މި ފަހަކަށް އައިސް ސްޓްރޯކް ޖެހޭ ޒުވާނުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވި އެއީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އިންޑިއާގެ ބެންގަލޫރުގައި މަސައްކަތްކުރައްވާ ނިއުރޮލޮޖިސްޓުންތަކެއް ވިދާޅުވެއްޖެއެވެ.
ބެންގަލޫރުގެ އެސްޓާ ސީއެމްއައި ހޮސްޕިޓަލްގެ ނިއުރޮލޮޖީ ކޮންސަލްޓަންޓް ޑރ. ލޮކޭޝް ބީ ވިދާޅުވި ގޮތުގައި މިފަހަކަށް އައިސް ސްޓްރޯކްގެ ޝިކާރައަކަށްވާ މިލެނިއަލްސް އަދި ޖެން ޒީ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޑރ.ލޮކޭޝް ބީ ވިދާޅުވި ގޮތުގައި މީގެ ކުރިން ސްޓްރޯކް ޖެހުމުގެ ކޭސްތައް ގިނައިން ފެނިފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ކަމަށެވެ. މި ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ސްޓްރޯކްޖެހޭ މިންވަރު އިތުރުވެފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިފައިވާ ގޯސް އާދަތަކުގެ ސަބަބުން ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ދިރިއުޅުމުގެ ނުރަނގަޅު އާދަކާދަތަކުގެ ސަބަބުން ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/އިންސްޓަގްރާމް
ނިއުރޮލޮޖީ ކޮންސަލްޓަންޓް ޑރ.ލޮކޭޝް ބީ ފާހަގަކުރެއްވި ގޮތުގައި އޭގެ ތެރޭގައި، ވަރުބަލިކުރުވަނިވި ދިރިއުޅުމުގެ ވައްޓަފާޅި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުން، ނަފުސާނީ ބަލިކަށިކަން، ބަނގުރާ ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރުން ހަރަކާތްތެރިވާ މިންވަރު މަދުވުން ހިމެނެއެވެ.
އިންޑިއާގެ ޖަޔާނަގަރުގެ އެޕޯލޯ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް އަދި ނިއޮރޮލޮޖީގެ ލަފާ ދެއްވާ ފަރާތެއް ކަމަށްވާ ޑރ. ޕީ ސަތީޝްޗަންދްރާ ވިދާޅުވެފައިވާ ގޮތުގައި ސްޓްރޯކަކީ އިންޑިއާގައި އެންމެ ގިނަ މީހުން މަރުވާ އެއް ބައްޔެވެ.
މީގެ އިތުރުން، ގިނަ ބަޔަކު ނުކުޅެދުންތެރިކަމަށް މަގުފަހިކުރުވާ އެއް ބައްޔަކީ ވެސް ސްޓްރޯކް ޖެހުމާ ގުޅިގެން ދިމާވާ ބަލިތައް ކަމަށް ޑރ. ޕީ ސަތީޝްޗަންދްރާ ވަނީ ވިދާޅުވެފައެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ހެޔޮ ބަދަލުތަކާ އެކު ސްޓްރޯކް ޖެހުމުން ދުރުކޮށްދިނުމަށް އެހީވެދޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް
"ޚާއްސަކޮށް މަސައްކަތްކުރާ އުމުރުގެ ޒުވާނުންގެ މެދުގައި ސްޓްރޯކް ޖެހުން ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އެބަދޭ. އެ ކަމަށް މަގުފަހިކުރުވާ ކަންކަމުގެ ތެރޭ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވުން، ހަކުރު ބަލި، ޑިޖިޓަލް ސްޓްރެސް، މާ ގިނައިރު މަސައްކަތުގެ މާހައުލުގައި ވަގުތު ހޭދަކުރުން އަދި ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ނުރަނގަޅު ބަދަލުތައް ހިމެނޭ،" ޑރ. ސަތީޝްޗަންދްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިތުގެ ބަލިތަކާއި ޚިލާފަށް ސްޓްރޯކް ޖެހުމުގެ އަލާމާތްތައް ކުރިން އެނގުނު ނަމަވެސް އެކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވުމަކީ ވެސް މި ބަލި އިތުރަށް ގޯސްވުމަށް މެދުވެރިވާ ސަބަބެކެވެ. ޑޮކްޓަރުން ވަނީ މި ފަހަކަށް އައިސް ވެސް ވަރަށް އާއްމުވަމުން އަންނަ ބައްޔެއް ކަމަށްވާ ނިދުމުގެ އެޕްނިއާގެ ސަބަބުން ވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ވިދާޅުވެފައެވެ.

