މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް

ބައްސާމް، ޖަލުގައި އިނދެގެން އޮންލައިންކޮށް ޝަރިއަތުގައި ބައިވެރިވަނީ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއެކު، 154،000 ރުފިޔާގެ ޖޫރިމަނާއެއް މިއަދު ކޮށްފިއެވެ.

މިއީ، ބައްސާމް 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުގައި ހުރެ، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައެވެ.

މި މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވާފައެވެ.

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް މިއަދު އިއްވި ހުކުމަކީ ދެވަނަ ހުކުމެވެ. އެއީ، 10،000 ޑޮލަރާ ގުޅޭ ކޭސްގެ މަނީ ލޯންޑްރިންބައެވެ.

މި ކުށުގެ އަދަބަކަށް ދައުލަތުން ޝަރިއަތުގައި އެދުނީ 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު ބައްސާމް އެދުނީ ލުއި އަދަބެއް މި މައްސަލައިގައި ދިނުމަށެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް އިއްވި ހުކުމަކީ ފަސް އަހަރުގެ ޖަލު ބަންދާއެކު، 154،000 ރުފިޔާގެ ޖޫރިމަނާއެކެވެ.

ދެ މައްސަލައެއްގައި ޖުމްލަ ނުވަ އަހަރުގެ ހުކުމެއް މިހާރު ބައްސާމް ތަންފީޒު ކުރަމުންދާއިރު، ހިޔާނާތާއި މަނީ ލޯންޑްރިންގެ އެހެން މައްސަލަތަކެއް މިހާރުވެސް ޝަރިއަތުގައި ބައްސާމްއާ ދެކޮޅަށް ކުރިއަށް އެބަދެއެވެ.

މިއަދުގެ ޝަރިއަތުގައި ބައްސާމް ބައިވެރިވީ ޖަލުގައި ހުރެގެން އޮންލައިންކޮށެވެ. ޝަރީއަތުގައި ބައްސާމް މިއަދު ވާހަކައެއް ނުދައްކައެވެ.

comment ކޮމެންޓް