ކުރީ ސަރުކާރުތަކުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސިން ހޯދަންޖެހޭ މިންވަރު 26.3 ބިލިއަން ރުފިޔާއަށް އުފުލޭނެކަމަށް އަންދާޒާކުރެވޭއިރު މީގެ ތެރެއިން، ދަރަނި އަދާކުރުމަށް ޖުމުލަ 12.9 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ, 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާއެވެ.
އެހެން ކަމުން އެހެން ސަރުކާރުތަކުން ނަގާފައިވާ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި ބަލާނަމަ އަންނަ އަހަރުގެ ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެކެވެ.
ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ގޮތް:
- ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި، ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދުން.
 
- ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން 450 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ ހޯދުން.
 
- ރައީސުލްޖުމްހޫރިއްޔާ އެކުވެރި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ބަޖެޓު ސަޕޯޓަށް ހޯދުމަށް ރާވާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ.
 
- ރާއްޖޭގެ މާލީ އިދާރާތަކުން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ ހޯދުން.
 
- ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާނެ ފައިސާއިން ވަކި އަދަދެއް ދައުލަތުގެ ދަރަނި ދެއްކުމަށް ކަނޑައަޅައިގެން، 4.2 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ބޭނުންކުރުން.
 
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިގޮތުގައި އެމްޑީޕީގެ ވެރިކަން ނިމުނު 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ. އަދި ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ވަނީ ދަށްވެފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓު ފޮތް: އަންނަ އަހަރުގެ ބަޖެޓުގެ 62 އިންސައްތައަކީ ހިންގުމުގެ ޚަރަދު -- ފޮޓޯ/ މަޖިލިސް
މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށާއި ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު މިހާރު އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި 
ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.