ތިންވަނަ ކުއާޓަރުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުންއިރު، ސާފު ފައިދާއަށް 186 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި ތިންވަނަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، އެ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ، ދެވަނަ ކުއާޓަރާ އަޅާބަލައިއިރު އަށް އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯއިން ބުނީ، އާމްދަނީ އިތުރުވީ، ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.
ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އަށް އިންސައްތައަށް އިތުރުވެ، އާމްދަނީ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ އެސްޓީއޯއަށް ވަނީ 604 މިލިއަން ރުފިޔާ ލިބިފައެވެ. ވިއްކުމާއި މާކެޓް ކުރުމުގެ ޚަރަދުން ލީސް އެޖަސްޓްކުރުމަށް ފަހު އެސްޓީއޯއިން ތިންވަނަ ކުއާޓަރުގައި ވަނީ ހިންގުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ރީކްލެސިފައި ކޮށްފައެވެ.
ޖުމްލަ ހިންގުމުގެ ޚަރަދު 367 މިލިއަން ރުފިޔާއިން 358 މިލިއަން ރުފިޔާއަށް އެ ކުންފުނިން ވަނީ ދަށްކޮށްފައެވެ.
އޭގެ އިތުރަށް، ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ރިކޯޑުކޮށްފައެވެ. އަދި، ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، 14 އިންސައްތައިގެ އިތުރުވުމެކެވެ.
 
											
										 
					 
                 
                                                            