"މީޑިއާތަކަށް ފައިސާ ދެނީ ބަލަންޖެހޭ ވަރަށް ނުބަލަ، ވިއުވަޝިޕާއި މުވައްޒަފުންގެ އަދަދަށް ބަލަންޖެހޭ"

މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރަނީ: 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން ވަނީ އިއުލާނުކޮށްފައި ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މީޑިއާތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހަތަރު މީޑިއާއަކުން މިއަދު ނެރުނު ބަޔާންތަކެއްގައި ބުނީ، ރާއްޖޭގައި ހިންގާ މީޑިއާތަކުގެ ތެރެއިން 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ދޭން ނިންމީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

އެގޮތުން 'ސައުވީސް އޮންލައިން' ހިންގާ 'ސްޓާކޮމް ސޮލިއުޝަންސް'އިން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާތަކަށް ފައިސާ ލިބޭ ލިސްޓުގައި ހިމެނޭ ބައެއް ނޫސްތަކުން ދުވާލަކު ފަސް ޚަބަރުވެސް ހަމަނުކުރާ ކަމަށާއި، ބައެއް ނޫސްތަކަކީ މީހުން ގިނައިން ކިޔާ ނޫސްތަކެއްވެސް ނޫން ކަމަށެވެ.

މަޝްހޫރު އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ހިންގާ 'ދަ ސްޓޭންޑާޑް'ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ، މީޑިއާތަކަށް ފައިސާ ދޫކުރާ މި ސްކީމާ މެދު ގިނަ މީޑިއާތަކަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި، ސަބަބަކީ މި ސްކީމްގައި ފައިސާ ދޫކޮށްފައިވަނީ އިންސާފުންނޫން ކަމާއި ދެފުށްފެންނަ އުސޫލަކުން ނޫން ކަމުގައި ވާތީ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން 'ދަ ސްޓޭންޑާޑް'ގެ އެންމެ މައިގަނޑު ކަންބޮޑުވުމަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ 'ދަ ޕްރެސް' ނޫހަށް 1.34 މިލިއަން ރުފިޔާ ލިބުނުކަމަށް ލިސްޓުގައި އޮތް އިރު، ބަޖެޓުން ނޫސްތަކަށް ފައިސާ ލިބޭ މަރުހަލާގައި ޝަމްއާން ބައިވެރިވެވަޑައިގެންފައި އޮތް އޮތުމެވެ. އެހެންވެ މި ސްކީމްގެ މަގްސަދާ މެދު ސުވާލު އުފެދޭކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން 'އެމްވީ ޕްލަސް' ހިންގާ 'އޯކާ މީޑިއާ ގްރޫޕު'ގެ ބަޔާނުގައި ތިން ކަންބޮޑުވުމެއް ފާހަގަކޮށްފައިވެއެވެ. އެއީ ޝަމްއާންގެ 'ދަ ޕްރެސް'އަށް ދައުލަތުގެ ބަޖެޓުން 1.34 މިލިއަން ރުފިޔާ ހަމަޖެހުމާއި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ 'ސަންގު މީޑިއާ'އަށް 5.1 މިލިއަން ރުފިޔާ ހަމަޖެހުމާއި، ބަޖެޓުން ފައިސާ ލިބޭ މީޑިއާތައް ހޮވުމުގައި ބެލި މިންގަނޑުތަކާއި އެ މަސައްކަތްކުރި ކޮމިޓީގެ މަސައްކަތްތައް އާންމުނުކޮށް ކުރިއަށް ގެންދިއުމެވެ.

މި ތިން މީޑިއާގެ އިތުރުން ރާއްޖޭގައި ހިންގާ އޮންލައިން ދުވަހު ނޫސްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ނޫސް ކަމަށްވާ 'ވަގުތު'ން ނެރުނު ބަޔާނުގައި ބުނީ މީޑިއާތަކަށް ފައިސާ ދެނީ ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށެވެ.

އަދި އެންމެ ޚަބަރެއް ވެސް ދުވާލަކު ޕަބްލިޝްނުކުރާ ނޫސްތަކަށް ވެސް މިލިއަނަކާ ގާތަށް ފައިސާ ދޭން ނިންމައިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ނޫހުން ބުނީ މީޑިއާތަކަށް ފައިސާ ދޭއިރު، އެ މީޑިއާއެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދާއި، ކުރާ މަސައްކަތާއި، ވިއުވަޝިޕް ފަދަ ކަންކަމަށް ބެލުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

https://sun.mv/213293

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

comment ކޮމެންޓް