ބަލައިލި ކޮންމެ ދިމާލަކުން ފެންނާންހުރީ ކައުނީ ހެކިތެވެ. އެކަންކަމާމެދު ވިސްނާ ފިކުރުހިންގަން ﷲވަނީ އަންގަވައިފައެވެ. މި ނިކަމެތި އިންސާނާ ކޮންމެ ދިމާއަކަށް އޭނާގެ ލޯ ހިންގާލިޔަސް އޭނާއަށް ފެންނާނީ މާތް ﷲގެ ޢަޖާއިބުކުރުވަނިވި ހެކިތަކުން އެދިމާލެއް ފުރި އިތުރުވެގެން ވާތަނެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި މާތް ﷲ ވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމުގެ ހެކިތައް އެތައް ގޮތަކަށް ގެންނަވައިފައި ވާނެ ކަން ބަޔާންކުރައްވައިފައެވެ. ﴿إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّلْمُؤْمِنِينَ(٣) وَفِي خَلْقِكُمْ وَمَا يَبُثُّ مِن دَابَّةٍ آيَاتٌ لِّقَوْمٍ يُوقِنُونَ(٤)﴾( الجاثية) މާނައީ: "ހަމަކަށަވަރުން، މުއުމިނުންނަށް އުޑުތަކާއި، ބިމުގައި (ﷲގެ ޤުދުރަތްތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި ޔަޤީންކުރާ ބަޔަކަށް ހެކިތަކެއްވެއެވެ."
ފަލަކީ ނަޒަރަކުން ބަލައިލަމާތޯއެވެ. އުޑުތަކުން ފެންނަ ބިޔަ ތަރިތައް ފަލަކުތަކުގައި އެނބުރޭ އެހެން ތަކެއްޗާ އެކު، ބަންދުކަމެއް ނެތް ފަޒާގައި އެނބުރޭއިރު އެއް ތަރި އަނެއް ތަރިއާ މުޑިއަރައި ހަލާކު ނުވެއެވެ. ކޮންމެ ތަރިއެއް ވެސް އޭގެ ފަލަކުގައި ބުރުޖަހަނީއެވެ. އެހެން ތަރިއެއްގެ ފަލަކަށް އެހެންތަރިއެއް ވަދެގެން ނުދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَكُلٌّ فِي فَلَكٍ يَسْبَحُونَ﴾ (يس: ٤٠) މާނައި: "އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ."
ދުޔެއަށް އަލިކުރާން އެ ހުންނަ އިރުގެ ބިޔަކަމާއި ބޮޑުކަން މުޅި ކައުނާ އަޅާބަލާއިރެ، ކަނޑުން ނަގާ ފެން ތިއްކަކަށްވުރެ ވެސް އެތައް ގުނައެއް ކުޑައެވެ. މި ކައުނުގެ ތަނަވަސްކަން ދެނެވޮޑިގެންވަނީ ޢިއްޒަތްވަންތަ މަތިވެރިވަންތަ ﷲ تعالى އެކަންޏެވެ. މި ހުރިހާ ކަމެއް އިންސާނީ ލޮލަށް ފަސޭހަކަމާ އެކު ދައްކަވައިފައި އަދި އެކަންކަން އޭނާގެ ލޯމަތީ ތަކުރާރުވާގޮތް މިންވަރުކުރައްވައިފައި ކީރިތި ޤުރުއާނުގައި އިންސާނުންނަށް އެންގެވީ އުޑުތައް ހެއްދެވި ގޮތާމެދު ފިކުރުކުރުމަށެވެ.
ހަމައެފަދައިން އަހަރުމެންގެ ދިރިއުޅުން ހަމަޖެހިފައި މިވާ ބިމަކީ، އެހެން ތަރިތަކާއި މަޑި ކިލަނބުތަކާ އަޅާބަލާއިރު ޒައްރެއްގެ މިންވަރަށް ވެސް ނުހިމެނޭނެހައި ކުޑަތަނެކެވެ. ފަލަކީ ނިޒާމު މާތް ﷲ އެ ކަނޑައެޅުއްވި ގޮތެއްގައި ލައްވައިފައި ނުވާ ނަމަ ފަޒާތެރޭ ދުނިޔެ ބެހިގެން ހިނގައިދާނެއެވެ. އެފަދައިން އެކަން ނުވަނީ ﷲގެ ޙިކްމަތްވަންތަކަމާއި، ރޭއްވެވުމުގެ ފުރިހަމަ ކަމުން ޢަޖާއިބެއްފަދަ ގޮތެއްގައި ކައުނާއި ދުނިޔެއާއި އޮތް ގުޅުން ވަކި ނިޒާމެއްގެ ދަށުން ހަމަޖައްސަވައިފައިވާތީއެވެ.
ކައުނީ ނިޒާމުގެ އެތުރުމަށް ބަލާނަމަ އިރާއި ދުނިޔެއާ ދެމެދު ވަކި ދުރުމިނެއް ހިފެހެއްޓޭނޭ ގޮތް ކަނޑައަޅުއްވައިފައި ވެއެވެ. ދުނިޔެ ދައުރުކުރާއިރު އިރާ ދެމެދު ހުންނަ ދުރުކައިރިމިން މާތް ﷲ ކަނޑައަޅުއްވައިފައިވާ އެއްމިންވަރެއްގައި ހުރެއެވެ. ހުންނަންވާ ވަރަށް ވުރެ ކައިރިވެސް އަދި ދުރުވެސް ނުވެއެވެ. ބިމާއި އިރާ ދެމެދު އެ ހުރި ދުރުމިނުގެ ދިހަބައިކުޅައެއްބައި ވަރު ބިމާއި އިރު ކައިރިވިޔަސް ބިމާއި އޭގައި ވާހައި އެއްޗެއް އަނދައިއަޅިއަށް ވާހުށްޓެވެ. އަދި އިރު، ދުނިޔެއާ ދިހަބައިކުޅައެއްބައި ދުރުވިޔަސް ބިމާއި ބިމުގައި ވާހާއެއްޗެއް ފިނިވެގެން ގޮސް ގަނޑުވީހެވެ.
އިންސީންނާ އެ ނޫން މަޚުލޫޤޫންނާ ނޮންނަ ގުޅުމަކީ ވެސް ޢަޖާއިބުކުރުވާ ގުޅުންތަކެކެވެ. ހަމަ އެހެންމެ ޙައިވާނުންނާއި ގަސްހާގެހީގެ މެދުގައި އޮތް ގުޅުމަކީ ވެސް ކުޅަދުންވަންތަ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. އިންސާނާނުންނަށް ބޭނުންވަނީ އޮކްސިޖަނެވެ. ގަސްގަހާގެއްސަށް ބޭނުންވަނީ ކާބޮންޑައިއޮކްސައިޑެވެ. އަހުރެމެންގެ ނޭވާލާ ނިޒާމަކީ އޮކްސިޖަން ބޭނުންކޮށްފައި ކާބަންޑައިއޮކްސައިޑް ބޭރުކުރާ ނިޒާމެކެވެ. މި ސަބަބާހުރެ އިންސާނާގެ ބޭނުމާއި ގަސްގަހާގެހީގެ ބޭނުން އެ ވަނީ ގުޅި ލާމެހިފައެވެ. އިންސާނާގެ ވަށައިގެން އުޅޭ ތަފާތު ބާވަތްބާވަތުގެ ނަޢަމް ސޫފިތަކާއި މިނިކާ ޖަނަވާރުތަކާއި ކުދިކުދި ފަނިފަކުސާތަކުގެ ޙަޔާތް ވެސް ވަނީ ފުރިހަމައަށް އިންތިޒާމްކުރެވިފައެވެ.
އިންސާނުންނާ ޖަނަވާރުތަކާ އޮތް ގުޅުމަށް ބަލާއިރު ގެރި ބަކަރި އާލާވާވަރަށް ސިންގާ ފަދަ ވަލުޖަނަވާރު ވިހައި އިތުރުވަންޏާ ނުރައްކާ ވަރަށް ބޮޑުވީހެވެ. މީހުންނަށާއި ގޯތިގެދޮރަށް ހަމަލާދީ، ކުޑަކުދިންނާއި ބޮޑެތި މީހުން އޭގެ ޝިކާރައަކަށް ހެދީހެވެ. މެއްސާ މަދިރިފަދަ ތަކެއްޗަށް ބަލާއިރު އެއީ ވަރަށް ގިނައިން ވިހާ އެހެނަސް ވަރަށް އުމުރު ކުރު ތަކެއްޗެވެ. މެއްސެއް ދިރިއުޅެނީ ހަފުތާއަކަށް ނުވަތަ ދެ ހަފުތާއަށެވެ. އެސޮރު ބިސް އަޅާއިރު ލައްކައިން ބިސް އަޅައެވެ. އެސޮރު އަހަރަކަށް ނުވަތަ ދެ އަހަރަށް ދުނިޔޭގައި އުޅެވޭ ގޮތަށް ލައްވައިފައި ވާ ނަމަ، ހުރިހާ އިންސާނުންގެ ހަށިތައް ފޮރުވައިލާ ވަރަށް އެސޮރުމެން ގިނަވެ އަހުރެމެންގެ ލޯތަކާއި ތުންފަތްތައް އެސޮރުމެން ކާ ހިސާބަށް ދިޔައީހެވެ. އެފަދަ ޖައްވެއްގައި ދިރިއުޅުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ކުޅަދާނަ ކަމަކަށް ނުވީހެވެ. އެހެންނަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަމުން ހުރިހާ މަޚްލޫޤުން ހިމެނޭހެން ހުރިހާ ކަމެއް ވަނީ ފުރިހަމައަށް ރާއްވަވައި އިންތިޒާމުކުރައްވައިފައެވެ.
ކައުނުގެ ޙަޤީޤަތާއި އޭގައިވާ ޢަޖާއިބެއްފަދަ ޚަލްޤުތަކުންނާމެދު ވިސްނައި ފިކުރުކޮށް ބެލުމަށް ޤުރްއާނުގައި އަންގަވާފައި ވަނީ ވަރަށް ބޮޑު ޙިކުމަތަކަށް ޓަކައެވެ. ޚަލްޤުކުރައްވައި ފުރިހަމަ ކުރެއްވި، އަދި ޙިކުމަތާ އެކު ތަދްބީރުކުރައްވައި، ކޮންމެ އެއްޗަކަށްމެ އޭގެ ސިފައާއި ޠަބީޢަތް ދެއްވައި މަގު ދެއްކެވި ރަސްކަލާނގެ ހުސްޠާހިރުވަންތަ ކަމާއެވެ.
 
											
										 
					 
                 
                                                            