ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރަން އަލުން ފެށުމަށް އެމެރިކާ ނިންމައިފި

ޓްރަމްްޕް

ސޯލް (30 އޮކްޓޯބަރު 2025): އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރުން ހުއްޓާލައިފައި އޮތް އޮތުން ނިމުމަކަށް ގެނަސްފިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރެއްވުމަށް ދެކުނު ކޮރެއާއަށް ވަޑައިގަތުމަށްފަހު އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވާފައިވަނީ އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރުން އަވަސްކުރުމަށް އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާއަށް އަންގާފައިވާނެ ކަމުގައެވެ.

ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރަން އަލުން ފަށަން ނިންމި ސަބަބެއް އަދި މިކަމާބެހޭ އިތުރު ތަފުސީލެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އަދި އެހަތިޔާރު ތަޖުރިބާ ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ހުރިހާ ގައުމުތަކަކަށްވެސް މަނާކަމެކެވެ.

ނަމަވެސް އެމެރިކާއަކީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު އަމިއްލައަށް މިކަން ހުއްދަކޮށްގެން އުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެމެރިކާ އަކީ ނިއުކްލިޔާ ހަތިޔާރު ދެވަނައަށް އެންމެ ގިނަ ގައުމެވެ. ނަމަވެސް އެމެރިކާ ގެންދަނީ އެމެރިކާއަށް ބޯނުލަނބާ ގައުމެއް ކަމަށްވާ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް އެއީ މާބޮޑުކަމެއްކަމަށް ހަދައިގެން އީރާނަށް ބިރުދައްކަމުންނެވެ. މި މައްސަލައިގައި އެމެރިކާވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިވަޅުތަކެއް އަޅައި އިސްރާއީލާ ގުޅިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންވެސް އަޅާފައެވެ.

ނަމަވެސް ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާއިރު އެމެރިކާ ގެންދަނީ މިކަމާ އަޅާނުލައި ދެނަހުރިކަމަށް ނުހަދަމުންނެވެ. އިސްރާއީލަކީ ގައުމަކަށް ވުރެބޮޑަށް އަރަބި އިސްލާމީ ގައުމުތައް ބަލިކަށި ކުރުމަށާއި އަރަބި ސަރަހައްދަށް ހަންފަތުރަން އެމެރިކާ ހިންގާ އިސްތިއުމާރީ ހަރަކާތްތަކުގައި ބޭނުންކުރާ ޓޫލެއްކަމަށް ތުހުމަތު ކުރެވޭ އެންޓިޓީއެކެވެ. އީރާނުން އިސްރާއީލު ސިފަކުރަނީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއްގެ ގޮތުގައެވެ. އެމެރިކާ ދާދިފަހުންވަނީ އިސްރާއީލާ ގުޅިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންވެސް އަޅާފައެވެ.

ޖިއޮޕޮލިޓިކްސްގެ ގޮތުން އެމެރިކާވަނީ އެމެރިކާ ފަޅީގެ ގައުމެއްކަމަށްވާ ދެކުނު ކޮރެއާއަށް ނިއުކްލިޔާ ހަކަތައިން މަސައްކަތްކުރާ ސަބްމެރިންއެއް އުފެއްދުމުގެ ފުރުސަތު ދީފައެވެ. އެމެރިކާ އަކީ އެމެރިކާ ބޭނުންވާ ގައުމަކަށް ނިއުކްލިޔާ ބާރުވެރިކަމުގެ ފުރުސަތު ދީފައި އެމެރިކާއާ ދެކޮޅު ގައުމުތަކަށް މިފުރުސަތު ނުދިނުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

މިއީ ނިއުކްލިޔާ ޓެކްނޮލޮޖީ އަކީ އަމިއްލަ އެއްޗަކަށް ހަދައިގެން އެޓެކްނޮލޮޖީ އަމިއްލަކޮށް މޮނޮޕޮލީ ކުރުމުގެ ސިޔާސަތެއް އެމެރިކާ ގެންގުޅޭކަމުގެ އެންމެ ބޮޑު ނިޝާންކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

ރަޝިއާ ދާދި ފަހުންވަނީ ނިއުކްލިޔާ ހަކަތައިން ދަތުރުކުރާ ކްރޫޒް މިސައިލް އަކާއި ނިއުކްލިޔާ ހަކަތައިގެ އެހީގައި ކަނޑުގެ އަޑިން ދަތުރުކުރާ ޓްރޮޕިޑޯ މިސައިލެއްވެސް ތަރައްގީކޮށްފައެވެ. މީގެއިތުރުން ރަޝިއާގެ ނިއުކްލިޔާ ހަތިޔާރުތައް ޒަމާނީކޮށް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއްވެސް ރަޝިއާ ވަނީ ފަށާފައެވެ. އެމެރިކާއިން ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކުރުމުގެ މަސައްކަތް ފަށަން ނިންމި މައިގަނޑު ސަބަބަކީ ރަޝިއާގެ މި ނިއުކްލިޔާ ހަރަކާތްތައްކަމަށް މުހައްލިލުން ލަފާކުރައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު