އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރަން ފިޔަވަޅެއް ހިމަނާފައިނުވި ނަމަވެސް އާމްދަނީއާއި ހިލޭ އެހީ 40 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފިއެވެ.
އަންނަ އަހަރަށް ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.
އެއީ، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ހިންގުމުގެ ޚަރަދަށެވެ. އެއީ ޖުމުލަ ބަޖެޓުގެ 62 އިންސައްތައެވެ.
އެ ބަޖެޓުގައި ދަރަނި އަނބުރާ ދައްކަން 9.3 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރަން އެއްވެސް ފިޔަވަޅެއް ހިމަނާފައިނުވާނެ ކަމަށެވެ.
"ނަމަވެސް، ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ޤާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީއިން އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރު ޓެކްސްގެ ގޮތުގައި 31.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި، އެ ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ހިލޭ އެހީގެ ގޮތުގައި ހިސާބު ޖަހާފައިވަނީ 373.6 މިލިއަން ރުފިޔާއެވެ.
މިއީ މި އަހަރަށް އަންދާޒާކުރާ ހިލޭ އެހީއާއި އާމްދަނީއަށްވުރެ 6.6 އިންސައްތަ އިތުރު އަދަދެކެވެ.
ޒަމީރު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތް ނިމި، ސަރަހައްދީ އެއާޕޯޓުތައް ވެސް އިތުރަށް ތަރައްގީވުމާ އެކު ޓީޖީއެސްޓީއާއި، ގްރީން ޓެކްސް، އެއާޕޯޓު ޓެކްސް އަދި ފީތަކުން ލިބޭ މިންވަރު އިތުރުވާނެ ކަމަށް އަންދާޒާކުރާ ކަމަށެވެ.
އެގޮތުން، އެއާޕޯޓު ފީގެ ގޮތުގައި އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ. އަންނަ އަހަރަށް ހުށަހެޅި 64 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.