ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށް، އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އެ ނިންމުން ޔޫތު މިނިސްޓްރީން މިއަދު ބާތިލުކޮށްފިއެވެ.
އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.
އެ ލިސްޓު އާންމު ކުރުމާ އެކު ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ނޫސްވެރިންތަކެއް: ކަންބޮޑުވުން ފާޅުކުރުމުން، މީޑިއާތަކަށް ފައިސާ ދިނުން ބާތިލު ---- ފޮޓޯ/ ރައީސް އޮފީސް
އެއީ، މީޑިއާތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ބުނެއެވެ.
އެގޮތުން، ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.
އޭގެ ފަހުން މިއަދު ޔޫތު މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ.
އެކަމަކު، އާ މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ، މީޑިއާތަކަށް މާލީ އެހީދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނާ ހަވާލުކޮށް، އުސޫލާ ގުޅޭ ހުރިހާ އިއުލާނުތައް ބާތިލުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީން އެހެން ނިންމިއިރު، މީޑިއާތަކަށްދޭ ފައިސާ ހޯދުމަށް ލިޔެކިޔުންތައް ހުށަހެޅުން ހިމެނޭހެން ގިނަ މަސައްކަތްތަކެއް އެ ކަމަށް އެދި ހުށަހެޅި މީޑިއާތަކުން ވަނީ ކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
 
											
										 
					 
                 
                                                            