ގެއްލުންވި މީހުންނަށް ބަދަލު ދީފި: އަލްހާނާއި 2 ކޮއްކޮއިންނަށް ކުރި ދައުވާ ނަގައިފި

އަލްހާން ފަހުމީ --

ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފިއެވެ.

މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އެހެންވެ، އެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • އަލްހާނު ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
  • ޝަހުބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ
  • ޝަޒްބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ތިން މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލު ދީފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އަދި، ފުލުހުންގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެކަން ޔަގީންވެފައިވާތީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/200647

ޕީޖީން ބުނީ، މައްސަލަ އަނބުރާ ގެންދަން ނިންމީ ގެއްލުންވި މީހުން އެދުމުންނާއި ފައިސާ ލިބުނުކަން ކަށަވަރުވުމުން ކަމަށެވެ.

އެކަމަކު، ތިން މީހުންނަށް ތުހުމަތުވާ މި މައްސަލައާ ގުޅޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ޕީޖީން ބުންޏެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިމުމުން، އެ ބައިތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

"މި މައްސަލައިގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެބަ ކުރިއަށްގެންދަމެވެ،" ޕީޖީގެ ބަޔާނުގައިވެއެވެ.

މި ދަޢުވާތައް ކުރީ އަލްހާނު ފަހުމީއާއި، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދެއްކުމުންނެވެ.

އަދި، އެ ކަމަށް އާންމު އެކި މީހުން އަތުން އެކި ޢަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ.

comment ކޮމެންޓް