަށް މީހުން އައްޔަންކުރުން މަޑުޖައްސާލަން ސީއެސްސީން ވަނީ އަންގައިފައެވެ. އެކަމަކު ސަރުކާރު އިދާރާއަކުންދޭ ޚިދުމަތެއް މެދުކެނޑޭނަމަ ސިވިލް ސާވިސް ގަވައިދުގެ ދަށުން މަގާމުތަކަށް މީހުން އައްޔަންކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް، ސީއެސްސީގެ މިންގަނޑުގައިވެއެވެ.

ސީއެސްސީން މިފަދައިން އަމަލުކުރަން މިއަދު އަންގާފައިވަނީ މިހާތަނަށް ބޮޑުކޮށްފައިނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ މި ފެށޭ ނޮވެމްބަރު މަހު ބޮޑުކުރައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމާ ގުޅިގެންނެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންވެސް ރައީސް ވަނީ މި އަހަރު ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެކަން އިއުލާނުކުރައްވާފައެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެ ކަމަށް 500 މިލިއަން ރުފިޔާ ހިމެނިއެވެ.

ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތް ފެށީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.

comment ކޮމެންޓް