ސްލީޕް އެޕްނިއާ އަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާ ސިއްހީ މައްސަލައެއް ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެގޮތުން ސްލީޕް އެޕްނިއާ ނުވަތަ ނިދުމުގެ ތެރޭގައި ދިމާވާ ނޭވާލުމުގެ މައްސަލައަކީ މާ ބޮޑު މައްސަލައެއް ކަމަށް ނުދެކުނު ނަމަވެސް އެއީ ސްޓްރޯކް ޖެހުމަށް ސީދާ އަސަރު ކުރުވާ ކަމެއް ކަމަށް ގްލެނީގަލްސް ބީޖީއެސް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. އަވިނާޝް ކުލްކަރްނީ ވަނީ ވިދާޅުވެފައެވެ.
"ނިދުމުގެ ތެރޭގައި ތަކުރާރުކޮށް ހަށިގަނޑަށް ލިބޭ އޮކްސިޖަން މަދުވުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ހަށިގަނޑުގައި ދިމާވާ ރިހުންތަކުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިތައް ބަލިކަށިވޭ" ޑރ. އަވިނާޝް ކުލްކަރްނީ ވިދާޅުވެފައިވެއެވެ.
ޑރ. އަވިނާޝް ކުލްކަރްނީ އިތުރަށް ވިދާޅުވީ ހަކުރު ބަލި ނުވަތަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރެވިފައި ހުންނަ ގިނަ ބަލި މީހުންނަށް ވެސް އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯއެސްއޭ) ދެނެގަނެވިފައި ނުވުމުގެ ސަބަބުން ތަކުރާރުކޮށް ސްޓްރޯކް ޖެހެމުންދާ ކަމަށެވެ.
ސަކުރާ ވޯލްޑް ހޮސްޕިޓަލްގެ ސީނިއަ ކޮންސަލްޓަންޓް އަދި ލީޑް، ނިއުރޮލޮޖީ އެންޑް ސްޓްރޯކް ޑރ. އަމިތް ކުލްކަރުނީ ފާހަގަކުރެއްވި ގޮތުގައި ސްޓްރޯކް ޖެހޭ 50-70 އިންސައްތަ ބަލިމީހުންނަށް އޯއެސްއޭގެ މައްސަލަ ވެސް ހުރެއެވެ. އަދި, މިކަން ގިނަފަހަރު ދެނެގަނެވިފައެއް ނުވެއެވެ.
ޑރ. އަމިތް ކުލްކަރުނީ ވިދާޅުވި ގޮތުގައި މި ބައްޔަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ދެ އަހަރުގެ ތެރޭގައި ސްޓްރޯކް އަލުން ޖެހުމުގެ ފުރުޞަތު ގާތްގަނޑަކަށް 50 އިންސައްތައަށް އަރައެވެ.
ނަމަވެސް, ގަވާއިދުން މި ބަލި ހުރިތޯ ބެލުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެ ކަމަށް ވެސް ޑރ. އަމިތް ކުލްކަރުނީ ވަނީ ވިދާޅުވެފައެވެ.
ސްޓްރޯކް ޖެހުމުން އާއްމުކޮށް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހިއްސު ކެނޑުން، ނުވަތަ ބާރު ދެރަވުން (ޚާއްޞަކޮށް ހަށިގަނޑުގެ އެއް ފަރާތުގައި)، ހަށިގަނޑު ބެލެންސް ކުރުމަށް ދަތިވުން، ގަދަޔަށް ބޮލުގައި ރިއްސުން، ވާހަކަ ދެއްކުމުގައި ދޫ ބަރުވުން ނުވަތަ އޮޅުން އެރުން ފަދަ ކަންކަން ހިމެނެއެވެ.