ފަގީރުންގެ ދަފްތަރުގައި ތިބި 14 މީހަކަށް ލިބުނު ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދެނީ

އެފްޑީސީން އަޅާ ފުލެޓުތައް: ފަގީރުންގެ ދަފްތަރުގައި ތިބި 14 މީހަކަށް ލިބުނު ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދެނީ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 14 މީހަކަށް ލިބިފައިވާ ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދިނުމަށް ރާޢްޖޭގެ ޒަކާތު ހައުސް ނިންމައިފިއެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް މީހުންނަށް ސަރުކާރުން ދޭ ފުލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ، އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާކުރުމަށްފަހު، އެ މީހުންނަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޒަކާތު ހައުސްގެ މެންބަރުން: ފަގީރުންގެ ދަފްތަރުގައި ތިބި 14 މީހަކަށް ލިބުނު ފުލެޓުގެ ޑައުންޕޭމަންޓު ޒަކާތު ފަންޑުން ދައްކައިދެނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެގޮތުން، ޒަކާތު ފަންޑުން 14 މީހަކަށް ޑައުން ޕޭމަންޓު ދައްކައިދިނުމަށް 340،000 ރުފިޔާ ޚަރަދުކުރާނެ ކަމަށާއި އެ ފައިސާ ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

އޭގެފަހުން، އެމީހުން ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަޤީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ޒަކާތު ހައުސް އިން ވަނީ ނިންމާފައެވެ.

މަގުސަދަކީ، ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުން ކަން ފާހަގަކޮށް، ޒަކާތު ހައުސްއިން ވަނީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރުފު ކުރުމަށް މަސައްކަތްކުރާކަން ހާމަކޮށްފައެވެ.

މި ކާޑު ތަޢާރަފުވުމުން އާސަންދައިން ސިއްހީ ޚިދުމަތްތަކަށް ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދީ، ރޯދަ މަހަށް ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ މީހުންނަށް ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެހެން ސޯޝަލް ހައުސިން ސްކީމްތަކުގައި ވެސް ފްލެޓް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ތަން އަމިއްލަ ނަންމައްޗަށް މިލްކުވަނީ ދިގު މުއްދަތަށް ބަހައިގެން ދައްކަން ޖެހޭ ކުލި ދައްކައި އެއްކޮށް ނިންމުމުންނެވެ.

https://sun.mv/208836

ފަގީރުންގެ ފުލެޓުތަކުގެ ޑައުން ޕޭމަންޓު ދައްކައިދޭން ނިންމިއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު ހަވާލުކުރަމުން އަންނަ ފުލެޓު އެޕާޓުމަންޓުގެ ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ. އެހެންވެ، އެ ކުލި ކުޑަކުރުމަށް ފުލެޓުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް