އިނާމު ލިބޭ ހަރަކާތްތަކާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު އައިކެއާއިން ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަނީ

އައިކެއާގެ އިވެންޓެއްގައި ލޯ ޓެސްޓުކުރުން: އިނާމު ލިބޭ ހަރަކާތްތަކާ ހިލޭ ލޯ ޓެސްޓުކުރުމާއެކު އައިކެއާއިން ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަނީ--- ފޮޓޯ: އައިކެއާ

މާދަމާ ފާހަގަކުރާ މި އަހަރުގެ ވޯލްޑް ސައިޓް ޑޭގެ މުނާސަބަތުގައި އައިކެއާ އިން ތަފާތު ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އައިކެއާ އިން ބުނީ އެކި އުމުރުފުރާތަކަށް ހާއްސަ މި އިވެންޓު އޮންނާނީ މާދަމާ ހަވީރު 04:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް މާލޭ ސޯޝަލް ސެންޓަރުގައި ކަމަށެވެ.

ތަޖުރިބާކާރު ލޮލުގެ ސްޕެޝަލިސްޓުންނާއެކު މުޅިން ހިލޭ ލޯ ސްކްރީން ކުރުމުގެ އިތުރުން އެހެން ވެސް ހަރަކާތްތައް މާދަމާ ބާއްވަން ވަނީ ނިންމައިފައެވެ.

ހަރަކާތްތަކުގެ ތެރޭގައި:

* ސްޓޫޑެންޓު އާޓް ކޮމްޕެޓިޝަން ޑިސްޕްލޭ : ލޮލުގެ ސިއްހަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދަރިވަރުން ފަރުމާކޮށްފައިވާ އާޓް މަސައްކަތްތައް ދައްކާލުން

* އައިކެއާގެ ޑޮކްޓަރުންނާ އޮޕްޓޮމެޓްރިސްޓުންގެ ފަރާތުން ލޮލުގެ ސިއްހަތާ ބެހޭ މައުލޫމާތު ދިނުން

* ކިޑްސް ޒޯން: ކުޑަކުދިންނަށް ހާއްސަ ޝައުގުވެރި އެޑިއުކޭޝަނަލް ހަރަކާތްތަކާއެކު ކިޑްސް ޕްލޭ އޭރިއާއެއް

* ލައިވް މިއުޒިކު ނައިޓް

* ފުޑް ސްޓޯލްތައް

އައިކެއާ އިން މި އިވެންޓު ބާއްވަން ހަމަޖެހިފައިވަނީ ޑަޔެބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ. ކޮންމެ އަހަރެކޭވެސް އެއްގޮތަށް މި އަހަރު ބާއްވާ އައިކެއާ އިވެންޓުގައި ޑަޔެބެޓިކްސް ސޮސައިޓީއިން ހަކުރުބައްޔާ ލޮލުގެ ސިއްހަތާ އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އައިކެއާ އިން މައުލޫމާތުދީފައިވެއެވެ.

މިއީ އައިއެކެއާއިން ކޮންމެ އަހަރެއްގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ބާއްވާ އިވެންޓެކެވެ. އައިކެއާ އިން ކޮންމެ އަހަރެއްގައި ބާއްވާ މި އިވެންޓުގެ ތެރެއިން އާއިލާއާ އެއްކޮށް ހިތްއުފާކޮށްލުމުގެ އިތުރުން ތަފާތު އިނާމުތައް ހޯދާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިއެކާއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު